Advertisement

"މޯލްޑިވްސް ކްރިކެޓް އެޕް" ލޯންޗްކޮށް ސީބީއެމް އިން ތަފާތުދައްކައިފި

29 އޭޕްރީލް 2021 - 12:45 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

"މޯލްޑިވްސް ކްރިކެޓް އެޕް": މިހާރު ފަސޭހައިން ކްރިކެޓްގެ ފަހުގެ މައުލޫމާުތު ބަލައިލެވޭނެ.


"މޯލްޑިވްސް ކްރިކެޓް އެޕް" ލޯންޗްކޮށް ސީބީއެމް އިން ތަފާތުދައްކައިފި

29 އޭޕްރީލް 2021 - 12:45 0

ރާއްޖޭގެ ކްރިކެޓާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާއި އެ ނޫން ވެސް ކްރިކެޓާ ގުޅޭ މުހިއްމު ކަންކަން އަންގައިދިނުމުގެ ބޭނުމުގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން "މޯލްޑިވްސް ކްރިކެޓް އެޕް" ލޯންޗްކޮށްފި އެވެ.

ކްރިކެޓް ބޯޑުން އިއްޔެ ނެރުނު ބަޔާނުގައިވާގޮތުން ކްރިކެޓް އެޕް ބެހިފައި އޮތީ ދެ ބަޔަކަށެވެ. އެއީ ކްލަބް ކްރިކެޓާއި އެކެޑަމީ ކްރިކެޓް އެވެ. ކްލަބް ކްރިކެޓްގެ ތެރޭގައި މުބާރާތްތަކުގެ މައުލޫމާތާއި ލައިވްސްކޯތަކާއި ހަބަރާއި ފޮޓޯ ހިމެނޭނެ އެވެ. އެކެޑަމީ ކްރިކެޓްގެ ބައި ތެރޭގައި ހިމެނެނީ ޖޫނިއާ އާއި ޔޫތު ޑިވެލޮޕްމަންޓް ކްރިކެޓް ޕްރޮގްރާމްތަކުގެ މައުލޫމާތާއި މުހިއްމު ސްޓެޓިކްސްޓިކްސްތަކެވެ.

މި އެޕް މެދުވެރިކޮށް ކްރިކެޓް އެކެޑަމީ ހިންގާ ފަރާތްތަކުގެ ޕްރޮގްރާމްތައް ހިންގުމުގައި ފަސޭހަތަކެއް ލިބޭނެ އެވެ. އެ ގޮތުން ފެސިލިޓީ ބުކްކުރުމާއި ކުޅުންތެރިންގެ މައުލޫމާތު ބެލެހެއްޓުމުގައި ވެސް ކުރިއަށް ވުރެ ޒަމާނާ ގުޅޭގޮތަށް ލުއިތަކެއް ލިބޭނެ އެވެ.

ރާއްޖޭގައި ކްރިކެޓް ބޯޑުން ކުރިއަށްގެންދާ ހުރިހާ ކްރިކެޓް މުބާރާތްތަކުގެ ލައިވްސްކޯ އާއި ކުޅުންތެރިންގެ މައުލޫމާތުގެ އިތުރުން މުހިއްމު ސްޓެޓިކްސްޓިކްސް ފެންނަން ހުންނަ މި އެޕް އެޕަލް ސްޓޯރުންނާއި ގޫގަލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.

ކްރިކެޓް ބޯޑުގެ ނައިބް ރައީސްކަމާއި ޖެނެރަލް ސެކްރެޓަރީކަން ކުރެއްވި މުހައްމަދު ފައިސަލް އެ އެސޯސިއޭޝަންގެ ރައީސަކަށް އިންތިހާބުވީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ. ދުރުރާސްތާ އާއި ކައިރި މުސްތަގުބަލުގައި ހާސިލްކުރަން ބޭނުންވާ ކަންތައްތައް ކުރަން ފައިސަލް ވަނީ ޕްލޭނެއް އެކުލަވާލައިފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ މި އެޕްގެ މަސައްކަތެވެ.

ފައިސަލް ވިދާޅުވީ މި އެޕަކީ އޭނާގެ ޓީމުގެ އިލެކްޝަން މެނިފެސްޓޯގައި ހިމެނިފައިވާ ކަމެއް ކަމަށާާއި މީގެ ބޭނުމަކީ ކްރިކެޓް ޕްރޮމޯޓްކޮށް ވީހާވެސް ބޮޑަށް އާންމުންނަށް ރާއްޖޭގެ ކްރިކެޓާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

"މި އެޕްގެ ސަބަބުން ކުޅުންތެރިންނަށް ވެސް ވަރަށް ބޮޑު ފައިދާއެއް ކުރާނެ. އެ ކުޅުންތެރިންގެ ހުރިހާ ސްޓެޓިސްޓިކްސް އެއް އެޕް ތެރެއިން ބެލޭނެ،" ފައިސަލް ވިދާޅުވި އެވެ.

ކްރިކެޓް ބޯޑްގެ ޑިވެލޮޕްމަންޓް މެނޭޖަރު އިމާދު އިސްމާއިލް ބުނީ އެޕް މެދުވެރިކޮށް ހުރިހާ ކުޅުންތެރިންގެ ޕާފޯމަންސް ބެލޭނެ ކަމަށާއި އެކެޑަމީގެ ކަންތައްތައް ކުރިއަށްދާ ގޮތް ވެސް މޮނިޓާކުރެވޭނެ ކަަމަށެވެ. އަދި އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި ބެލެވިފައި އޮތް ކުޅުންތެރިން ކުރިއަރާ މިންވަރު ވަޒަންކުރުމުގެ ކަންކަން ވެސް މި އެޕްގެ ތެރެއިން ފަަސޭހަކަމާ އެކު ކުރެވޭނެ ކަމަށެވެ.

ކްރިކެޓް އެޕް މެދުވެރިކޮށް މިހާރު ކުރިއަށްދާ ރޯދަ ކްރިކެޓް ކާނިވަލްގެ އެންމެ ފަހުގެ މައުލޫމާތުތައް ވެސް ލިބޭނެ އެވެ.