26 އޭޕްރީލް 2021 - 13:52 0
އަމަން ހަލީމް
އެގްރޯނެޓާ ހަވާލު ކުރި ތިން ރަށް: ހއ. މުލިދޫ (ވ-1)، ގދ. ގަން (މ) އަދި ލ. ގާދޫ (ކ-1) -- ފޮޓޯ: ގޫގްލް އާތު
26 އޭޕްރީލް 2021 - 13:52 0
އެގްރޯ ނެޝަނަލް މޯލްޑިވްސް (އެގްރޯނެޓް) އާއި ފިޝަރީޒް މިނިސްޓްރީން ހަވާލު ކުރި ތިން ރަށުގައި ދަނޑުވެރިކަން ކުރާނީ ދިވެހި ދަނޑުވެރިންނަށް ދަނޑު ބިން ދޫކޮށްގެން ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
ފިޝަރީޒް މިނިސްޓްރީން އެގްރޯނެޓާ ހަވާލު ކުރި ތިން ރަށަކީ ހއ. މުލިދޫ، ލ. ގާދޫ އަދި ގދ. ގަން އެވެ. މި ތިން ރަށުގެ ބިމުގެ ޖާގައަކީ 384.4 ހެކްޓަރެވެ. މި ތިން ރަށް އެގްރޯނެޓާ ހަވާލު ކުރެވުނީ އެ ކުންފުނިން ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއު ހިންގުމަށެވެ.
މިކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި އެގްރޯނެޓުން ބުނީ، ބިމުގެ ދަތިކަމަކީ ރާއްޖޭގެ ދަނޑުވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށެވެ. އަދި މި ތިން ރަށުން، ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރުމުން މި މައްސަލަ ހައްލު ވާނެ ކަމަށް އެ ކުންފުނިން ގަބޫލު ކުރެ އެވެ.
މި ރަށްތަކުގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަަރާތްތަކަށް ބިން ދޫކުރަނީ ކޮންޓްރެކްޓް ފާމިން އުސޫލުން އެގްރޯނެޓުން ބޭނުންވާ ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ އުފެއްދުމަށެވެ. އެ ކުންފުނިން މިހާރު ވެސް އަންނަނީ 17 ބާވަތެއް ހެއްދުމުގެ މަސައްކަތް ދަނޑުވެރިންނާ ހަވާލު ކޮށްގެން ކުރަމުންނެވެ.
އެގްރޯނެޓުގެ ކޮންޓްރެކްޓް ފާމިންގެ ކާމިޔާބީ ފާހަގަކޮށް އެ ކުންފުނިން ކުރި ޓްވީޓެއް
އެގްރޯނެޓުން ހައްދާ ބާވަތްތަކަކީ މެލަން، ފަޅޯ، ކަރާ، ކެބެޖް، ޗައިނީސް ކެބެޖް، ލެޓިއުސް، ފަތްކެޔޮ، ބަޓާނާ، ބަށި، ބަރަބޯ، ޓޮމާޓޯ، ކިއުކަމްބާ، ޗިޗަންޑާ، ތޮރާ، މާމިއާ ތޮޅި، ބީންސް އަދި ކެޕްސިކަމް އެވެ.
އެގްރޯނެޓުން ބުނީ އެ ތިން ރަށުން ދަނޑުުވެރިކަން ކުރަން ބިންތައް ދޫކުރާނީ ދިގުމުއްދަތަށް ކަމަށެވެ. މި ބިންތައް ދިނުމުގައި އިސްކަން ދޭނީ މި ތިން ރަށާ ކައިރި ރަށްރަށުގައި އުޅޭ މީހުންނަށެވެ. އަދި އެ އަތޮޅެއްގެ މީހުންނަށް ވެސް ފުރުސަތު އޮންނާނެ އެވެ.
އެގްރޯނެޓުން ބުނި ގޮތުގައި އެ ކުންފުނިން އަންނަނީ މިހާރު ވެސް ކާމިޔާބު ކަމާ އެކު 45 ރަށެއްގައި ކޮންޓްރެކްޓް ފާމިން ހިންގަމުންނެވެ.
މި ކޮންޓްރެކްޓް ފާމިން މަޝްރޫއުގައި މިހާތަނަށް 400 މީހަކާ އެކު އެއްބަސްވުންތަކުގައި ސޮއި ކޮށްފި އެވެ. އަދި އިތުރު 684 މީހަކާ އެކު އެގްރިމެންޓު ކުރުމުގެ މަރުހަލާ ދަނީ ކުރިއަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment