Advertisement

މަސް ދޯނިފަހަރުތަކުގައި ބިދޭސީން ގެންގުޅެން ހުއްދަ ދީފި

19 އޭޕްރީލް 2021 - 15:06 0

މަސް ދޯންޏެއް މާލެ ނޯތު ހާބަރަށް ވަންނަނީ. މަސްދޯނީގައި ބިދޭސީން ގެންގުޅެން ހުއްދަ ވަނީ ދީފައި. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


މަސް ދޯނިފަހަރުތަކުގައި ބިދޭސީން ގެންގުޅެން ހުއްދަ ދީފި

19 އޭޕްރީލް 2021 - 15:06 0

މަސް ދޯނިފަހަރުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅުން މިނިސްޓްރީ އޮފް ފިޝަރީޒް އިން މިއަދު ހުއްދަކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މަސް ދޯނިތަކުގައި ކުރާ ބައެއް މަސައްކަތަކަށް ދިވެހިން ލިބުމުގެ ދަތިކަމުގެ ކަންބޮޑުވުން އޮޑިވެރިން ފާޅުކުރަމުންދާތީ، މަސްވެރިކަމުގައި އުޅުން މަނާކޮށް، އެހެނިހެން މަސައްކަތް ކުރެވޭ ގޮތަށް ދޯނިފަހަރުގައި ބިދޭސީން ގެންގުޅުން މިހާރު ހުއްދަވާނެ ކަމަށެވެ.

މިހާރު ވެސް ގަވާއިދާ ހިލާފަށް މަސް ދޯނިތަކުގައި ބިދޭސީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަކީ ގަވާއިދާ ހިލާފަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކުރެވިދާނެ ކަމުގެ ކަންބޮޑުވުން ބޭރުގެ ރީޓެއިލަރުން ފާޅުކުރަމުންދާ ކަމަށެވެ.

އެހެންކަމުން، މަސްވެރިކަމުގެ ސިނާއަތުގެ މަންފާއަށްޓަކައި ވަކި ހަމަތަކެއްގެ މަތިން، މަސް ދޯނި ފަހަރުގައި، މަސްވެރިކަން ކުރުމުގައި ބައިވެރިނުވެވޭ ގޮތަށް ބިދޭސީން ހަރަކާތްތެރިވުމުގެ ހުއްދަ ދޭން ނިންމީ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ގަވާއިދަށް ގެނައި މި ބަދަލާއެކު، މަސްވެރި އުޅަނދުފަހަރުގައި ކަމާގުޅޭ އިދާރާތަކުގެ އުސޫލުތަކާ އެއްގޮތަށް އެ އުޅަނދެއްގައި މަސައްކަތް ކުރަން ހޯދާ ވޯކްޕާމިޓެއްގެ ދަށުން ގެންގުޅެވޭނީ ބިދޭސީ ދެ މީހުންނެވެ.

އަދި މަސް ދޯނިތަކުގައި މަސައްކަތް ކުރަން ބިދޭސީންނަށް ހުއްދަ ދެނީ ކެއްކުން ނުވަތަ ދޯނި ފޮޅާ ސާފުކޮށް ބެލެހެއްޓުމަށެވެ.

މި ބަދަލާއެކު، މަސްވެރި އުޅަނދުފަހަރުގައި ގެންގުޅޭ ބިދޭސީންނަކީ ގަވާއިދާ އެއްގޮތަށް ސައްހަ ހުއްދައެއް އޮވެގެން މަސައްކަތްކުރާ ބައެއްކަން ޔަގީންކުރަން މިނިސްޓްރީން ވަނީ އެދިފަ އެވެ.