Advertisement

ކޮންމެ ޓީމެއް ވެސް މާޒިޔާ ބަލިކުރަން ބޭނުންވާނެ: ވިޑަކޮވިޗް

2 އޭޕްރީލް 2021 - 18:11 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ ކޯޗު ވިޑަކޮވިޗް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ކޮންމެ ޓީމެއް ވެސް މާޒިޔާ ބަލިކުރަން ބޭނުންވާނެ: ވިޑަކޮވިޗް

2 އޭޕްރީލް 2021 - 18:11 0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ވަގުތު ވާދަކުރާ ކޮންމެ ޓީމަކުން ވެސް މާޒިޔާ ބަލިކުރަން ބޭނުންވާނެ ކަމަށް އެ ޓީމުގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.

ލީގުގެ އެއް ވަަނައިގައި މާޒިޔާ އޮތީ ހަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ 10 މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ކްލަބް ވެލެންސިއާ އަށް 10 މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ. މާޒިޔާއާ ދެކޮޅަށް ހޮނިހިރު ދުވަހުގެރޭ ކުޅޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އޮތީ ލީގުގެ ހަ ވަނައިގައި 10 މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ.

މެޗުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިޑަކޮވިޗް ބުނީ އުއްމީދުކުރަނީ ވަރަށް އުނދަގޫ މެޗަކަށް ކަމަށާއި މިހާރު އޮތް ހިސާބުން ފެށިގެން ލީގު ނިމުމާ ހަމައަށް ކޮންމެ މެޗެއް ވެސް ވަރަށް ހީނުކުރާ ގޮތަކަށް ވެސް ގޮސްފާނެތީ ހުރިހާ ހާލަތަކަށް ތައްޔާރުވެ ތިބުން މުހިއްމު ކަމަށެވެ.

"ޕްރެޝަރު ވެސް ބޮޑުވާނެ. އެއީ ކޮންމެ ޓީމެއް ވެސް ބޭނުންވާނެ މާޒިޔާ ބަލިކުރަން. އަހަންނަށް އެންމެ މުހިއްމު ކަމަކީ ޕްލޭޔަރުން އިމްޕްރޫވްކުރުން. އަހަންނަށް ހީވަނީ ކޮންމެ ޓީމެއް ވެސް މާޒިޔާއާ ދެކޮޅަށް ކުޅެން ވަރަށް ބޮޑަށް މޯޓިވޭޓްވެފައި ހުންނަނީ. ކޮންމެ ޓީމެއް ވެސް މާޒިޔާއާ ދެކޮޅަށް 100 ޕަސެންޓް ދޭ. އެއީ މިހާރު މާޒިޔާ އަކީ ކޮންމެ ޓީމެއް ވެސް ބަލިކުރަން ޖެހޭ ބަޔަކީ. ކޮންމެ މެޗެއްގައި ވެސް 100 ޕަސެންޓް ދީގެން އަހަރެމެންނަށް ވެސް ދެން ވާން އޮތީ," ފިލިޕީންސް ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ވިޑަކޮވިޗް ބުންޏެވެ.

ދެ މަހެއްހާ ދުވަހުގެ މެދުކަނޑުމަށް ފަހު ލީގު އަލުން ފެށި ފަހުން ސަސް ދެ މެޗު ކުޅެފައިވާއިރު, މާޒިޔާ އިން ކުޅުނީ އެންމެ މެޗެކެވެ. ވިޑަކޮވިޗްގެ ނަޒަރުގައި އެއީ ސަސް އަށް އޮތް ކުޑަ އެޑްވާންޓޭޖަކަށް ވެދާނެ އެވެ. އަދި ލީގުގައި އެންމެ ފަހުން ސަސް ކުޅުނު މެޗުން ޓީސީ އަތުން މޮޅުވުމަކީ މި ވަގުތަށް ބަލާއިރު, ސަސްގެ މޯޓިވޭޝަނަށް ރަނގަޅު ކަމެއް ކަމަށް ވިޑަކޮވިޗް ބުންޏެވެ.

ގައުމީ ޓީމަށް ނިސްބަތްވާ އެންމެ ގިނަ ކުޅުންތެރިން ތިބީ މާޒިޔާގަ އެވެ. މާޒިޔާގެ ފުރަތަމަ އެގާރައިގައި ކުޅެވޭނެ ގިނަ ކުޅުންތެރިންތަކެއް ބެންޗުގައި ވެސް ތިބެ އެވެ. ވިޑަކޮވިޗް ބުނީ އޭނާ ދެކޭ ގޮތުގައި ކޮންމެ ޓީމެއްގެ ބެންޗުގައި ތިބޭ ކުޅުންތެރިން ވެސް ފުރަތަމަ އެގާރައިގައި ކުޅެން ބޭނުންވާ ކަމަށާއި އެ ގޮތަށް ވިސްނާއިރު މާޒިޔާ ވެގެން އިސްތިސްނާވާން ޖެހޭ ހާއްސަ ސަބަބެއް ނެތް ކަމަށެވެ. އޭނާ ބުނީ ކޮންމެ ކުޅުންތެރިއަކު ވެސް މާޒިޔާ އަށް ކުޅުމަކީ ހަގީގަތުގައި ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.

"މާޒިޔާ އަށް ކުޅުމާ އެކު ބޮޑު ޒިންމާއެއް ވެސް އެބައޮތް. އެއީ ކޮންމެ މެޗެއްގައި ވެސް އެންމެ މޮޅަށް ކުޅެގެން މީގެ ވާން އޮތީ. ކޮންމެ ކްލަބެއް ވެސް މާޒިޔާއާ ދެކޮޅަށް ކުޅެން ވަރަށް ހާއްސަކޮށް ތައްޔާރުވަނީ ވެސް. އަނެއްކޮޅުން ކުޅެނީ ވެސް ތަފާތު ސްޓައިލަކަށް އެހެންވެ އެ ގޮތުން ވެސް ޕްރެޝަރު އޮންނާނެ," ވިޑަކޮވިޗް ބުންޏެވެ.

އެންމެ ފަހުން ނިމުނު ޓްރާންސްފާ މާކެޓްގައި މާޒިޔާ އިން ވަނީ އެ ޓީމަށް ކުރިން ކުޅުނު ސީރިއާ ގައުމީ ޓީމުގެ ކީޕަރު މަހުމޫދު އަލް ޔޫސުފް ސޮއިކޮށްފަ އެވެ. އެކަމަކު އޭނާ އަނިޔާގައި ހުރުމުން މާޒިޔާ އެންމެ ފަހުން ކުޅުނު މެޗުގައި ގޯލު ބެލެހެއްޓީ ގައުމީ ޓީމުގެ ގޯލްކީޕަރު ހުސެއިން ޝަރީފް (ހުސެން) އެވެ. ވިޑަކޮވިޗް ވަނީ ޔުނައިޓެޑް ވިކްޓްރީ އަތުން މާޒިޔާ މޮޅުވި މެޗުގައި ހުސެން ދެއްކި ކުޅުމަށް ތައުރީފުކޮށްފަ އެވެ.

މާޒިޔާ އަށް ކުޅެމުން އަންނަ ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަކީ ހުނަރުހުރި މޮޅު ކުޅުންތެރިއެއް ކަަމަށާއި އޭނާ ޕްރެކްޓިހުގައި އިތުރަށް މަސައްކަތްކޮށްފިނަމަ ކޮންމެ ވަގުތެއްގައި ވެސް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބިދާނެ ކަމަށް ވިޑަކޮވިޗް ބުންޏެވެ.

ސަސް އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ 9 ޖަހާއިރު އެވެ.