Advertisement

ގަން އިނގިރޭސިންނަށް ދިނުން، ނާސިރުގެ ގައުމިއްޔަތު އަދި ބޮޑުވަޒީރުގެ އިސްތިއުފާ!

24 އޭޕްރީލް 2021 - 10:21 3

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން


ގަން އިނގިރޭސިންނަށް ދިނުން، ނާސިރުގެ ގައުމިއްޔަތު އަދި ބޮޑުވަޒީރުގެ އިސްތިއުފާ!

24 އޭޕްރީލް 2021 - 10:21 3

ސްރީ ލަންކާ އިން ކިޔަވާވިދާޅުމަށް ފަހު ރާއްޖެ ވަޑައިގެން، 1932 ވަނަ އަހަރު އެކުލަވާލެވުނު ރާއްޖޭގެ ފުރަތަމަ ގާނޫނީ ސަރުކާރުގެ ވަޒީރުކަން ކުރެއްވި ނަމަވެސް ގިނަ ދިވެހީންނަށް އެއްގަމުގޭ އިބްރާހިމް އަލިދީދީ (އިބްރާހިމް ފާމުލަދޭރި ކިލެގެފާނު) ސޫރަކުރެވިފައި އޮތީ ހަކީމީ ބޭސްވެރިއެއްގެ ގޮތުގަ އެވެ. ބައްޕާޕުޅު އެއްގަމުގޭ ތުއްތު އަލިދީދީގެ ކިބައިން ވާރުތަވި ބޭސްވެރިކަމުގައި، ވަރަށް ގިނަ ދިވެހީންނަށް، ވަކިން ހާއްސަކޮށް ރަށްރަށަށް ދަތުރުކޮށްގެން އެމަނިކުފާނު ބޭސްކުރެއްވި އެވެ.

އެކަމަކު ރާއްޖޭގެ ސިޔާސީ މަސްރަހަށް އަރަމުން ދިޔަ ކުލަތަކާ އެކު، އިބްރާހިމް ފާމުލަދޭރި ކިލެގެފާނުގެ ސިޔާސީ ހަތާތްޕުޅުގައި ވެސް ދިޔައީ މަޑުމަޑުން ކުލަ ޖެހެމުންނެވެ. ސުލްތާން މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގައި ހަވަރު އެއްވެ ގާނޫނު އަސާސީ ވީދާލުމުން، ހަސަން ފަރީދުގެ ރޭއްވެވުމުގެ ދަށުން މޮޓަރުބޯޓުގައި ކޮޅުނބަށް އަރުވާލި ވަޒީރުންގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަތެވެ. އޭގެ ފަހުން ރަސްކަންކުރެއްވި ސުލްތާން ހަސަން ނޫރައްދީން އިސްތިއުފާ ދެއްވުމުން ގައުމު ހިންގަން އެކުލަވާލި ވަލީ ކޮމިޓީގައި ވެސް އެމަނިކުފާނު ހިމެނިވަޑައިގަތެވެ.

އެއަށް ފަހު ރަސްކަން އުވި، އުފެދުނު ފުރަތަމަ ޖުމްހޫރިއްޔާގައި، މުހައްމަދު އަމީނުގެ ރައީސްކަމުގައި ފާމުލަދޭރި ކިލެގެފާނު މަގާމެއް ނުފުރުއްވަ އެވެ. އަމީނުގެ ވެރިކަމާ މެދު އެމަނިކުފާނު މާބޮޑަކަށް ހިތްޕުޅާނުވާ ކަމަށްވެ އެވެ. އަމީނުގެ ނައިބް ރައީސް ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ އިސްވެ ހުންނަވައި 1953 ވަނަ އަހަރު އެ ވެރިކަން އިންގިލާބުކޮށްލުމަކީ ކިލެގެފާނުގެ ވެސް ރުހުން އޮތް ކަމެއް ކަމަށް ތާރީހު ހެކިދެ އެވެ. އޭގެ ހެއްކަކީ، އިންގިލާބު ކޮމިޓީގެ ދަށުން ދައުލަތް ހިންގުމުގެ ޒިންމާ އިބްރާހިމް މުހައްމަދު ދީދީއާ އެކު ނެންގެވުމުގެ ފުރުސަތު ފާމުލަދޭރި ކިލެގެފާނަށް ދެއްވުމެވެ.

"ރާއްޖޭގެ ރައްޔިތުން މުޅި ދުނިޔެ އަށް، އެ ސާބިތުކޮށްދިން ކަންތައްތަކުގެ ތެރެއިން އެންމެ މުހިއްމު ކަމެއްކަމުގައި އަޅުގަނޑު ދެކެނީ، އަނިޔާވެރިކަން ނައްތާލުމާއި، ހައްގު ދިފާއަކުން ދިފާއުކުރުމުގައި، ދިވެހި ރައްޔިތުން، އެންމެން އެއްބާރުލީކަމެވެ،" މުހައްމަދު އަމީނުގެ ވެރިކަން އިންގިލާބުކޮށްލުމާ މެދު ފާމުލަދޭރި ކިލެގެފާނު ވިދާޅުވެފައިވެ އެވެ.

އިބްރާހިމް ފާމުލަދޭރި ކިލެގެފާނު (ކ) އާއި މުހައްމަދު އަމީން (ވ-2) އިންޑިއާގެ އިސް އޮފިޝަލަކާ އެކު.


އިންގިލާބު ކޮމިޓީގެ ދަށުގައި ގައުމު މާ ގިނަ ދުވަސްތަކެއް ނުބާއްވައި ރާއްޖޭގައި އަލުން ރަސްކަން ގާއިމްކޮށް، ތަހުތަށް ސުލްތާން މުހައްމަދު ފަރީދު ދީދީ އިސްކުރެވުނެވެ. އަދި އެމަނިކުފާނުގެ ދަށުން ދައުލަތް ހިންގުމަށް ބޮޑުވަޒީރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން ފާމުލަދޭރި ކިލެގެފާނު އައްޔަންކުރި އެވެ.

ކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި ގައުމު ދަތުރުކުރަމުން ދިޔައީ ފައްސިޔައިގަ އެވެ. އިސްލާހީ ބަދަލުތަކެއް ގެންނެވި އެވެ. އަމީނުގެ ވެރިކަން ނިމުމާ އެކު، ނިވުނު ތައުލީމުގެ ދަންމަރު އަލުން ރޯކުރައްވައި، ރާއްޖޭގެ ތައުލީމުގެ އާ މުގައްރަރެއް ކަނޑައެޅުއްވި އެވެ. މާލޭ ދެކުނު ފަރާތުގައި ތޮށި ލެއްވި އެވެ. ފުރަތަމަ ފަހަރަށް، ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރެވުނެވެ. އަރަބިއަކުރުގެ ބަދަލުގައި ބޭނުންކުރަން ތިޖި ޖެހި ތާނަ ތައާރަފްކުރެވުނެވެ. ރާއްޖޭގައި ކުޅެވޭނެ ކުޅިވަރުތައް ކަނޑައެޅުމާއި ކުޅިވަރާބެހޭ ގަވާއިދެއް ކަނޑައެޅުނެވެ. ކަންކަމުން ނިންމަމުން ދިޔައީ ރާއްޖެތެރޭގެ ކޮންމެ އަތޮޅަކުން މަންދޫބަކު މާލެ ގެންނަވައިގެން އެކިއެކި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކޮށްގެންނެވެ.

ނާސިރުގެ ފުރަތަމަ ރޭއްވެވުން

ކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި ދެން ފެނިގެންދިޔައީ، އިންގިލާބުގެ ލީޑަރު އިބްރާހިމް މުހައްމަދު ދީދީ، ސިފައިންގޭގެ ވެރިކަމާއި މާލީ ކަންކަން އިބްރާހިމް ނާސިރުއާ ހަވާލުކުރެއްވުމަށް ފަހު ބޭސްކޮޅަކަށް ކޮޅުނބަށް ވަޑައިގެންނެވި ތަނެވެ. ތާރީހު ދިރާސާކުރައްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، އޭގެ ސަބަބަކީ ބޮޑުވަޒީރުކަން ލިބިވަޑައިނުގަތާއި ކިލެގެފާނުގެ ދަށުގައި ހުންނަވަން ބޭނުންފުޅުނުވުމެވެ. ކޮޅުނބުގައި އިބްރާހިމް މުހައްމަދު ދީދީ ހުންނެވި ހުންނެވުމުގައި ދިވެހި ރިޕްރެޒެންޓޭޓިވް މުހައްމަދު ޒަކީ އަށް އަމުރު ހިންގެވުމުން ދެ ބޭފުޅުންގެ މެދުގައި މައްސަލަ ޖެހުނެވެ. އެންމެ ފަހުން އެކަން ސަރުކާރަށް ހުށަހެޅުމުން ކިލެގެފާނު ނިންމެވީ ގާނޫނާއި ގަވާއިދުގެ އިމުގައި ހުންނެވީ މުހައްމަދު ޒަކީ ކަމަށެވެ. އެ މައްސަލައިގައި އިބްރާހިމް މުހައްމަދު ދީދީ އެނބުރި ރާއްޖެ ވަޑައިގަތުމަށް ސަރުކާރުން އެންގެވުމުން ވަޑައިނުގަތުމުން، ސަރުކާރުން ދެން އެންގެވީ ހުއްދަ ލިބިގެން މެނުވީ ވަޑައިނުގަތުމަށެވެ.

ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ.


އެކަން ވެގެންދިޔައީ، ރާއްޖޭގެ ވެރިކަމުގެ ހުވަފެން އޭރު ދެކެވަޑައިގަންނަވަމުން ދިޔަ ނާސިރަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުސަތަކަށެވެ. އިބްރާހިމް ދީދީ ރާއްޖޭގައި ވަޑައިގެންހުރެއްޖެ ނަމަ ނާސިރަށް ސިޔާސީ ގޮތުން ކުރި ނުހޯދިދާނެކަމަށް އޭނާ އަށް އޮތީ ގަބޫލުކުރެވިފަ އެވެ. އެހެންވެ، މުހައްމަދު ޒަކީ އާއި އިބްރާހިމް މުހައްމަދު ދީދީއާ ޖެހުނު މައްސަލައެއްގައި ކިލެގެފާނު ނިންމެވި ނިންމެވުމެއްގެ ފައިދާ ނާސިރު ނެންގެވީ އެވެ.

"އެކަމުގެ އަޑީގައި ހުންނެވީ ނާސިރު،" ނާސިރުގެ އާއިލީ ބޭފުޅަކު ވިދާޅުވި އެވެ.

ކިލެގެފާނަށް ދެން އަމާޒުވާން ފެށީ ނާސިރުގެ ސިޔާސީ ތީރުތަކެވެ. އެގޮތުން ވޯރާ ވިޔަފާރިވެރިން ރާއްޖޭން ފައްސާލުމުގެ ބޭނުމުގައި، އެކްސްޕޯޓް އިމްޕޯޓް ނެތް ބިދޭސީ ވިޔަފާރިވެރިން ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭން ފޮނުވާލަން ހެންވޭރު މެމްބަރު އަލީ އަހުމަދު ލައްވައި މަޖިލީހަށް ހުށަހަޅައި ނާސިރު ފާސްކުރުވި އެވެ. އެ ކަމަކީ ހާރިޖީ ގޮތުން ކިލެގެފާނަށް ކުރިމަތިވި ވަރަށް ބޮޑު އުނދަގުލެކެވެ.

"...މިކަމުގެ އަޑީގައި ހުންނެވީ ނާސިރުކަން "ބޮޑުސިއްރެއްގެ" ގޮތުގައި މަޖިލިސްގެ މެމްބަރުންގެ ދެނެހުއްޓެވެ. 37 މެމްބަރުން ތިއްބެވި ޖަލްސާއެއްގެ 34 މެމްބަރުންގެ އަގުލަބިއްޔަތު އެހާ ފަސޭހައިން މަސްއަލަ ފާސްވި ސަބަބަކީ އެއީ އެވެ،" "ދިވެހި ޑައިޖެސްޓްސް"ގައި ނޮވެލްޓީ އަލީ ހުސެއިން ލިޔުއްވާފައިވެ އެވެ.

އެކަން އެގޮތަށް ހިނގި އިރު ކިލެގެފާނު ހުންނެވީ ކޮޅުނބުގަ އެވެ. ވަގުތުން ރާއްޖެ ވަޑައިގެން އެކަމާ ދެކޮޅަށް ތެދުވެވަޑައިގަތެވެ. ބޮޑުވަޒީރުކަމާއި ހާރިޖީ ވަޒީރު އަދި ހުވަދު އަތޮޅު މެމްބަރުގެ ހައިސިއްޔަތުން އެމަނިކުފާނު އެ ނިންމުން ބާތިލްކުރަން މަޖިލީހަށް ހުށަހަޅައި ވިދާޅުވި "އަޅުގަނޑު ބަލާގޮތުގައި އެ ބިލަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ހެޔޮ ވެސް ނުވާ ފަދަ ބިލެއް" ކަމަށެވެ.

"ރާއްޖޭގެ ހާރިޖީ ސިޔާސަތު ގެންދާންވީ މަގުތަކުން ގެންދިއުމުގެ މަސްއޫލިއްޔަތު އެޅިފައިވަނީ އަޅުގަނޑުގެ ބޮލުގަ އެވެ. އަޅުގަނޑާ ވެސް މަޝްވަރާއެއް ކުރެއްވުމަކާ ނުލައި މިބާވަތުގެ އެއްޗެއް ފާސްކުރުމުގެ މާނައަކީ، ކޮބައިތޯ؟ މިފަދަ އެއްޗެއް އަޅުގަނޑުގެ ލަފައެއް ނެތި ފާސްކުރުމުގެ މާނައަކީ ދުނިޔޭގެ ހަމައިން ބަލާނަމަ، އަޅުގަނޑުގެ ހާރިޖީ ސިޔާސަތު ގެންދާގޮތް މަޖްލިސަށް ގަބޫލުނުކުރެއްވުމެވެ. އެހެންތަނެއްގައި ނަމަ، ވަގުތުން އަޅުގަނޑަށް ޖެހޭނީ އިސްތިއުފާދޭށެވެ. ނަމަވެސް އަޅުގަނޑު ރާއްޖޭގެ ހާލަތުގެ މައްޗަށް ވިސްނައި ކެތްކުރަމެވެ،" "ދިވެހި ޑައިޖެސްޓްސް"ގައި ޝާއިއުކޮށްފައިވާ މަޖިލީހުގެ ޔައުމިއްޔާގައިވެ އެވެ.

ކިލެގެފާނު (ވ-2) ރަދުން މުހައްމަދު ފަރީދު (ކ-2) އަދި އިނގިރޭސި އޮފިޝަލުންނާ އެކު.


ކިލެގެފާނު ދެކެވަޑައިގެންނެވި ގޮތުގައި ކުޑަކޮށް ވެސް މެމްބަރުން ވިސްނާލެއްވި ނަމަ، އެއީ ވަގުތުން ތެޅިފޮޅިގެން ފާސްކުރަންވީ މައްސަލައެއްނޫންކަން އެނގޭނެ ކަމަށެވެ. އަދި ކުޑަކޮށް ކެތްތެރިވެލި ނަމަ، މަޑުމަޑުން އެފަދަ ބިދޭސީން ޖެހޭނީ ރާއްޖެއިން ދާން ކަމަށް ކިލެގެފާނު ދެކެވަޑައިގަތެވެ.

"އެއާ ހިލާފަށް ހެޓިލަރު ޖަރުމަންވިލާތުން ޔަހޫދީން ނެރެލިހެން، ބޭރުކޮށްލުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ހަޑިކަމެކެވެ. ސިލޯނުގައި ތިބި ވޯރާ ޖަމާއަތުގެ ފަރާތުން ވަފުދެއް އަޅުގަނޑުގެ ގާތަށް ދިޔަ އެވެ. އެބައި މީހުން ނުހަނު މަޑުމައިތިރިކަމާ އެކު އެދުނީ ދިވެހި ދައުލަތުން އެބައިމީހުންގެ ނިކަމެތިކަމުގެ މައްޗަށް، ރަހުމުގެ ލޮލަކުން ބައްލަވައިދެއްވަވާތޯ ދަންނަވައި ދެއްވުމަށެވެ. އަޅުގަނޑު އެ ވަފުދަށް ޔަގީންކޮށްދިނީ ދިވެހި ދައުލަތަކީ ދުވަހަކު ވެސް ބޭރު ބަޔަކަށް އަނިޔާ ނުކުރާނެ ދައުލަތެއް ކަމެވެ. ވީވާވަރަކުން އަދުލު އިންސާފުގެ މަގުން ކަންތައްކުރަމުން ގެންދާނެކަމުގެގަ އެވެ،" ކިލެގެފާނު ވިދާޅުވި އެވެ.

ނާސިރު އަޑީގައި ހުންނަވައިގެން ފާސްކުރުވި އެ ހުށަހެޅުން، ކިލެގެފާނުގެ މަސައްކަތުން ބާތިލްކުރުވި އެވެ. އަދި ނާސިރުގެ ފަރާތުން ކުރިމަތިވަމުން ދިޔަ އެފަދަ އުނދަގޫތަކަށް ކެތްނުކުރެވި އެކަން ނުރަސްމީ ބައްދަލުވުމެއްގައި ވަޒީރުންނާ ހިއްސާކުރެއްވި އެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، ކިލެފެފާނުގެ ޅިޔަން ބޭފުޅެއް ކަމަށްވާ ވެލާނާގޭ އަބްދުލްމަޖީދު މާހިރު "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނާސިރު ޖެއްސުން ކުރައްވާ ވާހަކަ ފާޅުގައި ކިލެގެފާނު ވިދާޅުވި ކަމަށެވެ.

"ވިދާޅުވީ ތިމަންނާ އަކީ ދުވަސްވެފައި ހުރި މުސްކުޅިއެކޭ، ރައްޔިތުން ހަވާލުކުރީމައޭ ތިމަންނޭ މި މަގާމުގައި މި ހުންނެވީ. އަދި ވަޒީރުންނަށް ދެންނެވި ސަރުކާރުގެ ވެރިކަމެއް ނުހިންގޭނޭ ތިބޭފުޅުންގެ އެހީއާ ނުލާ،" ނާސިރުގެ ބޮޑުބޭބެ އަބްދުލްމަޖީދު މާހިރު ވިދާޅުވި އެވެ.

ކިލެގެފާނަށް އަރިސް ބޭފުޅުން ލަފާ ދެއްވީ، އެމަނިކުފާނަކީ ސިޔާސަތާއި ހާރިޖިއްޔާގެ ތަޖުރިބާ ހުރި ބޭފުޅަކަށް ވުމުން ބޮޑުވަޒީރުކަމުގައި ދެމި ހުންނެވުމަށެވެ. އަދި ނާސިރަކީ، ޒުވާން ހަރަކާތްތެރި ހިންގުންތެރިއަކަށްވާތީ ދާހިލީ ވަޒީރުކަން ދެއްވުމަށް ހުށަހެޅުނެވެ.

"އޭގެ ފަހުން އަޅުގަނޑު ގާތު ކިލެގެފާނު ވިދާޅުވީ ޖެއްސުންނުކޮށް (ނާސިރު) ތިމަންނާ ގާތު (ވަޒީރުކަން ބޭނުންކަން) ވިދާޅުވި ނަމަ ތިމަންނާ ދީފިމެއްނޫންހޭ؟،" އަބްދުލްމަޖީދު މާހިރު ވިދާޅުވި އެވެ.

އައްޑު އަތޮޅު ގަން އިނގިރޭސިންނަށް ދޭން ނިންމުން

އޭރު އިނގިރޭސިން އައީ، އެ ގައުމުގެ އަތްދަށުން އިންޑިއާ އާއި ސްރީ ލަންކާ މިނިވަންވެފައިވާތީ މި ސަރަހައްދުން އަސްކަރީ މަރުކަޒެއް ބިނާކުރާނެއް ތަނެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމުގައި އިނގިރޭސިންގެ ލޮލުގައި އަޅައިގަތީ އައްޑު އަތޮޅު ގަމެވެ. އަދި ކިލެގެފާނާ މަޝްވަރާކޮށް، އައްޑު އަތޮޅު ގަމާއި ހިތަދޫން 110 އޭކަރުގެ ބިމެއް 100 އަހަރަށް ކުއްޔަށް ނެގުމަށް އެއްބަސްކުރުވައި ޑިސެމްބަރު 15، 1956 ގައި ރަމްޒީ ސޮޔެއް ކޮޅުނބުގައި ކުރި އެވެ.

ބޮޑުވަޒީރުގެ ހިންގާ ސެކްރެޓަރީގެ ގޮތުގައި އޭރު ހުންނެވި އިބްރާހިމް ޝިހާބު ލިޔުއްވާފައިވާ ގޮތުގައި، އެކަން ހިނގަމުންދިޔައީ ދެ ދައުލަތުގެ ދެމެދުގައިވާ ވަރަށް ބޮޑު ސިއްރެއްގެ ގޮތުގައި ކަމަށެވެ.

ކިލެގެފާނުގެ ސެކްރެޓަރީ އިބްރާހިމް ޝިހާބު.


"ރަސްމީގޮތުން ހަމަގައިމުވެސް ރައްޔިތުންގެ މަޖްލިސް އަށް އެނގުމެއް ނެތި އެވެ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި އޭރު އޮތް ވަޒީރުންގެ މަޖިލިސަށް ވެސް އެކަން އެނގުނީ މައްސަލަ ވަކި ހިސާބަކަށް ދިޔަފަހުންނެވެ. މިހެން ދަންވާއިރު އެކަން ހިނގަމުންދާކަން އެކި މިންވަރަށް އެނގިވަޑައިގެން ތިއްބެވި ވަޒީރުން އެ މަޖްލިސްގައި ތިއްބެވިކަން އަޅުގަނޑަށް އެނގިފައިވެ އެވެ،" ޝިހާބު ލިޔުއްވާފައިވެ އެވެ.

ޝިހާބު ދެކެވަޑައިގަންނަވާ ގޮތުގައި އެކަމުގައި ރަދުން މުހައްމަދު ފަރީދުގެ ދައުރެއް ނެތެވެ. އަދި އެކަން ބޮޑުވަޒީރު ކިލެގެފާނުގެ އިސްތަށިފުޅުގައި ބަޔަކު އަޅުވާ ނަމަ އެއިން މަނިކުފާނު މުޅިން ރެކިވަޑައިގެންނެވޭކަށް ވެސް ނެތެވެ.

ކިލެގެފާނު އެވަރުގެ ނިންމެވުމެއް ނިންމެވީ ކީއްވެ؟

އިތުބާރުހުރި ފަރާތަކާ ހަވާލާދެއްވައި ޝިހާބު ލިޔުއްވާފައިވާ ގޮތުގައި ކިލެގެފާނު ދެކެވަޑައިގަތީ ދިވެހި ދައުލަތް ފަދަ އާރާއި ބާރު ނެތް ކުޑަކުޑަ ދައުލަތެއްގެ ސަލާމަތްކަން ބޮޑީ އެ ދައުލަތަށް ހިމާޔަތް ދޭން އޮތް ބޮޑު ދައުލަތެއްގެ ރުހުމާއި ހިނިތުންވުން ހޯދައިގެން ކަމަށެވެ.

ކިލެގެފާނާ ހަވާލާދެއްވައި އަބްދުލްމަޖީދު މާހިރު ވިދާޅުވި ރާއްޖެ އޭރު އޮތްގޮތުން ބޭރުގެ އެހީ ލިބިގެން ނޫނީ ގައުމު ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. އެހެންވެ ގަން ކުއްޔަށް ދެއްވައިގެން، ކުލީގެ ގޮތުގައި ބޮޑު އަދަދެއް ލިބެން އޮތުމުންނާއި އިނގިރޭސިން ރާއްޖޭގައި ހޮސްޕިޓަލާއި ސްކޫލް އަޅައިދޭން އެއްބަސްވުމުން ކިިލެގެފާނު އެގޮތް ނިންމެވީ ކަމަށެވެ.

އެކަންވީ ފުރުސަތަކަށް ބަލަބަލާ ހުންނެވި ނާސިރަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުސަތަކަށެވެ. ގައުމު ވިއްކާލަނީ ކަމަށް އަޑުއުފުލައި ނާސިރު އިސްވެ ހުރެ އެކަމާ ދެކޮޅަށް ތެދުވި އެވެ. އޭރު ސަރުކާރުގައި ހިމެނިވަޑައިގެންނެވި ބޭފުޅަކު ވިދާޅުވި ގޮތުގައި ނާސިރަށް އެންމެ ކުރިން ވެސް އެކަން ހިނގާކަން އެނގިވަޑައިގަންނަވާ ކަމަށާއި އެންމެ ފުރަތަމަ އެކަމާ މަޑުމަޑުން ހުންނެވީ، އެކަމުން ސިޔާސީ ފައިދާ ނެންގެވުމަށް ކަމަށެވެ.

"ނާސިރު އެކަން ބޭނުން ކުރެއްވީ (ބޮޑުވަޒީރާ) ދެކޮޅުވެރިވުމުގެ ހަރަކާތެއްގެ ގޮތުގައި،" ދިވެހި ތާރީހު ދިރާސާކުރައްވާ އަހުމަދު އަލާ ދީދީ ވިދާލުވި އެވެ. "ނާސިރަށް ފެނުނީ، ސިޔާސީ ގޮތުން އެމަނިކުފާނުގެ ވަގުތު އައިސް ޖެހިއްޖެ ކަމަށް. އެހެންވެ ގައުމިއްޔަތު ކުރިއަށް ނެރުއްވައިގެން އެކަމާ ދެކޮޅަށް މަސައްކަތް ފެށްޓެވީ."

ކިލެގެފާނު (ކ) އިނގިރޭސި އޮފިޝަލާ އެކު.


ނާސިރާއި އޭނާގެ ބައިވެރިންގެ ދެކޮޅު ހެދުންތަކާ އެކު ވެސް، އިނީޝިއަލް އެގްރިމެންޓް މަޖިލީހުން ފާސްވި އެވެ. ތާއީދުކުރެއްވި މެމްބަރުންގެ ބަހަކީ، އެއްބަސްވުމެއް ނެތަސް އިނގިރޭސިން ހަދަނީ ބޭނުން ގޮތެއް ކަމަށާއި އެހެންވެ މަސްލަހަތަށްޓަކައި އެއްބަސްވުމެއް އޮތުން މުހިއްމު ކަމަށެވެ.

އިނީޝިއަލް އެއްބަސްވުން ފާސްވުމާ އެކު، ހުދު ކިލެގެފާނު ގަމަށް ވަޑައިގެން ގަމުން މީހުން ބޭލުމުގެ މަސައްކަތް ފެށްޓެވި އެވެ. އައްޑޫ ގާނޫނީ މަޝްވަރާ ކޮމިޓީއާ މަޝްވަރާކުރުމަށް ފަހު ނިންމެވީ ފޭދޫ މީހުން މަރަދޫގެ އިރުމަތީކޮޅަށް ބަދަލުކުރުމަށާއި ގަމުގެ މީހުންނަށް ފޭދޫ ދެއްވުމަށެވެ. އަދި އެ ދެ ރަށުގެ މީސްމީހުންގެ ރުއްގަހަށް އިނގިރޭސި ދައުކަތުން ބަދަލު ހޯދައިދީ ގޭގެ އަޅައިދިނުމަށް ހަމަޖެއްސި އެވެ.

ގަމުން މީހުން ބޭލުމުގެ މަސައްކަތް ކިލެގެފާނު ކުރައްވަމުން ގެންދެވި ނަމަވެސް ނާސިރު ދުލެއް ނުދެއްވި އެވެ. މާލޭގައި ނާސިރު ގެންދެވީ ވަރުގަދަ ހަރަކާތްތަކެއް ރާއްވަވަމުންނެވެ. އެގޮތުން ނާސިރުގެ އެންގެވުމުގެ މަތިން ކިލެގެފާނުގެ ސެކްރެޓަރީ ޝިހާބު އިސްތިއުފާ ދެއްވި އެވެ.

"...އެ މީހުން (ނާސިރުގެ ގްރޫޕް) ބޭނުންވީ ވެސް ރާއްޖޭގެ ބޮޑުވަޒީރުކަން އިބްރާހިމް ނާސިރަށް ދޭށެވެ. އެހެންކަމުން އެ ބޭފުޅުން ރޭއްވެވުމަށް ފަހު ޝިހާބަށް ދެންނެވީ ޝިހާބު ހުންނެވި މަގާމުތަކުން އިސްތިއުފާ ދެއްވުމަށެވެ. އޭރުން ސަރުކާރަށް ކަންތައްތައް ނުހިންގި ބޮއްސުންލާނެތީ އެވެ. ދެން ވެރިކަމުގެ ތެރެއަށް ވަދެގަންނަން ފަސޭހަވާނެތީ އެވެ،" ގަރުނު ފޮތުގައިވެ އެވެ.

ކަން ހިނގީ އެ މަގުންނެވެ. ޝިހާބުގެ އިސްތިއުފާއާ އެކު ސަރުކާރުގެ ހިންގުން އޮޅުންބޮޅުންވި އެވެ. އަދި ނާސިރާއި އޭނާގެ ބައިވެރިންގެ ޕްރެޝަރާ އެކު، އެންމެ ފަހުން ރަދުން ނިންމެވީ ކިލެގެފާނުގެ ސަރުކާރުގެ ކަންކަން ހިނގާ ގޮތް ބެލުމަށް ކޮމިޓީއެއް ނެގުމަށެވެ. އެ ކޮމިޓިން މައްސަލަ ބެލުމަށް ފަހު ރަދުންނަށް ދެންނެވީ ކިލެގެފާނުގެ ސިއްހީ ހާލުކޮޅު ހުރި ހޮތުން އިސްތިއުފާ ދެއްވުމަށް އެމަނިކުފާނަށް ދެންނެވުމަށެވެ. ރަދުންގެ މަންދޫބުންގެ ގޮތުގައި ޝިހާބާއި މުހައްމަދު އިމާދުއްދީން ވަޑައިގެން އެކަން ކިލެގެފާނަށް ދެންނެވުމުން ކިޔަމަންތެރިކަމާ އެކު އިސްތިއުފާގެ ސިޓީ ދެއްވި އެވެ.

"އަޅުގަނޑުގެ ސިއްހަތު ދެރަވަމުންދާލެއް އަވަސްކަމުން އަދި ދިވެހި އުއްމަތް އަޅުގަނޑާއި ހަވާލުކުޅަކަންތައް ވަރަށް ފުރިހަމައަށް އަދާކުރެއްވިއްޖެ ކަމުގައި އަޅުގަނޑުގެ ޟަމީރު ހަމަޖެހުމެހުމާ އެކު އަޅުގަނޑުގެ ކޮނޑުގައި އެޅިފައިހުރި ދައުލަތުގެ މަސްއޫލިއްޔަތުޔަކުން ވަކިކޮށްދެއވުން އެދި ކީރިތި މަހާރަދުންނަށް އިސތިއުފާ އަރުވައި ގާނޫނީ ގޮތުން ދަންނަވަންވީ ފަރާތްފަރާތުގައި ދަންވައިފީމެވެ،" ކިލެގެފާނު ވިދާޅުވި އެވެ.

އިބްރާހިމް ނާސިރު: ކިލެގެފާނަށް ފަހު ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި.


ނާސިރުގެ ރޭއްވެވުން އެންމެ ފަހުން ކާމިޔާބުކުރީ އެވެ. ކިލެގެފާނު އިސްތިއުފާ ދެއްވީ އެވެ. އަދި މަޖިލީހުގެ އިއްތިފާގުން ނާސިރަށް ބޮޑުވަޒީރުކަން ދޭން ފާސްކުރި އެވެ.

"ނާސިރު ކަންތައް ކުރައްވާ ގޮތަކީ، މާ ދުރާލާ ރާއްވަމުން ގެންދަވާނީ،" އަބްދުލްމަޖީދު މާހިރު ވިދާޅުވި އެވެ.

ކިލެގެފާނު އިސްތިއުފާ ދެއްވުމުން އެމަނިކުފާނަށް "ސާހިބުއްރިފްއާ"ގެ ލަގަބާއި ސަރުކާރުގެ އެންމެ މަތީ ދަރަޖައިގެ މުސްތަޝާރު ކަމާއި ކުރީގެ މުސާރަ ދެއްވައި އިއާދަކުރައްވައި ކާރުކޮޅެއް ދެއްވުމަށް މަޖިލީހަށް ނާސިރު ހުށަހަޅުއްވައި ފާސްކުރެއްވި އެވެ. އެކަމަކު އިހަށް ވެސް ކާރަށް ނާރުއްވާ ކަމަށް ވިދާޅުވެ ކާރުކޮޅު ބޭނުމެއް ނުކުރައްވަ އެވެ. ބޮޑުތާކިހާ ތުރުކުރައްވައިގެން، މުންޑުކޮޅުގައި، ކުޑައެއް ހިއްޕަވައިގެން އެމަނިކުފާނު އުޅުއްވީ ފައިމަގުގަ އެވެ. ޖެނުއަރީ 10، 1975 ގައި އަވަހާރަވުމާ ހަމަޔަށް ކިލެގެފާނު ވަގުތު ހޭދަކުރެއްވީ، ގިނަ ދިވެހީންނަށް އެމަނިކުފާނު ސޫރަކުރެވުނު ގޮތަށް ބޭސްވެރިއެއްގެ ގޮތުގަ އެވެ.

...............

ރިފަރެންސް:

ވެލާނާގޭ އަބްދުލްމަޖީދު މާހިރު

އަހުމަދު އަލާ ދީދީ

"ރާއްޖޭގެ ވެރިކަމުގެ ތާރީހުގެ ތެރެއިން އައްސުލްތާނު މުހައްމަދު ފަރީދުލްއައްވަލްގެ ރަސްކަން": އިބްރާހިމް ޝިހާބު

"ވިހިވަނަ ގަރުނުގެ ތެރޭގައި ދިވެހިރާއްޖެ 4": ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒު

"ސުމުއްވުލްއަމީރު އިބްރާހިމް ފާމުދޭރިކިލެގެފާނު": މުހައްމަދު ލަތީފު، ހ. އަލްފާ