Advertisement

ނުދަންނަ ނަންބަރަކުން ގުޅައިފިއްޔާ މިހާރު އޮޓޯއިން ކޯލު ރެކޯޑުކުރެވޭނެ: ގޫގުލް

13 އޭޕްރީލް 2021 - 09:34 0

އިބްރާހިމް ސަމީރު

އިބްރާހިމް ސަމީރު


ނުދަންނަ ނަންބަރަކުން ގުޅައިފިއްޔާ މިހާރު އޮޓޯއިން ކޯލު ރެކޯޑުކުރެވޭނެ: ގޫގުލް

13 އޭޕްރީލް 2021 - 09:34 0

ފޯނުގައި ރައްކާކޮށްފައި ހުންނަ ނަންބަރުތައް ފިޔަވައި އެހެން ނަންބަރަކުން އަންނަ ކޯލުތައް އޮޓޮމެޓިކުން ރެކޯޑު ކުރުމުގެ ކުޅަދާނަކަން، "ގޫގުލް ފޯނު" އެޕްލިކޭޝަނަށް ދީފި އެވެ. މިހާރު ވަކި ސަރަހައްދުތަކަކަށް އަމާޒުކޮށްގެން ހޮވައިލެވޭ ވަކި ފޯނުތަކަށް ދޫކޮށްފައިވާ މި ފީޗާގެ ވާހަކަ އެންމެ ފުރަތަމަ އިންޓަނެޓަށް ތިލަވެފައި ވަނީ މި ދިޔަ ޖަނަވަރީމަހުގެ ތެރޭގަ އެވެ.

ކޯލު ރެކޯޑުކުރުމަކީ ޒާތީ މައުލޫމާތުގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް މަގުފަހިވާކަމަކަށް ވުމާ އެކު ގޫގުލް އިން މި ފީޗާ އާންމު ކުރާނޭކަމަށް ބެލެވެނީ ކުންފުންޏަށް އެކަމުގައި ގާނޫނީގޮތުން ހުރަހެއް ނެތް ގައުމުތަކަށް އެކަންޏެވެ.

މި ފީޗާގެ އަޖުމަބަލައިލުމުގެ ފުރުސަތު ލިބުނު މީހަކު ޓުވިޓާގައި ހިއްސާކޮށްފައިވާ ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި، ފޯނުގައި ނެތް ނަންބަރުތަކުން އަންނަ ހުރިހާ ކޯލެއް، ނުވަތަ ބޭނުންވާ ވަކިވަކި ނަންބަރުތަކަކުން އަންނަ ކޯލުތައް އެކަނި ރެކޯޑުކުރެވޭ ގޮތަށް މިހާރު އެޕްލިކޭޝަންގެ ސެޓިންގެސް މެނޫ ވަނީ އަޕްޑޭޓުކޮށްފަ އެވެ.

ގޫގުލް އިކޯސިސްޓަމްގެ ތެރެއަށް ނޭޓިވްކޮށް (އެެހެން ތާޑްޕާޓީ އެޕްލިކޭޝަނެއްގެ އެހީއާ ނުލައި) ކޯލު ރެކޯޑުކުރުމުގެ ކުޅަދާނަކަން ގޫގުލް އިން ފުރަތަމަ ދީފައިވަނީ މިދިޔަ އަހަރު އެވެ. އޭގެ ފަހުން ގޫގުލް ޕިކްސެލް ފޯނުތަކުގެ އިތުރުން މިއަހަރުގެ މިހާތަނަށް ޝޯމީ އާއި ނޮކިޔާގެ ބައެއް ފޯނުތައް ބޭނުންކުރާ މީހުންނަށް ވެސް މި ފީޗާ ބޭނުންކޮށްލުމުގެ ނަސީބު ވަނީ ލިބިފަ އެވެ.

މި ހަބަރާއެކު، މޯބައިލް ހާޑްވެއާ އާއި ސޮފްޓްވެއާ އުފައްދާ ކުންފުނިތަކުން، ކޯލު ރެކޯޑުކުރުމާއި، ފޯނުން ނަގާ ފޮޓޯތަކާއި ވީޑިއޯތައް ފަދަ ކޮންޓެންޓް ބޭނުންކޮށްގެން، އެބައިމީހުންގެ ވިޔަފާރި ކުރިއެރުވުމަށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާ ދިއުން ހުއްޓުވަން ޖެހޭކަމަށާއި، މިފަދަ އީޖާތުތަކުން ޑިޖިޓަލް "ހަރުމުދަލާއި" "ފިކުރީމުދަލުން" ވައްކަން ކުރާ ވަގުންނާއި ހީލަތްތެރީންނަށް ނުސީދާކޮށް ޓެކް ކުންފުނިތަކުން ވާގިވެރިވެދޭކަމަށް ބުނެ، މި ވިސްނުމާ ދެކޮޅަށް ވަކާލާތުކުރާ މީހުން އިންޓަނެޓުގެ އެކި އޮޅިތަކާއި ހޮޅުއަށިތަކުގައި ވަނީ ވާހަކަ އޮލަކޮށްލައިފަ އެވެ.

ނަމަވެސް، މިކަމަށް ތާއީދުކުރާ މީހުންގެ ބަހުން ނަމަ، ތާޒާ ހަބަރާއި މައުލޫމާތު އެއްކުރުމުގައި މީޑިއާ ގައި މަސައްކަތްކުރާ މީހުންނަށާއި، މަސައްކަތުގެ މާހައުލުގައި ކޮންފަރެސް ކޯލުތަކާއި ފޯނު މެދުވެރިކޮށް ކުރެވޭ އޯޑިއޯ މުއާމަލާތްތައް ފަހުން އަޑުއަހައިލުމުގެ ބޭނުން ޖެހޭ މީސްމީހުންނަށް މިއީ ހިތްގައިމު މުހިންމު އީޖާތުތަކެކެވެ.