Advertisement

އުތުރު ކޮރެއާގެ ނުރުހުން ބައިޑެންގެ ސަރުކާރަށް

ދެކުނު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން. -ފޮޓޯ: އޭއެފްޕީ


އުތުރު ކޮރެއާގެ ނުރުހުން ބައިޑެންގެ ސަރުކާރަށް

އުތުރު ކޮރެއާގެ ސަރުކާރާއި ނިއުކްލިއާ ޕްރޮގްރާމާ މެދު އެމެރިކާއިން ގެންގުޅޭނެ ސިޔާސަތު އިއުލާނު ކުރަން ތައްޔާރުވަމުން ދަނިކޮށް، އުތުރު ކޮރެއާއިން އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރާ މެދު ނުރުހުން ފާޅުކޮށްފި އެވެ.

އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާ ސަރުކާރުން ދައްކާފައިވާ ވާހަކަތަކުން ދޭހަވަނީ އުތުރު ކޮރެއާއާ މެދު "ރުޅިވެރިިކަމުގެ ސިޔާސަތެއް" ގެންގުޅެން ބޭނުންވާކަން ކަމުގަ އެވެ.

މިދިޔަ ހަފްތާގައި ބައިޑެން ވިދާޅުވީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ ދުނިޔޭގެ ސަލާމަތަށް އޮތް "ސީރިއަސް ނުރައްކަލެއް" ކަމަށެވެ. ވައިޓް ހައުސްއިން ބުނީ އުތުރު ކޮރެއާއާ މެދު އަމަލު ކުރާނީ ވިސްނުންތެރިކޮށް ކަމަށެވެ.

ތަރުޖަމާނު ޖެން ސާކީ ވިދާޅުވީ އެމެރިކާގެ ހާރިޖީ ސިޔާސަތު މުރާޖައާކޮށްފައިވާ ކަމަށާއި އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމް ހުއްޓުވަން ކުރީގެ ހަތަރު ސަރުކާރުން ފެއިލްވި ސަބަބުތައް ދެނެގަނެ، އާ ސަރުކާރުން ފިލާވަޅު ލިބިގަނެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޔާސަތަކީ ދެ ގައުމަށް ފައިދާވާނެ ގޮތަކަށް އެއްބަސްވުމެއް ނޫން. އެއީ ސްޓްރެޓެޖިކް ކެތްތެރިކަމުގެ ސިޔާސަތެއް ވެސް ނޫން،" ސާކީ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި އާ ސިޔާސަތު ބިނާވަނީ "ޕްރެކްޓިކަލް" ނުވަތަ އަމަލުން ކަންކަން ކުރުމަށާއި ޑިޕްލޮމެޓިކް ގުޅުންތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސަތަށް ގެނައި ބަދަލާ މެދު މަޝްވަރާ ކުރަން ޖަޕާނާއި ދެކުނު ކޮރެއާގެ ވެރިން ވަރަށް އަވަހަށް އެމެރިކާއާ އެކު މަޝްވަރާ ކުރާނެ ކަމަށް ބެލެވެ އެވެ.

މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އުތުރު ކޮރެއާގެ ސަރުކާރާ ވާހަކަ ދެއްކުމަށް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް އަދި ނުވެ އެވެ.

ބައިޑެން ރައީސްކަމަށް ވަޑައިގެންނެވުމުން އެކަން ބަލައިގަންނަ ކަމުގެ އެއްވެސް އިޝާރާތެއް ވެސް އުތުރު ކޮރެއާއިން މިހާތަނަށް ދީފައެއް ނުވެ އެވެ.

އިންތިހާބުގެ ކުރިން ކުރި ކެމްޕޭނުގައި ބައިޑެން ވަނީ އުތުރު ކޮރެއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުން އަކީ އަނިޔާވެރިއްގެ ގޮތުގައި ސިފަ ކުރެއްވި އެވެ.

ރައްދުގައި ކިމް ޖޮންގް އުން ވިދާޅުވީ އެމެރިކާއަކީ އުތުރު ކޮރެއާގެ އެންމެ ބޮޑު ދުޝްމަން ކަމަށާއި ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާ ނުލާނެ ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕް އަދި ކިމް ޖޮންގް އުން.--


ބައިޑެންގެ ކުރިން ރައީސްކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕަކީ ކިމް ޖޮންގް އުންއާ ސީދާ ގުޅުން ބޭއްވެވި އެމެރިކާގެ ހަމައެކަނި ރައީސެވެ. ޓްރަމްޕާއި ކިމް ތިން ފަހަރެއްގެ މަތިން ބައްދަލުވެސް ކުރެއްވި އެވެ.