ޓައިވާނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 500 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ރޭލެއް ދަގަނޑުން ކަހާލުމުގެ ސަބަބުން 50 މީހުން މަރުވެއްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެ ހާދިސާ ހިނގީ އޮޅިގެން ރޭލު ދަގަނޑު މައްޗަށް އެރި ކޮންސްޓްރަކްޝަން މަސައްކަތުގައި ބޭނުން ކުރާ އުޅަނދަކާއި ރޭލު ޖެހިގެންނެވެ.
ރޭލާއި އެ އުޅަނދު ޖެހުމުގެ ސަބަބުން ރޭލު ވަނީ ދަގަނޑުން ކަހާލައިގެން ގޮސްފަ އެވެ. ރޭލަށް ބޮޑެތި ގެއްލުންތައް ވެފައިވާ މަންޒަރު ފޮޓޯތަކުން ފެނެ އެވެ.

ވެރިރަށް ޓައިޕޭއިން ޓައިޓުންގްއަށް ރޭލު ދަތުރު ކުރަމުން ދިޔެއީ ދިގު ހަފްތާ ބަންދެއް ލިބުމުން ގިނަ އަދަދެއްގެ ޕަސަންޖަރުން ގޮވައިގެންނެވެ.
އެ ރޭލަކީ ގަޑިއަކު 130 ކިލޯމީޓަރު ބާރު މިނުގައި ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ ރޭލެކެވެ. އަދި އެއީ ރައްކާތެރި ރޭލު ނެޓްވޯކެއް ކަމަށް ކަނޑައަޅާފައިވެ އެވެ.
މިއަދުގެ އެކްސިޑެންޓަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ޓައިވާނުގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓެވެ. ރައީސް ސައި އިންގް ވެން ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާ، ހާދިސާ ތަހުގީގު ކުރަން އަމުރު ކުރައްވާފަ އެވެ.
ނެޝަނަލް ފަޔާ އެޖެންސީން އެންމެ ފަހުން ބުނެފައި ވަނީ ރޭލު ދަތުރު ކުރީ 494 މީހުންނާއެކު ކަމަށާއި އޭގެ ތެރެއިން 66 މީހުންނަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، 50 މީހުން މަރުވެފައިވާ ކަމަށެވެ.










