Advertisement

ރައްޔިތުން ގާތަށް ނުގޮސް މަސްހުނި ކޮށްފާނެ!

19 އޭޕްރީލް 2021 - 14:26 2

ނާޒިމް ހަސަން

ނާޒިމް ހަސަން

ރައީސާއި ނަޝީދު: ނިޒާމުގެ ބަހުސް ފެށިފައިވާއިރު ނިޒާމާ ކުޅެން ރައްޔިތުންގެ ވޯޓެއް ކޮންމެހެން މުހިންމެއް ނޫން - ފޮޓޯ: އަހުމަދު އިހްސާން | އަދަދު


ރައްޔިތުން ގާތަށް ނުގޮސް މަސްހުނި ކޮށްފާނެ!

19 އޭޕްރީލް 2021 - 14:26 2

"ރައްޔިތުން ކޮށްފައިވާ ހުކުމެއް ބާތިލު ކުރެވޭނީ އަނެެއްކާވެސް އަލުން ގޮސް ރައްޔިތުންގެ ގާތުގައި އަހައިގެން," ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވި އެވެ.

ގާނޫނީ ވަކީލް، އަލީ ހުސެއިން އެ ފާހަގަކުރެއްވީ ގާނޫނުއަސާސީން ފަރުމާކޮށްފައި އޮތް ނިޒާމާއި އާންމު އުސޫލާ ރަށްޓެހި ވާހަކައެއް ނަމަވެސް، މިހެން މިކަން ކުރަން ބައެއްގެ މައްޗަށް ލާޒިމްތޯ އެއީ މިހާރު އުފެދޭ ސުވާލެކެވެ.

ފެހި ގާނޫނުއަސާސީ އެކުލަވާލެއްވުމުގައި ވެސް އުޅުއްވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވެސް ވިދާޅުވި ގޮތުގައި ރައްޔިތުން ކަނޑައެޅި ނިޒާމެއް ބަދަލު ކުރެވޭނީ އަނެއްކާވެސް ރައްޔިތުންގެ ވޯޓަކުންނެވެ.

"ރައްޔިތުންގެ ވޯޓަކުން ނިންމާފައި އޮތް ކަމެއް ދެ ތިން މީހަކަށް ހަމަ ތިބެލާފައި ބަދަލެއް ނުކުރެވޭނެ،"

މި ބަހުސް މިހާ ބާރަށް މި ފެށުނީ އަބަދުވެސް ބޮޑުވަޒީރު ކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޮޑުވަޒީރުގެ ގޮތުގައި ގައުމު ހިންގަވަން ބޭނުންފުޅުވާކަން ރަސްމީކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިއްޔެ ހުށަހެޅުއްވުމުންނެވެ.

ރައީސަށް ފޮނުއްވި މެސެޖެއްގައި ނަޝީދު އެދިވަޑައިގަތީ 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި، މިހާރު އޮތް މަޖިލީހަށް ދައުރު ހަމަވަންދެން ސަރުކާރު ހިންގުމުގެ ބާރު ދިނުމަށާއި، އެ މަޖިލީހުން ރައިސުލްޖުމްހޫރިއްޔާ ކަނޑައެޅޭނެ ގޮތް ހެދުމަށެވެ. މިއީ އަވަށްޓެރި އިންޑިއާގެ ޕާލިމެންޓްރީ ސިސްޓަމް ނުވަތަ ބަރުލަމާނީ ނިޒާމްގައި އަމަލު ކުރަމުންދާ އުސޫލެވެ.

މި ހުށަހެޅުން މިގޮތަށް ހަގީގީ ތަސްވީރަށް ގެނެވެން އޮތް ގޮތް ޝައުގުވެރި އެވެ؛

ނިޒާމާ ކުޅެން މަޖިލީހަށް ބާރު އެބަ އޮތް!

ގާނޫނުއަސާސީގެ ބާރަ ވަނަ ބާބުގެ ބާރުގަދައިރު، އޭގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާއަށް ލިބިދޭ ބާރު ފުޅާކުރެ އެވެ.

އެންމެން އެއަށް އަމަލުކުރުން ލާޒިމް އަދި އެއާހިލާފަށް އެއްވެސް ގާނޫނެއް، ހުކުމެއް ވެސް ނުކުރެވޭ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު އޮތީ، 261 ވަނަ މާއްދާގައި ލިޔެފައިވާ ގޮތުން، މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައި އަޣުލަބިއްޔަތަށެވެ. އެއީ، މެންބަރުންގެ 75 ޕަސެންޓެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގައި އެ އަދަދަށް، 65 މެމްބަރުން އެބަތިއްބެވި އެވެ.

މިކަމުގައި ރައީސަށް އިހްތިޔާރީ ބާރެއް އޮވެ އެވެ؛ އެއީ އެ އަޣުލަބިއްޔަތުން ގާނޫނު އަސާސީއަށް ބަދަލު ގެންނަން ފާސްކުރިޔަސް އެ ތަންފީޒުވެގެންދާނީ ރައީސް ތަސްދީގުކޮށްފިނަމަ އެވެ.

ބާރަވަނަ ބާބުގައި ދެން އޮތް މުހިންމު މާއްދާއަކީ، ގާނޫނުއަސާސީ އިސްލާހު ކުރުމުގައި ރައްޔިތުންނަށް އޮތް ބާރެވެ. އެގޮތުން، ތިން ހާލަތެއްގައި ގާނޫނު އަސާސީ އިސްލާހު ކުރަން މަޖިލީހުން ފާސްކުރާ ބިލެއް ރައީސްއަށް ތަސްދީގު ކުރެއްވޭނީ، ރައްޔިތުން އެކަމަކާ ރުހޭތޯ ނުވަތަ ނޫންތޯ ބެލުމަށް އާންމު ވޯޓަކަށް ގޮސްގެންނެވެ. ރައްޔިތުންގެ ތާއިދު ނެތްނަމަ އިސްލާހު ބާތިލްވީ އެވެ.

އެ ތިން ހާލަތަކީ؛

  • އަސާސީ ހައްގުތަކުގެ ބާބުގެ އެއްވެސް މާއްދާއެއް އިސްލާހުކުރުން
  • ރައްޔިތުންގެ މަޖިލީހުގެ އުމުރު ބަދަލު ކުރުން
  • ރައިސުލްޖުމްހޫރިއްޔާގެ ދައުރާއި ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިހާބު ކުރުމުގެ މާއްދާ ބަދަލުކުރުން

މީހަކު ގާނޫނު އަސާސީ ކިޔަނީ: ރައްޔިތުންގެ ވޯޓަކުން ނޫން ގޮތަކަށް އިސްލާހު ކުރެވޭނެ އޮތީ ތިން ހާލަތެއް - ފޮޓޯ: ހުސެއިން ވަހީދު | އަދަދު


މި ނޫން ހާލަތްތަކުގައި ގާނޫނު އަސާސީގައިވާ ކޮންމެ މާއްދާއެއް ވެސް، ރައްޔިތުންގެ މަޖިލީހުގެ 75 ޕަސެންޓް މެންބަރުންގެ ވޯޓާ އެކު ބަދަލު ކުރެވިދާނެ އެވެ. އޭގެ ތެރޭގައި ރައިސުލްޖުމްހޫރިއްޔާއަށް އޮތް ބާރުތަކާއި ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހާ ގުޅޭ މާއްދާތައް ވެސް ހިމެނޭ ގޮތުންނެވެ.

ފަހަރުގައި ވަޒީރުންގެ މަޖިލިސް އެކުލެވޭ ގޮތް ބަދަލުކޮށް، މަޖިލީހުގެ ބާރުތަކާއި ރައިސުލްޖުމްހޫރިއްޔާގެ ބާރުތައް ވެސް އަލުން ވަކިކޮށް ލިޔެވިދާނެ އެވެ.

އެހެންވީއިރު، މިހާރު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް އޮތް ބިޔަ ބޮޑު އަޣުލަބިއްޔަތުގެ އެހީގައި ބަރުލަމާނީ ނިޒާމާ، ގާނޫނުއަސާސީ ރައްޓެހިކުރުމަކީ، އޭގައި ރައްޔިތުންގެ އާންމު ވޯޓަކަށް ނުދިޔަސް ކުރެވެން އޮތް ކަމެކެވެ.

-- އެމްޑީޕީގެ މެންބަރުންގެ ގޮތުގައި މިވަގުތު މަޖިލީހުގައި 65 މެންބަރުން، ނަޝީދު ހިމެނޭ ގޮތުން ތިބިއިރު އެއީ ގާނޫނު އަސާސީ އިސްލާހު ކުރަން ބޭނުންވާ ސީދާ އަދަދެވެ.

އެހެން ނަމަވެސް، ނަޝީދު ހުށަހަޅުއްވާފައިވާ ގޮތަށް ރައީސެއް، މަޖިލީހުން ކަނޑައެޅުމަކީ ރައްޔިތުންގެ ގާތަށް ގޮސްގެން މެނުވީ ކުރެވެން އޮތް ކަމަކަށް ނުވާނެވެ. އެހެންކަމުން، އާންމު ވޯޓަކަށް ނުގޮސް، އިންޑިއާގައި އޮތް ފަދަ ސީދާ ބަރުލަމާނީ ނިޒާމަކަށް ގާނޫނު އަސާސީ ފަރުމާ ނުކުރެވުނު ނަމަވެސް، ލަންކާގައި އޮތް ފަދަ ސެމީ ޕްރެޒިޑެންޝިއަލް ނުވަތަ މަސްހުނި ނިޒާމަކަށް އަނބުރާލެވިދާނެ އެވެ.

މަސްހުނި ނިޒާމަކީ ތަފާތު ނިޒާމެއް

މަސްހުނި ނިޒާމްގައި ބޮޑުވަޒީރަށް ރައީސްއަށް ވެސް ސަރުކާރުގެ ހިންގުމުގެ ބާރުތަކެއް ބެހިގެން ލިބެ އެވެ. އިންޑިއާގައި އޮންނަ ގޮތަށް ރައީސްއަކީ މަޖިލީހުން ކަނޑައަޅައި ރަމްޒީ މަގާމަކަށް ނުވާއިރު، ލަންކާގައި އޮންނަ ނިޒާމުގައި ރައީސްއަށް ސަލާމަތީ ބާރުތަކުގެ ވެރިޔާގެ މަގާމު އޮވެ އެވެ. މަޖިލިސް އުވާލުމުގެ ބާރު ވެސް އޭނާއަށް އޮވެ އެވެ. ހަމައެހެން، ބޮޑު ވަޒީރަށް ވަޒީރުންގެ މަޖިލީހުގެ ކޮންޓްރޯލް އޮންނައިރު ސަރުކާރު އެކުލެވިގެން ދަނީ ބޮޑު ވަޒީރުގެ ބެލުމުގެ ދަށުންނެވެ.

މިއީ ދުނިޔޭގައި ނިސްބަތުން މަދު ގައުމުތަކުގައި އޮތް ނިޒާމެއް ނަމަވެސް، ކުރިއަރާފައިވާ ފްރާންސްގައި ވެސް އޮންނަނީ މަސްހުނި، އެކަމަކު ތަފާތު ނިޒާމެކެވެ. ފްރާންސްގައި ވެސް ރައީސާއި ބޮޑު ވަޒީރެއް ތިބި ނަމަވެސް، ބާރުތައް ގިނައީ ރައީސަށެވެ. ބޮޑު ވަޒީރު އައްޔަން ކުރުމުގެ ބާރު ވެސް، ރައީސަށް އޮންނައިރު ބޮޑު ވަޒީރުގެ ބާރު އޮންނަނީ މަޖިލީހާއި ދާހިލީ ކަންކަމުގަ އެވެ.

އެމްޑީޕީގެ އިސްވެރިންތަކެއް: ނިޒާމުގެ ބަހުސްގައި ހޫނުވެގެން ދާނެ


މަސްހުނި ނިޒާމަކާ ދިމާލަށް ގޮސްދާނެ ސަބަބު

ރާއްޖޭގެ ސިޔާސީ މަޝްރަހު، މިހާރު އޮތް ގޮތުން އެންމެންނަށް ވެސް މި މަސްހުނި ނިޒާމާ ދިމާއަށް ދިޔުން ގާތެވެ. އެއީ، އެމްޑީޕީގެ ތެރޭން ވެސް އެންމެން ރުހޭ ފޯމިއުލާއަށްވުން ގާތެވެ؛

ރައީސްކަމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެއްކޮށް ބާރުތައް ދޫދެއްވުމަށް ބޭނުންފުޅު ނުވާނެއިރު، ނަޝީދަށް ދޫތަކެއް ދެއްވުމަށް ވެސް ބޭނުންފުޅުވާނެ ކަމަށް ބެލެވެ އެވެ. އެ ދޫތައް ދީގެން ނުކުންނާނީ މަސްހުނި ނިޒާމެވެ.

މަސްހުނި ނިޒާމަށް ދިއުމަށް މިސްރާބު ޖަހާނެ އަނެއް ސަބަބަކަށްވާނީ، ރައްޔިތުންގެ އާންމު ވޯޓަކަށް ނުދިޔުމެވެ. އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނަތީޖާ ޝީޓަށް ބަލާއިރު، އެ ވޯޓަށް ދިޔުމަކީ އެމްޑީޕީއަށް މާ ފަސޭހަ ނޫނީ ރުހޭ ކަމަކަށް ނުވެދާނެ އެވެ.

އެ ވޯޓަށް ދާނެ އޮންނާނީ ހާއްސަ ހާލަތެކެވެ؛ އެއީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ވޯޓަށް ތާއިދު ކުރެއްވުމެވެ. އެމަނިކުފާނަކީ ވެސް މުޅިން ބަރުލަމާނީ ނިޒާމާ ދެކޮޅު ބޭފުޅަކަށް ނުވާއިރު، ސިޔާސީ ގޮތުން ޑީލެއް ވެސް އުޅެދާނެ އެވެ.

މިހެންވެއްޖެނަމަ، ފުރިހަމަ ބަރުލަމާނީ ނިޒާމަކަށް ރައްޔިތުންގެ ތާއިދު ވެސް ލިބިދާނެ އެވެ.

މިހާރު ވެސް މަސްހުނި، އިތުރަށް ކޮށްފާނެ

ރާއްޖޭގައި، ވެރިކަން ރިޔާސީ ނިޒާމެއްގެ ތެރެއިން ހިންގަމުން ދިޔަސް، މިހާރު ވެސް އޮތީ ސާފު ނިޒާމެއް ނޫނެވެ.

މަޖިލީހުގެ ރައީސް ނަޝީދު ވެސް ކުރިން ވިދާޅުވި ގޮތުގައި، ބަރުލަމާނީ ސިފަތައް އޮތް ގާނޫނުއަސާސީއަކުން ރިޔާސީ ނިޒާމް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންނެވުމުގެ އެމެނިކުފާނަށް ވެސް ސަރުކާރު ހިންގަން އުނދަގޫވި އެވެ.

އަލީ ވަހީދު ދައުލަތާ ދެކޮޅަށް 2010 ވަނަ ހުށަހެޅި ދުސްތޫރީ މައްސަލާގެ ހުކުމްގައި ސުޕްރީމް ކޯޓުން ވެސް ބުނެފައިވަނީ، ދައުލަތުގެ ބާރުތައް ވަކި ކުރުމުގައި ގާނޫނުއަސާސީ ތަބާވަނީ ރިޔާސީ ނިޒާމުގެ ސިފަތަކާއި ބަރުލަމާނީ ނިޒާމުގެ ސިފަތަކާ މަސްހުނިވެފައިވާ "ހައިބްރިޑް" ނިޒާމެއްގެ މައްޗަށް ކަމަށެވެ.

އެހެންވީއިރު ނިޒާމުގެ މަސްހުނިގަނޑު އިތުރަށް މޮޑެދާނެ އެވެ.

އެކަމަކު، މިހާ ހިސާބުން ގާނޫނުއަސާސީ އެކުލަވާލައްވަން އުޅުއްވި އިބްރާހިމް އިސްމާއިލް އުފެއްދި ނުކުތާ މުހިންމުވެ އެވެ.

"އަހަރެން މެންބަރު ހޮވަން ވޯޓު ދިނީ މިހާރު އޮތް ރިޔާސީ ނިޒާމުގައި ގާނޫނު ހަދާ މަޖިލީހުގައި ބައިންދަން، ބޮޑުވަޒީރު ހޮވައިގެން ވެރިކަން ހިންގުމަށް އުޅޭކަށް ނޫން،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

އޭގެ މާނައަކީ، ބަރުލަމާނީ ނިޒާމްގެ ތެރެއިން އިބްރާހިމް އިސްމާއިލްގެ މެންބަރު މުހައްމަދު ރަޝީދު، ވަޒީރަކަށްވުމަކީ ވޯޓުދިން ގޮތް ނޫން ކަމެވެ.

"ނިޒާމް ބަދަލު ކުރަންޏާ މަޖިލިސް ޖެހޭނީ އަލުން ހޮވަން، ތިޔަތާކު ނެތް ވަޒީރުކަން ހަވާލު ކުރެވޭނެ އެކަކު ވެސް،"