Advertisement

ކުދި ވިޔަފާރިތަކުގެ ލޯނުތައް އިތުރަށް ފަސްކުރަން މަޖިލިސް ކޮމިޓީއަށް ނުފެނޭ

20 އޭޕްރީލް 2021 - 10:29 0

އަމަން ހަލީމް

އަމަން ހަލީމް

އެމްޕީއެލް މާލެ ވިޔަފާރި ބަނދަރު: އިގުތިސޯދީ ބޮޑު ހިއްސާއެއް އޮންނަ އެސްއެމްއީތަކުގެ ވިޔަފާރިއަށް އައި ހީނަރުކަމުގެ އަސަރުު އިމްޕޯޓަށާއި އެކްސްޕޯޓަށް ކުރި -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ކުދި ވިޔަފާރިތަކުގެ ލޯނުތައް އިތުރަށް ފަސްކުރަން މަޖިލިސް ކޮމިޓީއަށް ނުފެނޭ

20 އޭޕްރީލް 2021 - 10:29 0

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ނުވަތަ އެސްއެމްއީތަކުގެ ލޯނުތައް ފަސްކޮށްދީފައިވާ މުއްދަތުއިތުރު ކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މޮރަޓޯރިއަމްގެ ތެރެއިން ލޯނުތައް އަނބުރާ ދެއްކުން ފުރަތަމަ ފަސްކުރެވިގެން ދިޔައީ ހަ މަހަށް ނަމަވެސް ފަހުން މި މުއްދަތު އިތުރުކުރެވުނެވެ. ބީއެމްއެލް އިން މި މުއްދަތު އިތުރު ހަ މަހަށް އިތުރުކޮށް ދިނެވެ. އެސްޑީއެފްސީން އެ މުއްދަތު އިތުރު ކުރީ ހަތަރު މަހަށެވެ. މިހާރު މޮރަޓޯރިއަމްގެ މުއްދަތުތައް ހުރީ ހަމަވެފަ އެވެ.

މޮރަޓޯރިއަމްގެ މުއްދަތު ހަމަވުމާ ގުޅިގެން ބަލަމުންދާ މައްސަލައެއްގައި ތައްޔާރު ކުރި ރިޕޯޓުގައި ބުނީ މޮރަޓޯރިއަމްގެ މުއްދަތު އިތުރުކޮށްފި ނަމަ ބޭންކުތަކާއި ދައުލަތުގެ އާމްދަނީއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

ދައުލަތުގެ އާމްދަނީ ހީނަރުވެފައިވާ ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް ރަނގަޅު ނުވާނެ ކަމަށް ރިޕޯޓުގައި ފާހަގަ ކުރި އެވެ.

އެސްއޯއީ ކޮމިޓީގެ 25 ވަނަ ބައްދަލުވުމުން: ކޮމިޓީގައި މިހާރު ކުރިއަށް ދަނީ ރިޕޯޓަށް ބަހުސް ކުރުން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ބޭންކުތަކުގެ އާމްދަނީއަށާއި ލިކުއިޑިޓީއަށް އަސަރު ކުރާނެ

ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅިގެން ބޭންކުތަކުން އެސްއެމްއީތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ މުއްދަތު ފަސްކޮށް ދިނެވެ. މިކަމުގެ ސަބަބުން މިދިޔަ އަހަރު ބޭންކުތަކުގެ ފައިދާ ދަށަށް ދިޔަ އެވެ. އެކަމަކު މިދިޔަ އަހަރު ބޭންކުތަކުގެ އާމްދަނީން ޓެކްސް ނަގަން ފެށުމާ ގުޅިގެން، 2019 ވަނަ އަހަރާ އަޅާ ބަލާ އިރު، ބޭންކުތަކުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވި އެވެ.

އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ބުނީ، އިތުރު އަހަރަކަށް މޮރަޓޯރިއަމްގެ މުއްދަތު އިތުރުކޮށްފި ނަމަ ޕާފޯމް ނުކުރާ ލޯނުތައް އިތުރުވެ، ބޭންކުތަކުގެ ލިކުއިޑިޓީއަށް އަސަރު ކުރާނެ ކަަމަށެވެ.

އަދި މިކަމުގެ ސަބަބުން ބޭންކުގެ އާމްދަނީ ދަށަށް ގޮސް، އިތުރު ލޯނުތައް ދޫކުރަން އުނދަގޫ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެސްޑީއެފްސީ: މޮރަޓޯރިއަމްގެ މުއްދަތު އިތުރުކޮށްފި ނަމަ ބޭންކަށް ގެއްލުން ވާނެ -- ފޮޓޯ: ކޮރަލްގްލާސް މީޑިއާ


ވަކިން ހާއްސަކޮށް އެސްޑީއެފްސީއަށް އަލިއަޅުވާލާ އެ ރިޕޯޓުގައިވާ ގޮތުގައި، އެ ބޭންކުން ދޫކޮށްފައިވާ ލޯނުތައް ދެއްކުން އިތުރަށް ފަސްކޮށްފި ނަމަ ބޭންކުގެ އާމްދަނީ ހީނަރުވެ، އޮޕަރޭޝަނަށް އަސަރު ކުރާނެ އެވެ.

އަދި މީގެ ސަބަބުން ޖެނެރަލް ޕްރޮވިޝަން 25 ޕަސަންޓު އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ. ޖެނެރަލް ޕްރޮވިޝަންއަކީ މުސްތަގުބަލުގައި ލިބޭ ގެއްލުންތައް ފޫބައްދަން ބަހައްޓާ ފައިސާ އެވެ. މި އަދަދު އިތުރުވުމުން ބޭންކުގެ ކޭޝްފްލޯ ދަަށަށް ގޮސް ގެއްލުން ވާނެކަމަށް ބުނެފައިވެ އެވެ.

އެސްޑީއެފްސީން ލަފާކުރާ ގޮތުގައި، މޮރަޓޯރިއަމްގެ މުއްދަތު އިތުރުކޮށްފި ނަމަ ގެއްލުން 21 މިލިއަނަށް އިތުރު ވާނެ އެވެ. އަދި ނެޓް ކޭޝް ފްލޯ 38 މިލިއަނަށް ދަށަށް ދާނެ އެވެ. އެސްޑީއެފްސީއަކީ ސައްތައިން ސައްތަ ދައުލަތް ހިއްސާވާ ކުންފުންޏެކެވެ. މި ބޭންކުގެ ހިއްސާދާރުންގެ ތެރޭގައި ސިޓީ ކައުންސިލްތައް ވެސް ހިމެނެ އެވެ.

ދަރަނި ފަސްކޮށްގެން އިތުރު ވަނީ ދަރަނި

އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުގައި، އެސްއެމްއީތަކަށް މޮރަޓޯރިއަމް މުއްދަތު އިތުރުކުރުމުން އިތުރު ވަނީ ވިޔަފާރިތަކުގެ ދަރަންޏެވެ. އެގޮތުން ލޯނު ދޫކޮށްފައިވާ ވިޔަފާރިތަކަށް އިތުރު ލޯނު ދޫކުރަން ނުފެންނަ ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.

އެސްއެމްއީތަކުގެ ދަރަނި އިތުރުވުމުގެ ސަބަބުން ދިގު މުއްދަތުގެ ވިޔަފާރިއަށް އަސަރުކޮށް، ދުރު ރާސްތާގައި ވިޔަފާރިތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

ޓޭކް އަވޭ ފިހާރައެއް: އެސްއެމްއީތަކުގެ ތެރެއިން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ބޮޑަށް އަސަރު ކުރި -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


އެސްއެމްއީތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން އެސްއޯއީ ކޮމިޓީން ހުށަހެޅީ ދަރަނި އިތުރު ނުވާނެ ގޮތަކަށް އެސްއެމްއީތަކުގެ ފަންނީ ގޮތުން ތަަރައްގީކުރަން ސިޔާސަތުތައް ބައްޓަން ކުރުމަށެވެ. އަދި ލޯނު ދޫކުރާ އިރު ހުރިހާ ދާއިރާއަކަށް ލޯނު ދޫކުރުމުގެ ބަދަލުގައި ދެމެހެއްޓެނިވި ވިޔަފާރިިތަކަށް އެކަނި ލޯނު ފުރުސަތު ހުޅުވާލުމަށެވެ.

އެސްއެމްއީތަކަށް ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދައްކަން ޖެހުމުން އެ ވިޔަފާރިތަކަށް އެހީ ވެވޭނެ ގޮތެއް ހޯދަން ހުށަހެޅި މައްސަލައިގެ ރިޕޯޓް އެސްއޯއީ ކޮމިޓީން ތަޅުމަށް ފޮނުވާނީ ކޮމިޓީގައި ބަހުސް ކުރުމަށް ފަހުގަ އެވެ.