Advertisement

ޖަމާލުއްދީން ދަރިވަރުންގެ ދަނޑު: ފެހިކަން ގަދަ ނަމޫނާއެއް

22 އޭޕްރީލް 2021 - 14:18 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

އެޑިއުކޭޝަން މިނިސްޓަރު ޖަމާލުއްދީން ދަނޑުގައި: މިއީ ކެމިކަލް ބޭނުން ނުކޮށް ހައްދާ ދަނޑެއް-- ފޮޓޯ: އެޑިއުކޭޝަން


ޖަމާލުއްދީން ދަރިވަރުންގެ ދަނޑު: ފެހިކަން ގަދަ ނަމޫނާއެއް

22 އޭޕްރީލް 2021 - 14:18 0

ކިއުކަންބާ ވެޔޮތައް ވަނީ ހެދި ފައްކާވެފަ އެވެ. ތަފާތު ގިނަ ބާވަތްތަކުގެ ފަތްޕިލާވެލިން މުޅިތަން ވަނީ ފެހިވެފަ އެވެ. ހައިޑްރޯފޯނިކްސްގައި ހައްދާފައިވާ ކެބެޖްތައް ވެސް އެހާމެ ރީއްޗެވެ. މިއީ ރާއްޖޭގެ ރަށެއްގެ ދަނޑެއްގެ ވާހަކައެއް ނޫނެވެ. މިއީ ޖަމާލުއްދީން ސްކޫލުގެ ޓެރަހުގައި، އެ ސްކޫލުގެ ކުދިން ހައްދާފައިވާ ދަނޑެކެވެ.

މުޅިން ކެއުމަށް ބޭނުންކުރާ ތަކެތި ހައްދާފައިވާ މިދަނޑުގައި ގިނައީ ސެލެޑް ހެދުމަށް ބޭނުން ކުރާ ފަތްޕިލާވެއްޔެވެ. އޭގެ ތެރޭގައި ޗައިނީސް ކެބެޖާއި ކޮލާޑާއި ކޭލް ހިމެނެ އެވެ. އެހެން ގަސްތަކުގެ ތެރޭގައި ބެލްޕެޕާ އާއި ލޭޑީސް ފިންގާގެ އިތުރުން ކިއުކަމްބާ ހިމެނެ އެވެ.

ކޯދުގެ ނަން ދީފައިވާ މިދަނޑުގައި އަމަލީ ގޮތުން މަސައްކަތް ކުރަނީ ޖަމާލުއްދީން ސްކޫލުގެ ގްރޭޑް އަށެއްގައި ތައުލީމް ހާސިލު ކުރާ އަށް ކުދިންނެވެ. ހަ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިން ހިމެނޭ އެ ޓީމަކީ ސްކޫލުގެ އެންވާރަމަންޓް ކްލަބުގެ ދަރިވަރުންނެވެ.

ޖަމާލުއްދީން ސްކޫލުގައި ހައްދާފައިވާ ދަނޑު: އެ ދަނޑުގައި ތަކެތި ހައްދަނީ ކެމިކަލް ބޭނުން ނުކޮށް-- ފޮޓޯ: އާއިމް ޒަމީރު


މި ހިޔާލު އުފައްވީ 2018 ވަނަ އަހަރު އެންވާރަމެންޓް މިނިސްޓްރީން ބޭއްވި "ސްޓޫޑެންޓް ނެޝަނަލް އެންވައިރޮމެންޓަލް ސިމްޕޯޒިއަމް"ގެ ތެރެއިންނެވެ. އެ ސިމްޕޯޒިއަމަށް ފަހު ދެމެހެއްޓެނިވި އާދަތަކާ ގުޅޭ ޕްރޮޕޯސަލްއެއް ހުށަހަޅަން ޖެހުނެވެ. އެކަމުގެ ތެރެއިން ޖަމާލުއްދީންގެ ދަރިވަރުންގެ ލޮލުގައި އަޅައިގަތީ ރާއްޖޭގައި ދަނޑުވެރިކަން ކުރާގޮތް އެހާ ރައްކާތެރި ނޫން ކެމެވެ.

"އެ ޕްރޮޕޯސަލް ހަދަން އެއްޗެހި ކިޔާ މީހުންނާ ވާހަކަ ދައްކައި ހެދިއިރު ކުދިންނަށް އެނގުނީ ރާއްޖޭގައި ދަނޑުވެރިކަން ކުރާއިރުގައި އެހާ ބޮޑަށް އެނގިގެން ނޫނޭ ދަނޑުވެރިން ބޭސް ތަކާއި ކެމިކަލްތަކާ އެއްޗެހި ދަނޑުގައި ބޭނުން ކުރަނީ،" މަސައްކަތުގައި އިސްކޮށް އުޅޭ މި ސްކޫލްގެ ލީޑިން ޓީޗަރު، ސޮބީހާ އަހުމަދު، "އަދަދު" އަށް ވިދާޅުވި އެވެ.

"ނުރަނގަޅު ގޮތްގޮތަށް ބޭނުން ކުރީމައި ވެލިގަނޑަށާއި ފެންފަށަލަ އަށާއި އެ ކާ މީހުންނާއި އެހެން ދިރޭ އެއްޗިއްސަށް ވެސް ވަރަށް ގެއްލުންވޭ."

ޖަމާލުއްދީން ސްކޫލް ދަނޑުގައި ކިއުކަމްޕާ ހައްދާފައި: މިދަނޑުގައި ގިނައީ ފަތްޕިލާވެލި-- ފޮޓޯ: އާއިމް ޒަމީރު/އަދަދު


ޖަމާލުއްދީންގެ ދަރިވަރުން އަމާޒު ހިފީ އެކަންކަން ބަދަލު ކުރުމަށެވެ. އެހެންވެ އެ ސްކޫލްގެ ދަރިވަރުން މިނިސްޓްރީއަށް ހުށަހެޅީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމާ ބެހޭ ޕްރޮޕޯސަލްއެކެވެ. އެންމެ ރަނގަޅު 10 ޕްރޮޕޯސަލްގެ ތެރޭގައި އެ ޕްރޮޕޯސަލް ހިމެނި ދަނޑުވެރިކަން ކުރަން މިނިސްޓްރީން ވަނީ އެއް އަހަރުގެ މުއްދަތަށް 83،000ރ. ގެ ބަޖެޓެއް ޖަމާލުއްދީނަށް ދީފަ އެވެ. އެ މަސައްކަތް ސްކޫލުގައި އަމަލީކޮށް ފެށީ ޖެނުއަރީ 11 ވަނަ ދުވަހު އެވެ. މިދަނޑުގައި ތަކެތި ހައްދަނީ އެއްވެސް ބޭހެއް އަދި ކެމިކަލެއް ބޭނުންނުކޮށް ރައްކާތެރިކަމާއެކު އެވެ.

މި މަސައްކަތަށް ކޮވިޑުގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާ ވެސް ކުރިމަތިވި އެވެ. އެ ޕްރޮޕޯސަލްގެ އެންމެ މުހިންމު އެއް ބަޔަކީ މިހާރު ދަނޑުވެރިން މަސައްކަތް ކުރާ ގޮތް ބެލުމަށް ދަނޑުތަކަށް ދިއުމެވެ. އއ. ތޮއްޑޫ އާއި ކ. ކާށިދޫގެ އިތުރުން ސޮނޭވާފުއްޓަށް އެ ދަތުރު ދާން ރޭވި އެވެ. ނަމަވެސް ޕެންޑެމިކްގެ ސަބަބުން އެ ދަތުރު ވަނީ ދެވޭގޮތް ނުވެފަ އެވެ. އެންމެ ފަހުން ދަނޑުވެރިކަމުގެ ކަންކަން ދަސް ކުރީ ތަފާތު ލިޔުންތަކާއި ވީޑިއޯތަކުގެ އެހީގަ އެވެ.

"ކުރިން އަޅުގަނޑުވެސް އެހާ ޝައުގެއް ނުހުރޭ. އެކަމަކު މިހާރު ވަރަށް ކަންކަން ދަސްވެއްޖެ. ވަރަށް ގިނަ ވީޑިއޯތަކުން ވެސް އެއްޗެހި ދަސްވި،" ދަނޑުހެއްދުމުގެ މަސައްކަތުގައި އުޅޭ އައިމިނަތު އީޝަލް ބިންތު އުޝާން ބުންޏެވެ.

އީޝަން "އަދަދު" އަށް އިންޓަވިއޫ ދެއްވަނީ: މިދަނޑު ހައްދަނީ އަށް ދަރިވަރުން-- ފޮޓޯ: އާއިމް ޒަމީރު/އަދަދު


ޖުމުލަ އަށް ކުދިން ދަނޑު ހެއްދުމުގެ މަސައްކަތް ކުރާއިރު ހަފްތާގެ ކޮންމެ ދުވަހަކު ދޮޅުގަޑިއިރެއްހާއިރު ދަނޑުގެ މަސައްކަތުގައި ކުދިން އުޅެ އެވެ. އޭގެ ތެރޭގައި ގަސް ހެއްދުމާއި ގަސް ގަހަށް ފެން ދިނުމާއި ގަސްކާނާ ހެދުން ފަދަ މަސައްކަތްތައް ހިމެނެ އެވެ. ގަސްކާނާ ވެސް އުފައްދަނީ އެ ސްކޫލުގެ ގޯތިތެރެއަށް ވެރިފައި ހުންނަ ފަތްތައް ބޭނުންކޮށްގެންނެވެ. ދަނޑުގައި ކުރަން ޖެހޭ ބޮޑެތި މަސައްކަތްތައް އެ ކުދިން ކުރަނީ ހަފްތާ ބަންދުގަ އެވެ.

"މީގެ ތެރެއިން ކުދިންނަށް ވަރަށް ކަންކަން ދަސްވޭ. މީގެ ތެރެއިން ގިނަ ކުދިންނަށް ދަނޑުވެރިކަމުގެ ކަންކަން ކުރިން އެހާ ނޭނގެ. އެކަމަކު މިހާރު ވަރަށް ބޮޑަށް ދަސްކޮށްފި،" ސޮބީހާ ވިދާޅުވި އެވެ.

ޖަމާލުއްދީނުން މިހާރު ތައްޔާރުވަމުން އަންނަނީ ދަނޑުވެރިކަމާ ގުޅޭ ޓްރެއިނިން ކުދިންނަށް ދިނުމަށެވެ. އެއަށް ފަހު އިތުރު ކުދިން މި މަސައްކަތަށް ނެރުމަށް ވަނީ ނިންމައިފަ އެވެ.

ލިބޭ އާމްދަނީ ދަނޑަށް

މި ދަނޑުން ލިބޭ ތަކެތި ދެ ފަހަރެއްގެ މަތިން ވަނީ ވިއްކައިފަ އެވެ. ތަކެތި ވިއްކަނީ މާކެޓުގެ އަގު ބެލުމަށް ފަހު އެއަގަށެވެ. ސެލެޑްފަތް ހިމެނޭގޮތަށް ބޮނޑިހަދާފައި ބޮނޑިއެއް ވިއްކަނީ 40ރ. އަށެވެ. މިހާތަނަށް މުޅިންވެސް ތަކެތި ވިއްކީ ޓީޗަރުންނަށާއި ސްކޫލުގެ މުވައްޒަފުންނަށެވެ.

ޖަމާލުއްދީނުން ކޮށްފައިވާ ޓްވީޓް


ކުރިއަށް އޮތްތަނުގައި ވެސް ދަނޑުން ލިބޭތަކެތި ވިއްކައިގެން ދަނޑު ހެއްދޭނެ ކަމަށް ސޮބީހާ ވިދާޅުވެ އެވެ.

"ލޭބާ ކޯސްޓެއް ނުހިނގާނެތާ ދަރިވަރުން މަސައްކަތް ކުރާތީ. އެހެންވީމާ ލިބޭ އެއްޗަކުން ސަސްޓެއިން ކުރެވޭނެ،" ސޮބީހާ ވިދާޅުވި އެވެ.

ދަރިވަރުންނާއި ސްކޫލުގެ މެނޭޖްމަންޓުން ވެސް ބޭނުންވަނީ ދަނޑު ބޮޑުކޮށް މަސައްކަތް ފުޅާ ކުރުމަށެވެ. ނަމަވެސް އެކަމަށް އޮތް ގޮންޖެހުމަކީ ސްކޫލުގެ ޖާގައިގެ ދަތިކަމެވެ.

އެޑިއުކޭޝަން މިނިސްޓަރުވެސް ވަނީ މި ދަނޑަށް ޒިޔާރަތްކޮށް ބައްލަވާލައްވައިފަ އެވެ. މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ކުއްޖަކުވެސް ވާންޖެހޭނީ ބަހުން ނޫނީ ޢަމަލުން ނޫނީ ރޫހުން ދަނޑުވެރިކަމަށް ލޯބި ކުރާ ކުއްޖަކަށް ކަމަށެވެ.

"ގަސް ހައްދައި، އެ ބަލަހައްޓައި އެއިން ލިބޭ ކާނާއިން ކާތަކެތި ތައްޔާރު ކުރުމުގައި އެތައް ހާސް ދުނިޔެވީ ފިލާވަޅެއް ވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ރައްކާތެރިކަމާއެކު ދަނޑުވެރިކަން ކުރެވޭނެ ކަމުގެ ނަމޫނާ މިފަހަރު މިދެއްކީ ޖަމާލުއްދީންގެ ދަރިވަރުންނެވެ. މިއީ ފެހި ރީތި ދަނޑެކެވެ.