18 އޭޕްރީލް 2021 - 21:15 0
ބަޔާންގެ ޗީފް އެގްޒެކްޓިވް ރުމެނިގާ (ކ) އާއި ފްލިކް.-- ފޮޓޯ: އޭއެފްޕީ
18 އޭޕްރީލް 2021 - 21:15 0
މިއުނިކް (އޭޕްރީލް 18) - ޖަރުމަނު ލީގުގައި ރޭ ވުލްފްސްބާގް އަތުން މޮޅުވި މެޗަށް ފަހު ބަޔާން މިއުނިކްގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާކަން އެ ޓީމުގެ ކޯޗު ހަންސީ ފްލިކް، މީޑިއާގައި އިއުލާނުކުރުމާ ގުޅިގެން ބަޔާނުން އެކަމާ ހިތްހަަމަނުޖެހިއްޖެ އެވެ.
ފްލިކް ރޭ ސްކައި ޖާމަނީ އަށް ދިން އިންޓަވިއުއެއްގައި ބުނީ މި ސީޒަނަށް ފަހު ބަޔާން ދޫކޮށްލަން ނިންމާފައިވާކަން އެ ޓީމުގެ މެނޭޖްމަންޓަށް މިދިޔަ ހަފްތާގައި އަންގާފައިވާނެ ކަމަށެވެ. ފްލިކް ހަވާލުވާނީ ޔޫރޯ އަށް ފަހު ޖަރުމަނު ގައުމީ ޓީމާ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ކަމުގައި ވިޔަސް އޭނާ ބުނީ އަދި އެ ފަދަ އެއްބަސްވުމެއް ނެތް ކަމަށެވެ. ޔޫރޯ އަށް ފަހު ބަޔާންގެ ކޯޗުކަން ދޫކޮށްލަން މިހާރު އެ ޓީމާ ހަވާލުވެ ހުރި ޔަކީމް ލޯ ވަނީ ނިންމައިފަ އެވެ.
ބަޔާނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އުވާލަން މިދިޔަ ހަފްތާގައި ފްލިކް ހުށަަހަޅާފައިވާ ކަމަށާއި އެކަން މަޝްވަރާކުރުމަށް ފަހު ދެ ފަރާތުން އެއްބަސްވީ އެ ވާހަކަ އެހާ ބޮޑަށް ނުދެއްކުމަށާއި މި ވަގުތު ކުރިއަށް ހުރި މެޗުތަކަށް ފޯކަސް ކުރުމަށް ކަމަށެވެ.
"އަހަރެމެން މި ވަގުތަށް އެ ވާހަކަތައް (ފްލިކް ޓީމު ދޫކޮށްލާ ވާހަކަަތައް) ބަލައެއް ނުގަންނަން. މަޝްވަރާތައް ދެން ކުރިއަށްދާނީ މައިންޒް މެޗަށް ފަހު،" ބަޔާންގެ އޮފިޝަލަކު ޖަރުމަނު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
ބަޔާން މި ވަގުތު ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބަޔާން ވަނީ ޕީއެސްޖީ އަތުން ކަޓައިފަ އެވެ.
ނިކޯ ކޮވަޗް ވަކިކޮށް ފްލިކްއާ ބަޔާންގެ ހެޑް ކޯޗުކަން ހަވާލުކުރީ 2019 ވަަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އޭނާގެ ކޯޗުކަމުގައި ބަޔާންގެ ފޯމް ވަނީ މުޅިން ބަދަލުކޮށްލައިފަ އެވެ. އަހަރެއްހާ ދުވަސް ތެރޭ ފްލިކްގެ ކޯޗުކަމުގައި ހަ ތަށި ބަޔާނުން އުފުލާލި އެވެ. އަދި މަަސައްކަތް ރަނގަޅުވުމުން ބަޔާނުން އޭރު ވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ފްލިކާ އެކު ކޮންޓްރެކްޓެއް ހަދައިފަ އެވެ. ފްލިކް ބަޔާން ދޫކޮށްލާނީ އެ ކޮންޓްރެކްޓް އުވާލައިފަ އެވެ.
ޖަރުމަނުގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އުމުރުން 56 އަހަރުގެ ފްލިކް ބަޔާން ދޫކޮށްލަން ނިންމި އެއް ސަބަބަކީ އެ ކްލަބްގެ ސްޕޯޓިން ޑިރެކްޓަރު ހަސަން ސަލިހަމްދްޒިޗްއާ މައްސަލަ ޖެހިގެންނެވެ. މައްސަަލަ ޖެހުނީ ބަޔާންގެ ޓްރާންސްފާ ކަންތައްތަކުގައި ފްލިކަށް ކޮންޓްރޯލް ދޭން ސަލިހަމްދްޒިޗް ދެކޮޅު ހެދުމުންނެވެ.
ޖަރުމަނު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަމާއި ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަންގެ ސްޕޯޓިން ޑިރެކްޓަރަކަށް މަސައްކަތްކުރި ފްލިކްގެ ބަދަލުގައި ބަޔާނުން ގެންނާނެ ކަމަށް ބެލެވެނީ އާރްބީ ލައިޕްޒިގުގެ ކޯޗު ހޫލިއަން ނާގަލްސްމަން ނުވަތަ ޔުވެންޓަސް އާއި އޭސީ މިލާންގެ ކުރީގެ ކޯޗު މެކްސިމިލިއާނޯ އަލެގްރީ އެވެ.
Comment