Advertisement

މާޒިޔާގެ ފޯކަސް އަކީ ބޮޑު ފުރުސަތުގެ ބޭނުން ހިފުން: ވިޑަކޮވިޗް

2 މޭ 2021 - 09:25 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މާޒިޔާގެ މެޗަކަށް ފަހު ވިޑަކޮވިޗް އެ ޓީމުގެ ކުޅުންތެރިއަކާ ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


މާޒިޔާގެ ފޯކަސް އަކީ ބޮޑު ފުރުސަތުގެ ބޭނުން ހިފުން: ވިޑަކޮވިޗް

2 މޭ 2021 - 09:25 0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުންނައިރު، މި ވަގުތަށް މާޒިޔާގެ ބޮޑު ފޯކަސް އަކީ ލީގުގެ އެއް ވަނައިގައި ލީޑުފުޅާކުރަން ލިބިފައި މި އޮތް ބޮޑު ފުރުސަތުގެ ބޭނުން ހިފުން ކަމަށް މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.

މާޒިޔާ މި ވަގުތު އެއް ވަނައިގައި އޮތީ 13 މެޗުން 31 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށް 14 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، މިރޭ އީގަލްސް އަތުން މާޒިޔާ މޮޅުވެއްޖެނަމަ އެ ޓީމު ދެ ވަނަ ބުރު ނިންމާލާނީ ނުވަ ޕޮއިންޓްގެ ލީޑަކާ އެކު އެވެ. އެހެންވެއްޖެނަމަ ތިން ވަނަ ބުރުގައި ޗެމްޕިއަންކަން ހޯދަން މާޒިޔާ އިން ކުރަން ޖެހޭ މަސައްކަތަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ.

މި ސީޒަނުގައި މާޒިޔާ އަށް ހަމައެކަނި މޮޅެއް ނުލިބި އޮތީ އީގަލްސް އަތުންނެވެ. ޗެރިޓީ ޝީލްޑް މެޗުން މާޒިޔާ ވަނީ 3-2 އިން އީގަލްސް އަތުން ބަލިވެފަ އެވެ. އަދި ލީގުގެ ފުރަތަމަ ބުރުގައި އީގަލްސް އާއި މާޒިޔާ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ފާއިތުވި އަހަރުތަކުގައި ވެސް މާޒިޔާ އަށް އެންމެ އުނދަގޫ އެއް މެޗަކީ އަބަދުވެސް އީގަލްސްއާ ކުޅެން ޖެހޭ މެޗެވެ.

"އަހަންނަށް އެހެން މެޗެކޭ މި މެޗު ތަފާތެއް ނެތް. މިއީ އަހަރެމެންނަށް ވަރަށް އުނދަގޫވާނެ މެޗެއް. ވަރަށް ވަރުގަދަ ޓީމެއް އިދިކޮޅަށް މި އޮތީ. އެ މީހުން ކޮންމެ މެޗެއް އެ އަންނަނީ ކަންކަން ރަނގަޅުކުރަމުން. އެ މީހުން ބަލިކުރާނަމަ އަހަރެމެން 100 ޕަސެންޓް ދޭން ޖެހޭނެ،" މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިޑަކޮވިޗް ބުންޏެވެ.

"މިއީ (ލީގުގެ އެއް ވަނައިގައި) ލީޑެއް ނަގަން ލިބިފައި އޮތް ބޮޑު ފުރުސަތެއް. މި މެޗަށް ފަހު އޭއެފްސީ ކަޕަށް ތައްޔާރުވާން ވަރަށް ވަގުތު އެބައޮތް. އެހެންވީމަ މި މެޗުން މޮޅުވެގެން އަހަރެމެންނަށް ލީގުގެ ކަންތައްތަކަށް ލުޔެއް ހޯދިދާނެ،"

މާޒިޔާ އާއި އީގަލްސް ވެސް މި މަހުގައި އޭއެފްސީ ކަޕްގައި ކުޅެން ޖެހޭތީ ދެ ޓީމުގެ ސިކުނޑީގައި ވެސް އެ މުބާރާތުގެ ކަންކަން ހުންނާނެ ކަމަށް ވިޑަކޮވިޗް ގަބޫލުކުރެ އެވެ. އެކަމަކު އެއީ ޝަކުވާއެއް ކަމަށް ބަލައި މި ވަގުތު އެ ވާހަކަ ދެއްކުމުގެ ބަދަލުގައި މާޒިޔާ ވިސްނަންވީ މި މެޗުން މޮޅުވާން ކަމަށް ވިޑަކޮވިޗް ބުންޏެވެ.

"އަހަރެންގެ ނަޒަރުގައި މިއީ އަހަރެމެންނަށް އެންމެ މުހިއްމު އެއް މެޗު،" ކުރިން ސާބިއާ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ވިޑަކޮވިޗް ބުންޏެވެ.

އީގަލްސް އަކީ ބޯޅަ ހިފަހައްޓައިގެން ކުޅޭ ޓީމެއް ކަމަށާއި އެއީ މާޒިޔާގެ ވެސް ވިސްނުންކަމަށްވާއިރު މިރޭގެ މެޗަކީ ދެ ޓީމުގެ މެދުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުމުގެ ފައިޓް ވެސް ފެންނާނެ މެޗެއް ކަމަށް ވިޑަކޮވިޗް ގަބޫލުކުރެ އެވެ.

ލީގުގައި އެންމެ ފަހުން މާޒިޔާ ކުޅުނު މެޗަށް ފަހު ވިޑަކޮވިޗް ވަނީ އެ ޓީމުގެ ކުޅުންތެރިންގެ އެޓިޓިއުޑް ރަނގަޅުނުކޮށް ކުޅުން އިތުރަށް ރަނގަޅު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. އެ ކަންކަމަށް ހައްލެއް ގެންނަން ބަލާއިރު އޭއެފްސީ ކަޕް ވެސް ކުރިމަތީގައި އޮތުމާ އެކު ކުޅުންތެރިންގެ ފޯކަސް ބޮޑަށް މި ހުރީ އޭއެފްސީ ކަޕަށް ކަމަށް ވިޑަކޮވިޗް ދެކެ އެވެ. އެހެންވެ އޭނާ ބޭނުންވަނީ އޭއެފްސީ ކަޕަށް ދާއިރު ޓީމުގެ ރޫހު ރަނގަޅުކުރަން މި މެޗުގެ ބޭނުން ހިފުމަށެވެ.

"އޭއެފްސީ ކަޕަށް މޮޓިވޭޝަން ވަރަށް ރަނގަޅުވާނެ. އެއީ ލީގާ ވަރަށް ތަފާތު މުބާރާތެއް. އަހަރެމެން ލީގުގައި އެއް ޓީމުތަކަކާ ދެކޮޅަށް ތިނެއް ނޫނީ ހަތަރު ފަހަރު ކުޅޭތީ އޮންނަނީ އާދަޔަކަށް ވެފައި. ޓީމުތައް ވެސް ކުޅުންތެރިން ވެސް އެނގޭ. އެކަމަކު އޭއެފްސީ ކަޕް ހުރިހާ ގޮތަކުން ތަފާތު. އެހެންވެ ކުޅުންތެރިންގެ މޮޓިވޭޝަން ވެސް އެ މުބާރާތަށް ރަނގަޅު،" ވިޑަކޮވިޗް ބުންޏެވެ. "އެކަމަކު މި ވަގުތަށް ލީގު މުހިއްމީ. އަހަރެމެން ފޯކަސް ކުރަންވީ އެ އަށް،"

މާޒިޔާއާ ދެކޮޅަށް ޓީމުތަކުން ކުޅޭ ޑިފެންސިވް ގޭމްގެ ސަބަބުން ފަހަކަށް އައިސް ވިޑަކޮވިޗް ވަނީ ބައެއް މެޗުތަކުގެ މެދުތެރެއިން ޓީމުގެ ފޯމޭޝަނަށް ބަދަލު ގެނެސްފަ އެވެ. އެ ގޮތުން ތިން ޑިފެންޑަރުން ލައިގެން މެދުތެރެއަށް މިޑްފީލްޑަރުން ގިނަ ކޮށްގެން ވެސް ގިނަ ފަހަރުތަކެއްގައި ވަނީ ކުޅެފަ އެވެ.

ވިޑަކޮވިޗް ބުނީ މެޗުން މޮޅުވާން ބަދަލުކޮށްލަނީ ހަމައެކަނި ފޯމޭޝަން ކަމަށާއި ކުޅުމުގެ ސްޓައިލަކީ އެޓޭކިން ފުޓްބޯޅަ ކަމަށެވެ. އަދި އެ އަށް ބަދަލެއް ނާންނާނެ ކަމަށް ވިޑަކޮވިޗް ބުންޏެވެ.

މާޒިޔާ އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިރޭ 22:00 ގަ އެވެ.