Advertisement

ޑެމްބެލޭ ބާސެލޯނާ ލީގުގެ ދެ ވަނަ އަށް ގެންގޮސްދީފި

6 އޭޕްރީލް 2021 - 08:25 0

ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާފާޅުކުރަނީ.- ފޮޓޯ: ގެޓީއިމޭޖަސް


ޑެމްބެލޭ ބާސެލޯނާ ލީގުގެ ދެ ވަނަ އަށް ގެންގޮސްދީފި

6 އޭޕްރީލް 2021 - 08:25 0

ބާސެލޯނާ (އޭޕްރީލް 6) - ފަހު ވަގުތު އޮސްމާނޭ ޑެމްބެލޭ ޖެހި ގޯލުން 1-0 އިން ރެއާލް ވަލޮޑޮލިޑް ބަލިކޮށް ބާސެލޯނާ ލީގުގެ ދެ ވަނަ އަށް އަލުން އަރައިފި އެވެ.

ލީގުގައި އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗުން އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ބަލިވުމުން ރޭގެ މެޗުން މޮޅުވެ އެ ޓީމާ އެއް ޕޮއިންޓަށް ގާތަށް ޖެހިލުމުގެ ފުރުސަތު އޮތީ ބާސެލޯނާ އަށް ހުޅުވިފަ އެވެ. ރޭގެ މޮޅާ އެކު ބާސެލޯނާ ދެ ވަނަ އަށް އެރިއިރު, އެ ޓީމުން ވަނީ އެއް ވަނައިގައި އޮތް އެތުލެޓިކޯއާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. ލީގުގައި ބާކީ ނުވަ މެޗު އޮތްއިރު, 29 މެޗުން އެތުލެޓިކޯ އަށް ލިބިފައިވަނީ 66 ޕޮއިންޓެވެ. ދެ ވަނައިގައި ބާސެލޯނާ އޮތީ 29 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ވަނީ 29 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ.

ފުރަތަމަ ހާފުގައި ބާސެލޯނާ އާއި ވަލޮޑޮލިޑުން ވެސް ވަނީ ލަނޑެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. ވަލޮޑޮލިޑްގެ ކެނަން ކޮޑްރޯ އާއި ބާސެލޯނާގެ ޕެޑްރީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެޗުގެ ބޮޑުބައިގައި ވަލޮޑޮލިޑުން ބާސެލޯނާ ހުއްޓުވުމުގައި ކާމިޔާބު ހޯދި އެވެ. މެޗުގެ މިސްރާބު ބާސެލޯނާ ކޮޅަށް ބަދަލުވާން ފެށީ ޑެމްބެލޭ އަށް މެޗުގެ 79 ވަނަ މިނިޓްގައި ވަލޮޑޮލިޑްގެ އޮސްކާ ޕްލާނޯ ކުރި ފައުލަކަށް އޭނާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމެވެ.

ވަލޮޑޮލިޑްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ބާސެލޯނާ އަށް ނެގުނީ މެޗުގެ އިތުރު ވަގުތުގަ އެވެ. ރޮނާލްޑް އަރައުހޯ ދިން ބޯޅަ ޑެމްބެލޭ ވަނީ ގޯލުގެ ތެރެއަށް އަމާޒުކޮށްލައިފަ އެވެ.

ރޭގެ މޮޅާ އެކު ބާސެލޯނާ އިން ވަނީ ލީގުގައި ޖެހިޖެހިގެން ހަ މެޗުން މޮޅުވެފަ އެވެ. އަންނަ ހަފްތާގައި ލީގުގައި ބާސެލޯނާ ކުޅޭނީ ރެއާލް މެޑްރިޑާ އެވެ. އަދި އަންނަ މަހު އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނެ އެވެ. ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ ލީގުގައި ބާކީ ހުރި ހުރިހާ މެޗަކުން މޮޅުވެވޭނެ ފެންވަރު ބާސެލޯނާގައި އެބަހުރި ކަމަށެވެ.