Advertisement

ޕިކްސެލް 6 ގައި ގޫގުލްގެ އަމިއްލަ ޗިޕް "ވައިޓްޗެޕްލް"

3 އޭޕްރީލް 2021 - 09:38 0

އިބްރާހިމް ސަމީރު

އިބްރާހިމް ސަމީރު

މައުންޓަންވިއު ގައި ހުންނަ ގޫގުލްގެ މައި އޮފީސް – ގޫގުލްޕްލެކްސް. ގޫގުލް އިން ޔަގީންކަން ދޭ ގޮތުގައި 2021 ގެ މަގުޗާޓު ހިތްގައިމުވާނެ


ޕިކްސެލް 6 ގައި ގޫގުލްގެ އަމިއްލަ ޗިޕް "ވައިޓްޗެޕްލް"

3 އޭޕްރީލް 2021 - 09:38 0

މި އަހަރުގެ ފަހުކޮޅު ނެރޭނޭކަން ޔަގީންވެފައިވާ ގޫގުލްގެ އާ ފޯނުތަކުގައި ކުންފުނީގެ އަމިއްލަ ހާޑްވެއާ ޗިޕް ހިމަނަން ނިންމައިފި އެވެ.

މިކަން ފުރަތަމަ ރިޕޯޓުކުރީ ގޫގުލް އާއި އެންޑްރޮއިޑްގެ ހަބަރުތަކަށް ހާއްސަ "ނައިންޓުފައިވް ގޫގަލް" އިންނެވެ. އެވެރިންނަށް ލިބިފައިވާ ކަމަށް ބުނާ ލިޔުންތަކާއި ހަވާލާދީ ޓެކް މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އަހަރު ގޫގުލް އިން ނެރޭ ދެ ފޯނު "ރޭވެން" އާއި "އޯރިއޮލް" ގައި ވެސް ހިމަނަން ހަމަޖެހިފައިވަނީ "ވައިޓްޗެޕްލް" ގެ ނަމުގައި މިހާރު ތަރައްގީކުރަމުން އަންނަ ގޫގުލްގެ އަމިއްލަ މޯބައިލް ކޮމްޕިއުޓިން ހާޑްވެއާ އެވެ.

ގޫގަލް އިން މި މިސްރާބަށް ދަތުރު ފަށާފައި މިވަނީ، އެޕަލްގެ ކިބައިން ފިލާވަޅު ލިބިގެން ސެމްސަންގާއި ވާވޭ އިން އަމިއްލަ ހާޑްވެއާ ޓެކްނޮލޮޖީތައް ތަރައްގީކުރަން ފެށިތާ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.

ނިމިދިޔަ 2020 ވަނަ އަހަރުގެ އަހަރީ މާލީ ނަފާގެ ތަފްސީލުތައް އިންވެސްޓަރުންނާ ހިއްސާކުރަން ބޭއްވި ބައްދަލުވުމުގައި ގޫގުލްގެ ސީއީއޯ ސުންދަ ޕިޗައި ވަނީ "ހާޑްވެއާއަށް އިންވެސްޓުކުރުމުގެ ފުން ވިސްނުންތަކެއް ގެންގުޅޭ" ކަން އިއުލާން ކުރައްވައި "2021 ގެ މަގުޗާޓު ވަރަށް ހިތްގައިމުވާނެ" ކަމުގެ ފެހި ސިގްނަލް ދެއްވައިފަ އެވެ.

މިހާތަނަށް "ވައިޓްޗެޕްލް"އާ ގުޅޭ މާ ބޮޑު ތަފްސީލެއް މީޑިއާތަކަށް ތިލަވެފައި ނުވިޔަސް އެނގިފައިވާ ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން ގޫގުލް އިން އަންނަނީ މޯބައިލް ހާޑްވެއާ ޗިޕް އުފެއްދުމުގައި ސެމްސަންގާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުންނެވެ. އަދި "ޖީއެސް1" ގެ ނަމުގައި ގޫގުލް އިން ތަރައްގީކުރަމުން އަންނަ މި ޗިޕާއި ސެމްސަންގުގެ އެގްޒިނޮސް ހާޑްވެއާ އާ ތިމާގެ ކަންތައްތަކެއް ހުރެދާނޭ ކަމުގެ ބައެއް ނިޝާންތައް ކޯޑު ދިރާސާކުރާ ފަރާތްތަކުން މިހާރު ވެސް ވަނީ ދެނެގަނެފަ އެވެ. އެގޮތުން ދެ ކުންފުނިން ގުޅިގެން "ސްލައިޑަ"ގެ ނަމުގައި ތަރައްގީކުރާ މޯބައިލް ކެމެރާ ޓެކްނޮލޮޖީ އާއި "ވައިޓްޗެޕްލް" އާއި ގުޅުން ހުރިކަން ދޭހަވާ ކޯޑް ރިފަރެންސްތައް އެންޑްރޮއިޑްގެ އެެންމެފަހުގެ އަދަދުގެ ކޯޑުގައި އަތްފުނާއަޅައިގެން ހޯދިފައިވާކަން "ނައިންޓުފައިވްގޫގުލް" އިން ޔަޤީންކޮށްދެއެވެ.

"ނައިންޓުފައިވްގޫގުލް" އާއި ޙަވާލާދީ ޓެކް މީޑިއާތަކުން މި ޚަބަރު ގެނެސްދީފައި ވިޔަސް ގޫގުލް އިން އަދި އޮތީ މިކަމާ އެއްޗެކޭ ނުބުނެ ހިމޭނުންނެވެ.

ގޫގުލްގެ ޒަމާންވީ "ޗިޕް ވިޔަފާރީގެ މިތުރު" ކުއަލްކޮމް ދޫކޮށްލައި، ސެމްސަންގާއެކު "ވައިޓްޗެޕްލް" ތަރައްޤީކޮށް މިއަހަރު ނެރޭ ފޯނުތަކުގައި ހިމަނައިފި ނަމަ، އެއީ އެޕަލްގެ ވިސްނުމަށް ދީލައިލައި، އަމިއްލަ ސޮފްޓްވެއާ އާއި ހާޑްވެއާ އުފެއްދުމުގައި އެހެން ބަޔަކަށް ބަރޯސާ ނުވެ މިނިވަންކޮށް މަސައްކަތްކުރުމަށް ގޫގުލް އިން ގެންގުޅޭ ތަސައްވުރުގައި ހަޤީޤީ ކުލަ ޖެހުމުގެ ފެށުން ކަމުގައި ބެލިދާނެއެވެ.