Advertisement

އިންޑޮނީޝިއާއިން ގެއްލުނު ސަބްމެރީން އޮތީ ތިން ބަޔަށް ބުރިބުރިވެފައި

26 އޭޕްރީލް 2021 - 00:27 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑޮނީޝިއާއިން ގެއްލުނު ސަބްމެރީންގެ ބައިތައް ކަނޑުގެ އަޑީގައި.-- ފޮޓޯ: އީޕީއޭ


އިންޑޮނީޝިއާއިން ގެއްލުނު ސަބްމެރީން އޮތީ ތިން ބަޔަށް ބުރިބުރިވެފައި

26 އޭޕްރީލް 2021 - 00:27 0

މިދިޔަ ބުދަ ދުވަހު ބާލީގެ އައްސޭރިފަށާ 100 ކިލޯމީޓަރު ދުރުން ގެއްލުނު އަސްކަރީ ސަބްމެރީން ކަނޑުގެ އަޑީގައި ތިން ބަޔަށް ބުރިބުރިވެފައި އޮއްވާ ފެނިއްޖެ އެވެ.

އޭގައި ދަތުރު ކުރި 53 މީހުން މަރުވެފައިވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ކަނޑުގެ ސިފައިން ބުނީ ސަބްމެރީން އޮތީ ކަނޑުގެ 800 މީޓަރަށް ވުރެ ފުން ހިސާބެއްގައި ކަމަށެވެ. އެއީ އެ އުޅަނދަށް ދެވޭ ފުންމިނަށް ވުރެ މާ ފުނެވެ.

އެ ތަނުގައި ސަބްމެރީން އޮތްކަން ޔަގީންކުރީ ސިންގަޕޫރުން އިންޑޮނީޝިއާއަށް ފޯރުކޮށްދިން ކަނޑު އަޑީގައި މީހުން ސަލާމަތް ކުރަން ބޭނުން ކުރާ އުޅަނދެއްގެ އެހީގަ އެވެ.

"ކޭއާރްއައި ނަންގަލަ-402" ސަބްމެރީން ގެއްލުނީ ބާލީގެ އުތުރުން ކުރިއަށް ދިޔަ އަސްކަރީ ތަމްރީނެއްގައި ފުނަށް ދިޔުމަށް ހުއްދަ ހޯދި ފަހުންނެވެ. އެ ސަބްމެރީން ފެތުނު ސަބަބު އަދި ސާފެއް ނުވެ އެވެ.

ސަބްމެރީނ ކަނޑުގެ އަޑީގައި ބުރިބުރިވެފައި އޮތް މަންޒަރު ފެންނަ ފޮޓޯތައް ލިބުމުގެ ކުރިން އެ ސަރަހައްދުން ވަނީ އޭގެ ބައެއް ބައިތައް ވެސް ފެނިފަ އެވެ.

ޖަރުމަނުގައި 1970 ގެ ތެރޭގައި އުފެއްދި އެ ސަބްމެރީން ވަނީ 2012 ވަނަ އަހަރު ދެކުނު ކޮރެއާގައި ދެ އަހަރުގެ ދިގު މަރާމާތެއް ކޮށް ނިންމާފަ އެވެ.

ސަބްމެރީން ގެއްލުނު ކަމަށް ބެލެވޭ ސަރަހައްދުގައި ކަނޑުގެ މަތީގައި ތެލުގެ ތުނި ފަށަލައަށް ފެންނަން އެބަ ހުއްޓެވެ. އެހެންކަމުން ބެލެވެނީ އޭގެ ފިޔުލް ޓޭންކަރަށް ގެއްލުމެއް ލިބުނު ކަމަށެވެ. ނަމަވެސް އިންޑޮނީޝިއާ ކަނޑުގެ ސިފައިން ބުނީ ދަތުރު ފެށިއިރު، އޭގައި މައްސަލައެއް ނެތް ކަމަށެވެ.