Advertisement

ހައްޔަރުކުރި "ބޮޑަކީ" ހައްމާދު ފަދަ ނުރައްކާތެރިން ރެކްރޫޓްކުރި މީހެއް!

19 މޭ 2021 - 09:52 8

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

އަބްދުﷲއާ ގުޅޭ އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު


ހައްޔަރުކުރި "ބޮޑަކީ" ހައްމާދު ފަދަ ނުރައްކާތެރިން ރެކްރޫޓްކުރި މީހެއް!

19 މޭ 2021 - 09:52 8

ހައްދުފަހަނާޅާފައިވާ ފިކުރު ރާއްޖޭގައި ފަތުރަމުންދާ މައްސަލާގައި ރޭ ހައްޔަރުކުރި "ބޮޑަކީ" ރ. އަތޮޅުގައި ނުރައްކާތެރި ދަރަޖައަކަށް ހަރުކަށި ފިކުރު ފެތުރުމުގައި އުޅުނު ކަމަށް ތުހުމަތުކުރާ އިސްމާއިލް ހައްމާދު ފަދަ ގިނަ ބަޔަކު ރެކްރޫޓްކުރި މީހެއް ކަން އިތުބާރު ހުރި މަސްދަރަކުން "އަދަދު"އަށް ދިން މައުލޫމާތުން އެނގިއްޖެ އެވެ.

އިސްލާމްދީނުގެ ނަމުގައި ޒުވާނުންގެ "ސިކުނޑި ދޮވެލައި"، ހަރުކަށިކަމަށް އޭނާ ތަމްރީންކުރި ބައެއް މީހުން ހަނގުރާމައަށް ސީރިއާއަށް ގޮސް އަމިއްލައަށް މަރުވެފައިވާ ކަމަށް ވެ އެވެ. މިގޮތަށް މަރުވާ ދިވެހިންގެ ތަފްސީލުތަކެއް ރަސްމީ އިދާރާތަކުން ކަށަވަރެއް ނުކޮށްދެ އެވެ.

އަބްދުﷲގެ ރެކްރޫޓެއް ކަމަށްވާ، ރ. މަޑުއްވަރީ ހައްމާދު، 27 އާއި އޭނާގެ އެކުވެރިން ހައްދުފަހަނާޅައި ދިއުމުގެ އަމަލުތަކެއް ހިންގަމުން ދަނިކޮށް އުފެދުނު ދެބަސްވުމެއްގައި ނޮވެމްބަރު، 2019 ގައި ކަނޑުމަތީގައި ވަރުގަދަ މާރާމާރީއެއް ހިންގި އެވެ. އެ މާރާމާރީގައި ހައްމާދުގެ ގައިގެ އެކި ތަންތަނަށް ވަޅިން ހަމަލާދިނީ، ހަމަ އެ ރަށު ބީޗްހައުސް، އިސްމާއިލް އާސިފެވެ. ދެ މީހުން ވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ޖަލުން ބައްދަލުވެ އަބްދުﷲ އަލީ ރެކްރޫޓްކުރި ކަމަށް ތުހުމަތުކުރެވޭ ހައްމާދު އޭނާ ލަނޑާ ނަގަން ގޮސް އުޅުނު ދޯނީގައި: ގިނަ ތުހުމަތުތަކެއްގައި މިހާރު ވަނީ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި. -- ފޮޓޯ/ ސޯޝަލްމީޑިއާ


ހައްދުފަހަނާޅައި ދިއުމުގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ އަބްދުﷲ އަލީ އަކީ "އަދަދު"އަށް ކަށަވަރުވެފައިވާ ގޮތުގައި ހައްމާދު ކައިވެނީގެ ނަމުގައި "ރޭޕްކުރި" 12 އަހަރުގެ ކުއްޖާގެ ބައްޕަ އެވެ. ގާނޫނީ އިމުން ބޭރުވެ، ކައިވެނީގެ ނަމުގައި ޖިންސީ ގުޅުން ހިންގައި ޅަ އުމުރުގައި އެ ބަލިވެއިނދެ، 13 އަހަރުގައި ވަނީ ވިހައިފަ އެވެ. އެ ކުއްޖާ އޭގެ ކުރިން ވެސް ދެ މީހަކާ ކައިވެނީގެ ނަމުގައި "ހަވާލުކުރި" ކަމަށް ތުހުމަތު ކުރެ އެވެ.

ފުލުހުން އޭރު ބުނި ގޮތުގައި 13 އަހަރުގެ ކުއްޖާ ވިހެއި ދަރިފުޅުގެ ޑީއެންއޭ ހާއްމާދާ ދިމާވެ އެވެ. ހައްމާދު އެ މައްސަލައިގައި ހައްޔަރުކޮށް ދައުލަތުން ރޭޕުގެ ދައުވާ ވެސް އުފުލި އެވެ.

އަބްދުﷲ ރޭ ހައްޔަރުކުރަން ފުލުހުންގެ ތުހުމަތުތައް

  • ހައްދުފަހަނާޅާފައިވާ ފިކުރު ފަތުރަން މާލޭގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުން.
  • އިސްލާމްދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަށް ހިތްވަރުދޭ ކްލާސްތައް ބޭއްވުން.
  • ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުން.
  • ޓެރަރިސްޓް ޖާމާއަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ޖަމާއަތަކަށް (އައިސިސް) އަށް ތާއީދުކުރުން.
  • ދާހިލީ ހަނގުރާމަތަކަކީ ޖިހާދު ކަމުގައި ސިކުނޑިތަކަށް ވައްދައި، ޖިހާދަށް މީހުން ރެކްރޫޓްކުރުމާއި ސީރިއާއަށް ހަނގުރާމައަށް ފޮނުވުން.
  • ގައުމީ ސަލާމަތަށް ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާއެއް ރާވަމުންދާ ކަމުގެ ތުހުމަތު

ހަރުކަށި ފިކުރާ ދެކޮޅު ކަމަށް ދޭހަވާ ގޮތަށް އަބްދުﷲ ފޭސްބުކަށް އާއްމުކުރި ވީޑިއޯއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް.


އޭނާ ރޭ ހައްޔަރުކުރީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަަން ކޯޓު އަމުރުގައި ފުލުހުން ބުނެފައިވެ އެވެ.

ޑޮޓުން ފަށައި ފިކުރު ފަތުރަން "ދޫވެފައި"!

މައުލޫމާތު އެނގިވަޑައިގަންނަވާ ދެ ބޭފުޅަކު ވިދާޅުވީ ޕާކިސްތާނުގައި ހަތަރު އަހަރު ހޭދަކުރުމަށް ފަހު އަބްދުﷲ އެނބުރި ރާއްޖެ އައިސް އުޅުނީ "ޑޮޓު" ޖަމާއަތުގަ އެވެ. އޭރު ރާއްޖޭގައި ދީނުގެ ނަމުގައި ހައްދުފަހަނާޅައިދިއުން ފުޅާވަމުން ގޮސް ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރީ ޒިކުރާ މިސްކިތް ކައިރީގައި ހުރި ގެއެއްގަ އެވެ. އެ ފިކުރުގައި ޖެހޭ މީހުން ގިނަވަމުންދާތީ ސަރުކާރުން އެކަން ހުއްޓުވާލީ އެވެ.

އެހެންވެ އެ މީހުން ދެން ބެލީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ސަރުކާރަށް އެ މީހުން އަތުލައިގަންނަން އެންމެ އުނދަގޫ ސަރަހައްދުތަކަށް ފެތުރިގަތުމަށެވެ.

މާލެ އިން އއ. އަތޮޅަށް ދިޔަ މީހުންގެ ތެރޭގައި އަބްދުﷲ ހިމެނެ އެވެ. އޭގެ އިތުރުން ދެން އެ މީހުން އަމާޒު ހިފީ، ރ. އަތޮޅަށެވެ. ހުރިހާ ދިމާލެއްްގައި މޫލައްވަމުން ގޮސް މިހާ ހިސާބަށް އައިއިރު އެންމެ ވަރުގަދައަށް ހައްދުފަހަނާޅައި ދިއުން ފެތުރިފައި އޮތް އެއް ތަނަކީ އައްޑޫކަން ކަމާބެހޭ އިދާރާތަކަށް އެނގެ އެވެ.

އެ ސިޓީގައި، ސުންނަތަށް އުޅޭ އިލްމުވެރިން ސަރުކާރުގެ އެކި އިދާރާތަކުގައި ތިބުން ވަނީ ހަރުކަށި ފިކުރުގެ މީހުންނަށް ބޮޑު ގޮންޖެހުމަކަށެވެ. އެހެންވެ އެ މީހުންގެ ފިކުރަށް ނުރައްކަލެއްހެން ހީވާ އިލްމުވެރިން "ކާފަރެއް ކަމަށް، ލޭ ހުއްދަކޮށް" އިންޒާރު ދީފައި އެބަހުއްޓެވެ. އައްޑޫގައި ތިބި ބައެއް އިލްމުވެރިންނަށް ސެކިއުރިޓީ ވެސް ފޯރުކޮށްދެ އެވެ.

ރާއްޖެ އިން ސީރިއާއަށް ހަނގުރާމައަށް ދިޔަ ދިވެހިންތަކެއް ތަމްރީންތަކުގައި.


ހިމަންދޫގައި 2007 ގައި ސަލާމަތީ ހިދުމަތްތަކާ ކުރިމަތިލި މައްސަލައާ ހިސާބަށް ދިޔައިރު، ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގައި އަބްދުﷲ އަލީ އަށް ގިނަ ހުކުމްތަކެއް ކޮށްފައިވެ އެވެ.

ސަލްޓަންޕާކުގައި، ސެޕްޓެމްބަރު، 9، 2007 ގައި ބޮމެއް ގޮއްވާލައި ޓޫރިސްޓުންތަކެއް ޒަހަމްކޮށްލި ހަމަލާގައި ވެސް އަބްދުﷲ އަށް ތުހުމަތު ކުރެ އެވެ. އެކަމަކު އެ މައްސަލައިގައި ޓެެރަރިޒަމްގެ ދައުވާ އުފުލި 16 މީހުންގެ ތެރެއަކު އޭނާ ނުހިމެނެ އެވެ. އެ ހަމަލާއަށް ތުހުމަތުކުރެވޭ 10 މީހަކު ރާއްޖެ އިން ފިލައިގެން ވެސް ދިޔަ އެވެ. އެ މީހުން އެތެރެވީ ސީރިއާއަށް ކަމަށް ތަހުގީގީ އިދާރާތަކުގެ މައުލޫމާތުން އެނގެ އެވެ.

އޭނާ ހަމަލާދިނުމުގައި އަމަލީ ގޮތުން ނުހިމުނަސް ތުހުމަތުކުރެވޭ މީހުން ފޮރުވުމާއި ފިލުވުމުގައި ދައުރެއް އޮތް ކަމުގެ ޝައްކުތައް ބޮޑެވެ.

ހިމަންދޫ "ހަނގުރާމައިގައި" އިސްކޮށް އަބްދުﷲ އަލީ، ދެ ފަހަރަށް ޖަލުން ފިލި!

ހިމަންދޫގައި ވަކިން ޖަމާއަތް ހަދައި ހައްދުފަހަނާޅައި ދިއުމުގެ އަމަލުތަކެއް ހިންގަމުން ދަނިކޮށް، ސަލާމަތީި ހިދުމަތްތަކުން އެ ރަށަށް އެރީ 2007 ގަ އެވެ. ބޭނުމަކަށް ވީ ސަލްޓަންޕާކު ބޮމުގެ ހަމަލާއަށް ތުހުމަތުވާ ބަޔަކު ވެސް ހޯދުމެވެ.

އެ މީހުން، ސަލާމަތީ ހިދުމަތްތަކާ ކުރިމަތިލީ ކޮޅު ތޫނުކޮށްފައި ހުރި ލަކުޑިބުރި އާއި ދަނޑިބުރި އާއި ކަނޑި ހިފައިގެން ބޮލުގައި ހެލްމެޓް އަޅައި މޫނު ނިވާކޮށްގެންނެވެ. އޭގެތެރޭގައި އިސްކޮށް ހުރި އެކަކީ އަބްދުﷲ އެވެ.

އެ މައްސަލައިގައި އޭނާ ހިމެނުނީ ހިމަންދޫ "ހަނގުރާމައިގެ މައިދާނުގައި" ހަރަކާތްތެރިވެގެން ޓެރަރިޒަމްގެ ތުހުމަތުކުރި 53 މީހުންގެ ތެރެއިން ދައުވާ އުފުލި 37 މީހުންގެ ތެރޭގަ އެވެ. އެ މައިދާނުގައި ތިބި މީހުން ވަކިކުރަން ހުށަހެޅި ވީޑިއޯގެ ތެރެއިން، މައްސަލަ ބެއްލެވި ގާޒީ އަލީ ރަޝީދަށް އަބްދުﷲ ވަކިކުރަން އެނގުނީ "މަޝްހޫރު މީހަކަށް ވުމުން" ކަމަށް ޝަރީއަތުގައި ވިދާޅުވެފައިވެ އެވެ. ބެލެވޭ ގޮތުގައި އެ ވިދާޅުވީ އެފަދަ ކުށްތަކެއް ކުރިން ސާބިތުވި ވާހަކަ އެވެ.

ހިމަންދޫގައި ހިންގި ހަމަނުޖެހުން: ސަލާމަތީ ބާރުތަކާ ކުރިމަތިލުމުގައި އިސްކޮށް އުޅުނު އެކަކީ އަބްދުﷲ. -- ފޮޓޯ/ ހަވީރު


ޖަލު ހުކުމުގައި ހުރެފައި ދެ ފަހަރަކަށް އަބްދުﷲ ފިލި އެވެ. ފުރަތަމަ ގޮސް ގދ. ތިނަދޫގައި އުޅެނިކޮށް ހައްޔަރުކުރީ ޖޫން، 17، 2009، ގަ އެވެ. އަތުލައިގަނެ ކަނޑު ބޯޓެއްގައި މާލެ ގެންނަނިކޮށް، ވ. ފުލިދުއާ ހިސާބުން ވެސް ކަނޑަށް ފުންމާލައިގެން ފިލަން އުޅުނެވެ.

އެފަހަރު ގެނެސް ޖަލު ހުރެފައި ޖެހިގެން އައި އަހަރު ވެސް ފިލީ އެވެ. ޑީޕީއާރުއެސްއިން ހޯދަމުން ދަނިކޮށް އޭނާ ފެނުނީ ޖެނުއަރީ، 4، 2010 ގައި ކ. ތިލަފުށިންނެވެ.

ޖަލުން އޭނާ މިނިވަންވީ، ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި، ހުކުމުގެ 10 އަހަރު ހަމަވުމުންނެވެ.

ހިމަންދޫން ބަޔަކު ހައްޔަރުކުރުންވީ ސަރުކާރާ ދެކޮޅަށް ވަރުގަދައަށް ނުކުމެ ހަރަކާތްތައް އިތުރުކުރި ވެސް ސަބަބަކަށެވެ. ސެލްތަކެއް ހަދައި ތައުހީދު ކްލާސްތަކާއި ވަކިން ނަމާދުކުރުމާއި ހަނގުރާމައިގެ ތަމްރީންތައް ކުރިއަށް ގެންދިޔަ އެވެ. މި އެންމެންގެ ހަަރަކާތްތައް ފުޅާކުރަން ލިބުނު އެންމެ ބޮޑު ހިތްވަރަކީ، ހިމަންދޫން ހައްޔަރުކުރި ބައެއް މީހުން (އެ މީހުންގެ އަޚުން) "ސިޔާސީ ޑީލަކުން" ދޫކޮށްލުމެވެ.

ޖަލުން ނުކުތް އިރު އެ މީހުންގެ ވިސްނުން އަދި މާ ހަރުކަށިވެފައި ނުރައްކާތެރި އެވެ. ހިމަންދޫ މައްސަލައިން މިނިވަންވެ ބައެއް މީހުން ވެސް ސީރިއާއަށް ދިޔަ ކަމަށް މައުލޫމާތު އެނގޭ ބޭފުޅަކު ކިޔައިދެއްވި އެވެ.

ހައްމާދު ރެކްރޫޓްކުރީ ޖަލުގައި!

އަބްދުﷲ އަލީއާ، ހައްމާދު ދިމާވަނީ މާފުށީ ޖަލުންނެވެ. އޭރު އަބްދުﷲ އަކީ ޖަލުގައި ހައްދުފަހަނާޅައި ދިއުމުގެ ކަންކަން ފެތުރުމުގައި އިސްކޮށް އުޅުނު މީހާ ކަމަށް ވެ އެވެ. އޭނާ އަކީ ޖަލުގެ އިމާމެވެ.

ޖަލުގައި، އަބްދުﷲ ރެކްރޫޓްކުރީ ހައްމާދު ކަހަލަ އެތައް ޒުވާނުންނެވެ. އެކަން ހިނގަމުން ދިޔަ ކަން އިދާރާތަކަށް ވެސް އެނގެ އެވެ.


އަބްދުﷲ ބެލީ ވެސް އެނގިފައިވާ ގޮތުގައި، ފަސޭހަ އިން އޭނާއަށް ތަބާވާނެ ޒުވާން ސިކުނޑިތަކެއް އެކަމުގެ ތެރެއަށް ވެއްދުމަށެވެ. ޖަލަށްލި އިރު ހައްދުފަހަނާޅަފައިވާ ފިކުރުގެ ތުހުމަތެއް ހައްމާދަކަށް ނެތެވެ.

އެކަމަކު ފުލުހުންގެ މުއައްސަސާގައި މިހާރު ކުށުގެ ރެކޯޑު އޮތް ހައްމާދު، އެންމެ ފުރަތަމަ ޖަލަށްލީ 2012ގައި ވީޓީވީ އަށް ގެއްލުންދީގެންނެވެ. އެ ހުކުމުން މިނިވަންވެފައި ހުއްޓައި ސެޕްޓެމްބަރު، 22، 2019 ގައި މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނާއި އެހެން ތަކެތި ވައްދަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.

ހައްމާދު އެންމެ ފަހުން ހައްޔަރުކޮށް، ކުށުގެ ރެކޯޑު ތަފްސީލްކޮށްދެއްވަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވެފައި ވަނީ ޖަލުން ނުކުތް ފަހުން، ދީނީ ހަރުކަށި ފިކުރަށް ތަބާވެ ހަރަކާތްތައް ހައްމާދު ހިންގާ ކަަމަށް ތުހުމަތު އޮތް ކަމަށެވެ.

ނުރައްކާތެރި ހައްމާދު ޖަލުން ނުކުތްއިރު ހުރީ ދީނުގެ ނަމުގައި ހަރުކަށި ފިކުރުގައި މާ މާ ނުރައްކާ ލެވެލެއްގަ އެވެ.

ހައްމާދު ތަބާވަނީ، އެނގިފައިވާ ގޮތުގައި، އައިސިސް އަށެވެ. ހަރުކަށި ފިކުރުގެ ތެރެއިން "ޣަނީމާ މުދާ" ކަމަށް ކަނޑައަޅައި ބޮޑެތި ވައްކަންތަކުގައި ހައްމާދު ބައިވެރިވި ކަމުގެ ތުހުމަތުތައް އެބަހުއްޓެވެ.

އޭނާ ހިމެނުނީ ކަންނެލި ދޯނިތަކުގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުމާ އެކު އެ ފިކުރުގެ ހަރަކާތްތައް ދަސްކޮށްދިނުމުގެ ކަންކަން ހިންގަން އިސްކޮށް އުޅުނު މީހުންގެ ތެރޭގަ އެވެ. ހަނގުރާމަ އަށް ހިތް ޖެއްސެވުމަށް ދޯނިފަހަރުގައި އެންމެން އެކުވެގެން ސީޑީތައް އަޑުއަހައި ހެދި އެވެ. ފަޅު ރަށްތަކުގައި ބޫޓް ކޭމްޕްތައް ބޭއްވި ކަމުގެ ތުހުމަތު ވެސް ކުރެ އެވެ.

މައުލޫމާތު އެނގިވަަޑައިގަންނަވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ޖާނުން ފިދާވެގެން ދިވެއްސަކު ފުރަތަމަ ހަމަލާ 2009ގައި ދިން ކަމަށް ރަސްމީ މައުލޫމާތުތަކުގައިވާ އިރު، އެ ހިސާބަށް ދިޔައިރު އެ ފިކުރުގެ އެޖެންޓުންނަށްޓަކައި ޖާނުން ފިދާވާނެ ބަޔަކު ތިބީ އުފައްދައިފަ އެވެ. މުޖުތަމައުގައި، އޮތް ބިރެއްގެ ގޮތުގައި ފުލުހުންނާއި ސިފައިން ސިފަކުރާ ބިރަކީ އެ މީހުންނެވެ.

މި ފަހުން އަބްދުﷲ ވަނީ ވީޑިއޯއަކުން އޭނާގެ ހަރުކަށި އަމަލުތައް ދިފާއުކޮށް ވާހަކަ ދައްކައިފަ އެވެ. އެކަމަކު އޭރު ވެސް ފުލުހުން ވަނީ އޭނާގެ މައްޗަށް މައްސަލަތަކެއްގައި ތުހުމަތުތަކެއްކޮށްފަ އެވެ.

"މީހުން މަރަން ފަސްނުޖެހޭ 1،400 މީހުން، އެޅުނު ފިޔަވަޅެއް ކޮބާ؟"

ހަރުކަށި ފިކުރު ފަތުރާ ބަޔަކު ކުއްލިއަކަށް އަނެއްކާވެސް ހައްޔަރުކުރަން މި ފެށީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެންނެވެ. މި ހަމަލާގައި މިހާތަނަށް ހައްޔަރުކުރި އެންމެން ގޮސް ގުޅެނީ ހައްދުފަހަނާޅައި ގޮސް އަނިޔާވެރިކަމަށް އަރައިގަތުމާ އެވެ. އައްޑޫން ވެސް ހަތް މީހަކު ހައްޔަރުކޮށްފައިވާ އިރު އެއީ އެތަނުގައި އައިސް ޖަމާއަތް ހިންގާ ކަމަށް ތުހުމަތުކުރާ ބައެކެވެ. މާލެ އިން ރޭ މި ހައްޔަރުކުރީ އަބްދުﷲ އަލީ އެވެ.

ރާއްޖޭގައި މޫލާފައި އޮތް ހަރުކަށި ފިކުރާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ސަލާމަތީ ބާރުތަކުން އެންމެ ފަހުން ހިންގީ، އަބްދުﷲ އަލީ އަޑީގައި ހުރެ، އަނިޔާވެރިކަމުގެ ތެރެއަށް ނެރުނު ހައްމާދުގެ ބައިވެރިން ހިންގަމުން ދިޔަ އަމަލުތައް ހައްދުފަހަނާޅައި ދިއުމުންނެވެ.

އިސްލާމްދީނުގެ ނަމުގައި އެ މީހުން ގެންގުޅޭ ވަކި ފިކުރެއްގެ މައްޗަށް ދޯންޏެއްގެ ތެރޭގައި، އިސްމާއިލް ހައްމާދާއި އިސްމާއިލް އާސިފް ހިންގި މާރާމާރީގެ ތަހުގީގަށް ފާހަގަވި ކަންކަމާ ގުޅިގެން މަޑުއްވަރީގައި އޮޕަރޭޝަނެއް ހިންގައި ބަޔަކު ހައްޔަރުކުރި އެވެ. އެ މީހުން ދޫވީ ކަމެއް ނުވަތަ އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމެއް ސާފެއް ނޫނެވެ.

މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނުގައި، ހަރުކަށި ފިކުރުގެ ބައަކު އުޅޭ ގެއެއް ބަލައި ފާސްކުރަން ފުލުހުން ތައްޔާރުވެގެން. -- ފޮޓޯ/ މަޑުއްވަރީ އޮންލައިން


އެ އޮޕަރޭޝަނުން އެނގުނީ، ކައިވެނީގެ ނަމުގައި ކުދިން ރޭޕްކުރާ މީހުންނާއި ދަރިން ކިޔެވުމުން މަހްރޫމްކުރުމާއި ވެކްސިން ނުދީ ބަންދުކޮށްގެން ގެންގުޅުން ފަދަ ހައްގުތައް ނިގުޅައިގަންނަ އަމަލުތައް މަޑުއްވަރީގައި ހިންގަމުންދާ ކަމަށެވެ. މި މައްސަލަތަކުގައި، ހައްގުތައް ގެއްލުނު އަދި މައިންބަފައިން އިހުމާލުވި ކަމަށް ފެންނަން ހުރި ބައެއް ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ވެސް ނެގި އެވެ.

މިދިޔަ އަހަރު ހިންގި މި އޮޕަރޭޝަން ވަކި ހިސާބަކުން މެދުކަނޑާލިއިރު، އިސްލާމްދީނުގެ ނަމުގައި އަނިޔާވެރި އަމަލުތައް ހިންގާ އައިއެސްގެ ފިކުރަށް ތަބާވެ އެ ފިކުރުގެ ދިފާއުގައި، ޖެހިގެން ހުންނަ މީހާ މަރާލަން ފަސްނުޖެހޭ މިންވަރަށް ހައްދުފަހަނާޅާފައިވާ 1،400 އެއްހާ ދިވެހިން އެބަތިބި ކަމަށް ކަމާބެހޭ އިދާރާތަކުން އޮތީ، 16، ޑިސެމްބަރު، 2019، ގައި އިއުލާންކޮށްފަ އެވެ.

ފުލުހުން އޭރު ބުނީ ސީރިއާގެ ހަނގުރާމަ ކުރަން ޝައުގުވެރިވެ އެ މަގަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 423 މީހުން މަސައްކަތް ކުރި ކަމަށާއި އޭގެތެރެއިން ސީރިއާ އަށް އެތެރެވެވުނު ކަމަށް އެނގެން އޮތީ 173 ދިވެހިން ކަމަށެވެ. އެ ވަގުތާ ހަމައަށް ސީރިއާގައި ތިބީ 59 ދިވެހިންނެވެ. އޭގެތެރޭގައި ގިނައީ ހަނގުރާމައަށް ދިޔަ މައިންބަފައިން މަރުވެ ޔަތީމުވި ކުޑަކުދިން ކަަމަށް ވެސް ފުލުހުން ބުންޏެވެ.

ހަރުކަށި ފިކުރުގެ ބޮޑުންގެ ގޮތުގައި، ރާއްޖޭގައި ހަރަކާތްތެރިވަމުންދާ މީހުންގެ ތެރޭގައި ހަނގުރާމަ އަށް ސީރިއާ އާއި އަފްގާނިސްތާނަށް ދިއުމަށް ފަހު އެނބުރި އައިސް ތިބި މީހުން އެބަތިއްބެވެ. މި މީހުންނާ އެކު ރަށްރަށަށް މި ފިކުރު ފެތުރި ރައްޔިތުން ނުރައްކަލަކަށް ހުށަހެޅިފައި އެބަތިއްބެވެ. އެކަމަކު، އަބްދުﷲ އަލީ އާއި އަދި އެހެން ވެސް ބޮޑުން ހައްމާދު ފަދަ އެތައް ބަޔަކު ނުރައްކާތެރި މީހުންނަށް ހެދި އިރު ހުއްޓުވިފައެއް ނެތެވެ.

ކަންބޮޑުވުމަކީ އަދި ރައްޔިތުންނަށް އޮތް ނުރައްކަލަކީ ވެސް އެއީ އެވެ.