Advertisement

ޒަމާންވީ ސަގާފަތް ދޫކޮށް ނަމޫނާ ކެމްޕޭނެއް!

11 އޭޕްރީލް 2021 - 13:22 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މާލޭ ސިޓީގެ އިންތިހާބީ މޭޔަރު "އަދަދު"އަށް އިންޓަވިއު ދެއްވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ޒަމާންވީ ސަގާފަތް ދޫކޮށް ނަމޫނާ ކެމްޕޭނެއް!

11 އޭޕްރީލް 2021 - 13:22 1

"އަޅުގަނޑު އެއްވެސް މީހެއްގެ ބޮލުގައި މި ޒިންމާ އަޅުވާކަށް ނޫން. ކަންކަން ނުހިނގާ ވާހަކަ." މިއީ ވާދަވެރިންނާ ސީދާ ދެކޮޅަށް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު ވަރަކަށް އެއްޗެއް ވިދާޅުވި މިންވަރެވެ.

އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ވާދަވެރި ގޮނޑިއަކަށްވީ، އެންމެ ގިނަ ބަޔަކަށް ވޯޓުލެވޭ މާލޭ ސިޓީގެ މޭޔަރުކަމުގެ ގޮނޑި އެވެ.

އެންމެ ބޮޑު ސަމާލުކަމެއް ލިބުނު ގޮނޑިއަށް މުއިއްޒު ވާދަކުރެއްވީ ހަމައެކަނި އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އާ ދެކޮޅަށް ކަމަށް ބުނުމަކީ ބޭއިންސާފެކެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި، އަނަސްގެ ކުރިންނާއި ފަހަތުން އެމްޑީޕީގެ މުޅި ލީޑަޝިޕް ކެމްޕޭނަށް ނުކުންނެވީމަ އެވެ. ދޮރުން ދޮރަށް އަނަސް ހިންގެވީ، މާލޭގެ އެ ދާއިރާއެއް ތަމްސީލުކުރައްވައި، އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރާވެސް އެކުގަ އެވެ.

އެމްޑީޕީން ނުކުމެ މުއިއްޒުގެ މާޒީ ރައްޔިތުންގެ ކުރިމަތީގައި ނިއުޅާލި އެވެ. ވަރުގަދަ ފާޑުކިޔުންތަކެވެ. ސީދާކޮށްނާއި ނުސީދާކޮށް މަލާމާތުގެ ބަސްތަކެވެ.

ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަމުގައި ހުންނަވައިގެން، މުއިއްޒު ހެއްދެވި ހުރިހާ ގޯސްތަކެއްގެ ވާހަކަ އެވެ. ކުރީ ސަރުކާރުގެ މަރުކަޒީ ސިޔާސަތުގެ ދަށުން، ކައުންސިލްތަކުގެ ބާރުތައް ހަނިކުރި ކުރުން، ނިސްބަތް ކުރެއްވީ މުއިއްޒު އަށެވެ. އެ ހުރިހާ ޒިންމާއެއް ސީދާ މުއިއްޒުގެ ކޮނޑުގައި އެޅުވި އެވެ.

އެ ހުރިހާ ހަމަލާތަކެއް އަމާޒުވަމުން ދިޔައިރު ވެސް، މުޅި ކެމްޕޭނުގައި މުއިއްޒު ގެންގުޅުއްވި ސިޔާސަތަށް ބަދަލެއް ނުގެންނަވަ އެވެ. އެންމެ ކުޑަމިނުން ރައްދެއްވެސް ނުދެއްވަ އެވެ.

އަޅުގަނޑު ބޭނުންވެގެން، ލާމަރުކަޒީ ނިޒާމު ފުނޑާލާކަށް ނޫނީ އެހެން ކަމެއް ކުރާކަށް ކުރި އެއްވެސް ކަމެއް ނޯންނާނެ

ކުރެއްވުނު ކަމަކުން ރެކިވަޑައެއް ނުގަންނަވަ އެވެ. އެކަންކަމަށް ރައްޔިތުންގެ ކިބައިން މައާފަށް ވެސް އެދިވަޑައިގެންނެވި އެވެ.

މުޅީންވެސް ދެއްކެވީ މާލޭގައި ހައްލުނުވެ ހުރި މައްސަލަތަކުގެ ވާހަކަ އެވެ. އެކަންކަން ހައްލުކުރަން ގެންގުޅުއްވާ ވިސްނުމާއި ތަސައްވުރެވެ. އިދިކޮޅަށް ނިސްބަތްވި ނަމަވެސް، މޭޔަރުކަމަށް އިންތިހާބު ވެއްޖެނަމަ، ސަރުކާރާ އެކީގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަމެވެ. ޕާޓީ ފިކުރު އެއް ފަރާތްކޮށް، ރައްޔިތުންގެ ފަޅީގައި ހުންނަވާނެ ކަމުގެ ވައުދާއެކު އެވެ.

ރާއްޖޭގައި ގިނަ ޕާޓީތަކެއްގެ ނިޒާމެއް ވުޖޫދުވި ފަހުން، ސިޔާސީ މައިދާނުގައި އިސް ސަފަށް ވަޑައިގެންނެވޭނީ އެންމެ އަޑުގަދަ މީހަކަށެވެ. ވާދަވެރިންނާ ދެކޮޅަށް ހަރު އަޑުން ރައްދު ދީ، އެއްވުމެއްގެ ފޯރި ގަދަކޮށްލެވޭ ބޭފުޅަކަށެވެ.

އާއްމު މިންގަނޑުން ބަލާއިރު، މުއިއްޒުއަކީ ސިޔާސީ ލީޑަރަކަށް ކުފޫ ހަމަވާ ބޭފުޅެއް ނޫނެވެ. މަޑުމައިތިރި ވީމަ އެވެ. އަޑުގަދަކޮށް ބަސް ވިދާޅުނުވާތީ އެވެ.

އެކަމަކު މާލޭގެ ރައްޔިތުންނަށް މުއިއްޒުގެ ކެމްޕޭނު ކަމުދިޔައީ އެވެ. ދެއްކެވި ވާހަކަތައް ބަލައިގަތީ އެވެ. މުއިއްޒު ވެސް ވިދާޅުވި ގޮތަށް، ރައްޔިތުން އިތުބާރު ކުރީ އެވެ.

ތަފާތު ކެމްޕޭނަކުން ތާރީހީ ކާމިޔާބީ އެކެވެ.