Advertisement

މުސްތަގުބަލު އޮތީ ވެކްސިން ޕާސްޕޯޓާ އެކުގައި

3 އޭޕްރީލް 2021 - 10:00 0

އަމަން ހަލީމް

އަމަން ހަލީމް

ވެކްސިން ޕާސްޕޯޓެއްގެ ރެޕްރެޒެންޓޭޝަނަލް ފޮޓޯ: ފަތުރުވެރިކަމަށް ބަރޯސާވާ ގައުމުތަކުން އަންނަނީ މިކަމަށް ވަކާލާތު ކުރަމުން -- ފޮޓޯ: ގެޓީ އިމޭޖްސް


މުސްތަގުބަލު އޮތީ ވެކްސިން ޕާސްޕޯޓާ އެކުގައި

3 އޭޕްރީލް 2021 - 10:00 0

ނިމިދިޔަ އަހަރަކީ ރެކޯޑް ކުރެވިފައިވާ ތާރީހުގައި ރާއްޖެއަށް އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު އަހަރެވެ. ނުވަ މަހެއްހާ ދުވަހުގެ ތެރޭގައި ގައުމީ އުފެއްދުންތެރިކަމަށް ފަސް އަހަރުން އިތުރުވީ ފައިސާ ފުރޮޅާލި އެވެ. ފައިސާއިން އަދަދު ކުރާ ނަމަ 29 ބިލިއަނެއްހާ ރުފިޔާ އިގްތިސާދީ އުފެއްދުންތެރިކަމުން ފުހެވިގެން ދިޔަ އެވެ.

ކޮވިޑުގެ ފުރަތަމަ ރާޅުގެ މޯހިރުގައި ގައުމުތަކަށް ފުލުފުލުގައި ގެނައި ލޮކްޑައުންތަކުގެ ސަބަބުން ހުއްޓުވާލި މި ގައުމުގެ އިގްތިސާދު ފުނޑުފުނޑު ނުވެ ސަލާމަތްވީ ކިރިޔާ އެވެ. އެ ހުރިހާ ޝުކުރެއް ރާއްޖޭގެ ކާމިޔާބު ފަތުރުވެރިކަމުގެ "ޕްރޮޖެކްޓް ރީސްޓާޓް" އަށެވެ. މި މަސައްކަތް ނާކާމިޔާބު ވީނަމަ އިގްތިސާދު އޮންނާނެ ހާލަތެއް ތަސައްވުރު ކުރަން ވެސް އުނދަގުލެވެ.

ފަތުރުވެރިކަން އަލުން ހުޅުވާލުން ކާމިޔާބު ނަމަވެސް، ބަލިމަޑުކަމުގެ ކުރިން ރާއްޖެ އަށް ފަތުރުވެރިން އައި އަދަދަށް އަދިވެސް ފަތުރުވެރިން ނާދެ އެވެ. ކޮވިޑުގެ ކުރިން ރާއްޖެ އަށް އެވަރެޖް ކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަށް 5500 އެއްހާ ފަތުރުވެރިން އާދެ އެވެ. މިހާރު އެ އެވަރެޖް އުޅެނީ 3000 ގައެވެ.

މައްސަލަ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޓޮޕް ސޯސް މާކެޓްތަކުގެ ތެރޭގައި ހިމެނޭ ހުޅަނގު ޔޫރަޕާއި ޗައިނާ އިން ފަތުރުވެރިންނަށް ނާދެވޭތީ އެވެ. އެހެންކަމުން ފަތުރުވެރިކަމުގެ "އާންމު" ހާލަތަށް ރުޖޫއަވާން ބޭނުން ނަމަ، މި ގައުމުތައް ހުޅުވެން އެބަ ޖެހެ އެވެ. އާންމު އުސޫލުން ދަތުރު ކުރެވޭނެ މަގު ފަހި ވާން އެބަ ޖެހެ އެވެ. މާހިރުން ގަބޫލު ކުރާ ގޮތުގައި، މިކަމަށް މި ވަގުތަށް އޮތް އެންމެ ރަނގަޅު ހައްލަކީ ކޮވިޑަށް ހާއްސަ ވެކްސިން ޕާސްޕޯޓް އެއް ތައާރަފު ކުރުމެވެ.

ވެކްސިން ޕާސްޕޯޓަކީ ކޮބާ؟

ވެކްސިން ޕާސްޕޯޓަކީ މީހެއްގެ ކޮވިޑް-19 އާ ގުޅޭ ސިއްހީ މައުލޫމާތުތައް ނުވަތަ "ކޮވިޑް-19 ހެލްތް ކްރިޑެންޝަލްސް" ހިމެނޭ ލިޔުމެއް ނުވަތަ ޑިޖިޓަލް ރެކޯޑެކެވެ. މި ޕާސްޕޯޓުގައި އެ މީހެއްގެ ވެކްސިނޭޝަން މައުލޫމާތުގެ އިތުރުން، ކޮވިޑް-19 ހުރިތޯ ބަލަން ހަދާ ޓެސްޓުތަކުގެ ނަތީޖާ އަދި ކޮވިޑާ ގުޅޭ މެޑިކަލް ހިސްޓްރީ ހިމެނި ދާނެ އެވެ.

މިހާރު ބޭނުން ކުރަން ފަށާފައިވާ ގިނަ ވެކްސިން ޕާސްޕޯޓުތަކަކީ، ޑިޖިޓަލް ވަސީލަތްތަކުގެ ޒަރިއްޔާއިން ފަސޭހައިން މައުލޫމާތު ބަދަލު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެޕްތަކާއި ޑިޖިޓަލް ކާޑުތަކެވެ. ނަމަވެސް، ބައެއް ގައުމުތަކުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ހުރި ގޮތުން ޑިޖިޓަލް ވެރިފިކޭޝަން ގެ ބަދަލުގައި ލިޔެކިޔުން ބޭނުން ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ރާއްޖޭގައި ވެކްސިން ޖަހާ ފަރާތްތަކަށް ދޫކުރާ ވެކްސިން ކާޑަކީ މީގެ މިސާލެކެވެ.

ވެކްސިން ޕާސްޕޯޓު ބޭނުން ކުރަން ފަށައިފިތަ؟

ބައެއް ގައުމުތަކުން މިހާރު ވެސް އަންނަނީ ދަތުރުފަތުރުގެ ފަސޭހަ އަށާއި، އެތެރޭގެ ބޭނުންތަކަށް ވެކްސިން ޕާސްޕޯޓު ބޭނުން ކުރަމުންނެވެ. އޭގެ ތެރޭގައި ޗައިނާ، ބަހްރެއިން އަދި ގްރީސް ފަދަ ގައުމުތައް ހިމެނެ އެވެ. އިނގިރޭސިވިލާތުގައި މި މަހު ބޭނުން ކުރަން ފަށާނެ އެވެ. ކައިރި މުސްތަގުބަލެއްގައި ސިންގަޕޫރު އަދި ޔޫރަޕުގެ އިއްތިހާދުގެ ގައުމުތަކުގައި ވެސް ބޭނުން ކުރަން ފަށާނެ އެވެ.

މިހާރު ގިނަ ގައުމުތަކުން މި ޕާސްޕޯޓު އެތެރޭގެ ބޭނުންތަކަށް ބޭނުން ކުރި ނަމަވެސް، ދާދި އަވަހަށް އެހެން ގައުމުތަކަށް އެތެރެވާ އިރު ބޭނުން ކުރަން ފަށާނެ އެވެ. ޔޫރަޕުުގެ އިއްތިހާދުން އަންނަނީ އަންނަ ހޫނު މޫސުމަށް ވެކްސިން ޕާސްޕޯޓު ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އިނގިރޭސިވިލާތުން ބުނަނީ އެ ގައުމުގެ އެތެރޭގެ ޓްރަޔަލްތަކަށް ފަހު، ބައިނަލްއަގްވާމީ ދަތުރުތަކަށް މި ޕާސްޕޯޓު ބޭނުން ކުރަން ފަށާނެ ކަމަށެވެ. ޗައިނާ ސަރުކާރުގެ ވިސްނުން ހުރީ ވެސް އެ ގޮތަށެވެ.

ބައިނަލްއަގްވާމީ ވެކްސިން ޕާސްޕޯޓެއް ތައާރަފު ކުރާނެތަ؟

ބައިނަލްއަގްވާމީ ވެކްސިން ޕާސްޕޯޓުގެ ވާހަކަތައް އަދި އޮތީ ވަރަށް ދުރުގަ އެވެ. އެއީ ބައެއް ގައުމުތަކާއި ޑަބްލިޔުއެޗްއޯ އަދި ހަމަހަމަކަމަށް ވަކާލާތު ކުރާ ޖަމިއްޔާތަކުން މިކަމަށް ދެކޮޅު ހަދާތީ އެވެ. ދެކޮޅު ހަދާ މައިގަނޑު ސަބަބަކީ ވެކްސިން ހަމަހަމަކަމާ އެކު ލިބެން ނެތުމެވެ.

އަނެއް ކަމަކީ މިހާރު ބޭނުން ކުރަން ފަށާފައިވާ ކޮވިޑް ވެކްސިންތަކުން ރައްކާތެރިކަން ލިބޭ މުއްދަތު ކަށަވަރު ނުވާތީ އެވެ.

ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް، އިގްތިސާދީ މާހިރުން ބުނާ ގޮތުގައި މުސްތަގުބަލު އޮތީ ވެކްސިން ޕާސްޕޯޓާ އެކުގަ އެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން އާއި ސިންގަޕޫރުގެ ބޮޑު ވަޒީރު ލީ ސައި ލޫން ފަދަ ލީޑަރުން ވަނީ ވެކްސިން ޕާސްޕޯޓެއް ތައާރަފު ކުރަން ތާއީދު ކުރައްވާފަ އެވެ. ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ވިސްނުން ވެސް އެއްގޮތެވެ.

ރާއްޖެ އަށް ވެކްސިން ޕާސްޕޯޓު އެހާ މުހިއްމީ ކީއްވެ؟

ރާއްޖެއަށް ވެކްސިން ޕާސްޕޯޓު މުހިއްމު ވަނީ އިގްތިސާދީ ދުވެލި އަނެއް ގިޔަރަށް ޖަހާށެވެ. މިހާރު ވެސް ގައުމުގެ ފަތުރުވެރިކަމުގެ ހާލަތު ރަނގަޅު ވަމުން އަންނަ އިރު، ޓޮޕް ސޯސް މާކެޓްތައް ހުޅުވިގެން ދިޔުމަކީ ފަތުރުވެރިކަމުގެ ދާއިރާއަަށް ލިބޭނެ ބޮޑު ބޫސްޓަކަށެވެ. އެކަމުގެ މަންފާ އިގްތިސާދީ އެހިނިހެން ހަރަކާތްތަކަށް ވެސް ކުރާނެ ކަން ކަށަވަރެވެ.

ދިވެހި ސަރުކާރުގެ ވިސްނުން ހުރީ ވެސް ވެކްސިން ޕާސްޕޯޓް ބޭނުން ކުރަން ފަށާށެވެ. އެގޮތުން ކޮވިޑް ވެކްސިން ދެ ޑޯޒް ފުރިހަމަކުރާ ފަރާތްތަކަށް ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ އެވެ. ސަރުކާރުގެ މި ސިޔާސަތުން ދޭހަ ވަނީ، ރާއްޖެ އޮތީ ވެކްސިން ޕާސްޕޯޓު ބަލައިގަންނަން ތައްޔާރަށް ކަމެވެ.

ފަތުރުވެރިކަމަށް ބަރޯސާވާ އެހެން ގައުމުތައް ފަދައިން، ރާއްޖެއަށް ވެސް މުހިއްމީ ބޯޑަރުތައް ހުޅުވާލައިގެން ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ ގޮތެކެވެ. ވެކްސިން ޕާސްޕޯޓުގެ ބޭނުން ޖެހެނީ، ރައްކާތެރިކަމާ އެކު މިކަން ކުރެވޭނެ ގޮތެއް ހޯދުމުގެ ގޮތުންނެވެ.