27 އޭޕްރީލް 2021 - 15:50 0
މުހައްމަދު ވިޝާމް
މަރުކަޒީ ބޭންކު އެމްއެމްއޭ ހިންގާ އިމާރާތަށް މީހަކު ވަންނަނީ: ގައުމީ ޕޭމަންޓް ސިސްޓަމެއް ގާއިމުކުރަން މަޖިލީހުން ވަނީ ފާސްކޮށްފަ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
27 އޭޕްރީލް 2021 - 15:50 0
ރާއްޖޭގައި ކުރެވޭ މާލީ އެކިއެކި މުއާމަލާތްތައް ހަރުދަނާކޮށް ޒަމާނީކުރުމުގެ މަގުސަދުގައި ގައުމީ ޕޭމަންޓް ސިސްޓަމެއް ގާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ހުށަހަޅުއްވާފައިވާ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތްތަކުގެ ބިލު މަގުސަދަކީ މާލީ މުއާމަލާތް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމް ފަހިކޮށްދިނުން ކަމަށް ބަޔާންކޮށްފައިވެ އެވެ.
އަދި މިފަދަ ނިޒާމަކާއެކު ރާއްޖެއާއި ރާއްޖޭއިން ބޭރަށް ފަސޭހަކަމާއެކު ބޭންކު މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.
އެ ބިލު ދިރާސާކުރި މާލިއްޔަތު ކޮމިޓީން އެ ބިލަށް މާބޮޑު އުނިއިތުރެއް ގެނެސްފައިނުވާއިރު، އެ ކޮމިޓީން ދިރާސކޮށް ނިންމި ގޮތަށް މިއަދުގެ ޖަލްސާގައި ތަޅުމުން ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެމްބަރުން އިއްތިފާގުންނެވެ.
އެ ސިސްޓަމް އަންނަ އޮކްޓޯބަރުމަހުގެ ތެރޭގައި ބޭނުންކުރަން ފެށޭވަރުވާނެކަމަށް ގަވަރުނަރު އަލީ ހާޝިމް ކުރިން ވިދާޅުވެފައިވެ އެވެ.
އަދި މި ނިޒާމުގެ ސަބަބުން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ޕޭމަންޓް އިންޑަސްޓްރީގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެންދިއުމާއެކު ހަރަދުކުޑަކޮށް މާލީ މުއާމަލާތްތައް ކުރެވޭނެ ޒަމާނީ ވިސްނުންތައް މާކެޓަށް ނެރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.
ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރަން، އެފަދަ މަސައްކަތް ކުރަން ދުނިޔޭގައި މަޝްހޫރު ފިންލޭންޑުގެ ކުންފުންޏަކާ ހަވާލުކުރެވުނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގަ އެވެ.
Comment