Advertisement

ރައްޔިތުންނަށް ހިދުމަށް ފޯރުކޮށްދިނުމަށް ފުޅާ ދާއިރާއެއްގައި އާޓިފިޝަން އިންޓެލިޖެންސް ބޭނުންކުރާނަން: ރައީސް

13 ފެބުރުވަރީ 2024 - 20:29 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ވޯލްޑް ގަވަމަންޓްސް ފޯރަމްގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް


ރައްޔިތުންނަށް ހިދުމަށް ފޯރުކޮށްދިނުމަށް ފުޅާ ދާއިރާއެއްގައި އާޓިފިޝަން އިންޓެލިޖެންސް ބޭނުންކުރާނަން: ރައީސް

13 ފެބުރުވަރީ 2024 - 20:29 0

ރާއްޖެ ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އީޖާދީ ވިސްނުންތަކާއި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމައަށް ހިފާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދުބާއީގައި ކުރިއަށް ގެންދާ ވޯލްޑް ގަވަންމަންޓްސް ފޯރަމްގައި ތަގުރީރު ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ވަރުގަދަ ޕްލޭނެއްގެ ދަށުން ރާއްޖޭގެ އިގުތިސާދަށް އިންގިލާބީ ބަދަލެއް ގެންނަން މި ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށާއި އިގުތިސދީ ގޮތުންނާއި އިދާރީގޮތުން ރައްޔިތުންނަށް ފޯރުކޮށްދޭ އެކި ހިދުމަތްތަކުގައި ފުޅާދާއިރާއެއްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީތެރިކަން ހޯދާނެ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ކަރުދާސް ބޭނުން ކުރަން ނުޖެހޭ ގޮތަށް އީ ގަވަމެންޓް ޕްލެޓްފޯމް އުފެއްދުމާއި އިދާރީ ހިދުމަތްތައް އަވަސްކުރުމަށް ޓެކްނޮލޮޖީގެ އެހީގައި ވަން-ސްޓޮޕް-ޝޮޕް ހައްލުތައް ހޯދުމާއި މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމާއި ކޮމިއުނިޓީ ހިދުމަތްތަކުގެ އިތުރުން އައިޑީކާޑު ފަދަ ރަސްމީ ލިޔެކިޔުންތަކުގެ ހިދުމަތް ފޯރުކޮށްދިނުން ފަދަ ކަންކަމުގައި ފުޅާ ދާއިރާއެއްގައި އޭއައި ބޭނުން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަށް ގާއިމުކޮށް އީ ކޮމާސް، އޮޓޮމޭޝަން، ބްލޮކް ޗޭން އަދި އޭއައި ސޮލިއުޝަންސްތައް ފުޅާކޮށް ކުރިއަށްގެންދިއުމަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ވެސް އިސްކަންދޭނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިފަދަ ޓެކްނޮލޮޖީތަކުގެ އެހީގައި އުފެއްދުންތެރިކަން ކުރިއަރުވައި ވިޔަފާރި ފުޅާކޮށް އިންވެސްޓަރުން ގަޔާވާނެ ފަދަ މާހައުލެއް ރާއްޖޭގައި ގާއިމުކުުރުން ކަމަށެވެ.

ސަރުކާރުގެ މަސައްކަތްތަކުގައި ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު އިތުރުކުރުމުން ހިދުމަތުގެ ފެންވަރު ރަނގަޅުވެ ރައްޔިތުންގެ ބައިވެރިވުން އިތުރުވެ ޒިންމާދާރު މުޖުތަމައެއް އުފެއްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި ރާއްޖެއަށް މިފަދަ އިންގިލާބީ ބަދަލެއް ގެންނަން ސަރުކާރުން ފަށާފައިވާ މަސައްކަތުގައި، ޔޫއޭއީ ފަދަ ރަހުމަތްތެރި ގައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.