Advertisement

ޑްރަގްސްގެ މައްސަލަ: ފަރުވާގެ ނިޒާމު ފެއިލް ވެފައި

4 އޭޕްރީލް 2021 - 07:24 2

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

މީހެއްގެ ޖީބުން ފުލުހުން މަސްތުވާތަކެތި ނަގަނީ: މަސްތުވުމަށް ފަރުވާއެއް ނުލިބި އެތައް ބަޔަކު ވަނީ މަގުމަތި ވެފައި-- ފޮޓޯ: ފުލުހުން


ޑްރަގްސްގެ މައްސަލަ: ފަރުވާގެ ނިޒާމު ފެއިލް ވެފައި

4 އޭޕްރީލް 2021 - 07:24 2

މުޅި ދުވަސް ހޭދަވަނީ މަސްތުވުމާއި އެ ތަކެތި ހޯދަން ކުރަން ޖެހޭ ކަންކަމުގަ އެވެ. އެ ނޫން, ހިޔާލެއް ފިކުރެއް ނެތި މުހައްމަދު ނަވީޒް (އައްކު), 24 އަހަރު ހޭދަކުރި އެވެ. އެކަމަކު ވަރަށް ހިތްވަރުން, އެ ދަތި ދިރިއުޅުމުން އޭނާ އަށް މީގެ ތިން އަހަރު ކުރިން އަރައިގަނެވިއްޖެ އެވެ.

އުއްމީދަކާ އެކުގަ އެވެ; އެއީ އޭނާ ވޭތުކުރި, އެ ހިތްދަތި ދިރިއުޅުމުގައި ތިބި މީހުންނަށް އެހީވުމަށެވެ. ދިރިއުޅުމުގެ ރަނގަޅު މިސްރާބެއް ދައްކައި ދިނުމަށެވެ.

އައްކު, 44, އެކަން ކުރަމުން އަންނަނީ ރަހުމަތްތެރިންނާ އެކު ހިންގާ "ހޭންޑްސް ޓުގެދާ" ޖަމިއްޔާއިންނެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ގާތަށް ގޮސް އެ މީހުން އިސްލާހު ކުރުމަށް ފަރުވާއަށް ފޮނުވުމަކީ އެ ޖަމިއްޔާގެ މައިގަނޑު މަސައްކަތެވެ. ރެ އާއި ދުވާލު އެ ޖަމިއްޔާއިން އެ މަސައްކަތް ކުރަމުންދާއިރު ގޮންޖެހުންތައް ބޮޑެވެ.

އައްކުގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމުގެ ފަރުވާގެ ނިޒާމް ފޭލްވެފައި އޮތުމެވެ. އެކަށީގެންވާ ފަރުވާއެއް ރާއްޖޭން ނުލިބެ އެވެ. އެކަމަށް މިހާރު ހުރި ސެންޓަރުތަކުގައި ޖާގައިގެ ދަތިކަން ވެސް ބޮޑެވެ.

ޖަމިއްޔާއިން އެއްކުރި މައުލޫމާތުތަކާ ހަވާލާދީ އައްކު ބުނި ގޮތުގައި އެކި ގޮތްގޮތަށް މަސްތުވާތަކެތި ބޭނުންކުރާ 45،000 އެއްހާ މީހުން ރާއްޖޭގައި އެބަތިއްބެވެ. އޭގެ ތެރެއިން ފަރުވާއަށް ދާން ބޭނުންވާ 80 ޕަސެންޓް މީހުންނަށް ޑިޓޮކްސް ސެންޓަރުތަކުން ޖާގަ ނުލިބި އެބަތިބި ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރި އެވެ.

ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޖުމުލަ ހަތަރު ޑިޓޮކްސް ސެންޓަރު ހުރެ އެވެ. އަދި ފަރުވާދޭ 172 މީހުންގެ ޖާގައިގެ ރިހެބުގައި މިވަގުތު ވެސް 150 މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ. ޖަލުގައި ބަންދުކޮށްފައިވާ މީހުންގެ ތެރެއިން 75 ޕަސެންޓާއި 85 ޕަސެންޓް މީހުންނަކީ މަސްތުވާތަކެތި ބޭނުން ކުރި މީހުން ކަމަށް އޭނާ ބުންޏެވެ.

"ކިޔޫގައި ތިބި މީހުން އެތިބީ މަގުތަކުގައި މަސްތުވާން. ޑިޓޮކްސް ސެންޓަރުތައް ފުލްވީމަ ފަރުވާއަކަށް ނުދެވޭ. އެމެރިކާގެ ސިސްޓަމް މިތަނަށް ފައްތަން އުޅުނީމައި އޭތި ވޯކެއް ނުކުރޭ. ފަރުވާއަށް ނުދެވޭތޯ ބޮއެ ބޮއެ އެ މީހުން އެ ތިބީ. ތަންތަން ފުރިފައި. ޖާގައެއް ނުލިބޭ،" ރާއްޖޭގެ ހާލަތު ސިފަކުރައްވަމުން އައްކު ބުންޏެވެ.

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދަނީ: މަސްތުވާ މީހުން ރާއްޖޭގައި ވެސް ގިނަ-- ފޮޓޯ: ފުލުހުން


ޑިޓޮކްސް ސެންޓަރުތަކަށް ދާން ޖެހެނީ ފަރުވާ ފެށުމުގެ ކުރިން ހަށިގަނޑުން މަސްތުވާތަކެތީގެ އަސަރު ކެނޑުވުމަށެވެ. އެ ސެންޓަރުގައި 21 ދުވަހު ތިބެން ޖެހެ އެވެ.

އައްކު ވިދާޅުވި ގޮތުގައި ޑިޓޮކްސް ސެންޓަރުތަކުގެ ކެޕޭސިޓީ ފުލްވުމުން, ފަރުވާ ފުރިހަމަނުކޮށް މީހުން އަނބުރާ ފޮނުވާލަ އެވެ. މިކަމުން އަރައިގަތުމަށް ބޭނުންވެފައި ތިބި މީހުންނަށް ފުރުސަތު ހަނިވާ އެއް ސަބަބަކީ އެއީ ކަމަށް ބުންޏެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތި ވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. މަސްތުވެ ބިއްޖެހިފައި އެތައް ބަޔަކު އެބަތިއްބެވެ. ފަރުވާއަށް ދާން އޭގެ ތެރެއިން އެއް ބަޔަކު ބޭނުންވާއިރު އަނެއް ބަޔަކު ފަރުވާއަށް ފަހު އަނެއްކާ ވެސް މަސްތުގެ ތެރެއަށް ދަނީ އެވެ.

އެންމެންނަށް އެއް ފަރުވާއެއް: ނަތީޖާއެއް ނެތް!

މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ހިންމަފުށީގައި ހުންނަ ރިހެބުން ފަރުވާ ދޭއިރު ވަކި ވަކި މީހުންނަށް ވަކި ހާއްސަ ފަރުވާތަކެއް ނުދެ އެވެ. އެންމެނަށް ވެސް ފަރުވާ ދެނީ އެއް އުސޫލަކުން އެއްގޮތަށެވެ. އޭގެ ސަބަބުން އެންމެ ރަނގަޅު ނަތީޖާއެއް ނުނިކުމެވެ.

"މި ތިބެނީ އެކި މިންވަރަށް އެކި އެއްޗެހި ބޭނުން ކޮށްފައި ތިބޭ މީހުން. އެކަމަކު ރާއްޖޭގައި އެންމެ ބޮޑު މައްސަލައަކީ އެންމެނަށް އެއް ފަރުވާއެއް ދިނުން. ކޮންމެ މީހެއްގެ ހާލަތަށް ބަލައި ވަކި ހާއްސަ ފަރުވާއެއް ދޭ އުސޫލު ނުގެންގުޅޭ. އެންމެނަށް އެއް ފަރުވާއެއް ވޯކެއް ނުކުރާނެ،" އައްކު ބުންޏެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ އެންޖީއޯއެއް ކަމަށްވާ ޖާނީގެ އިންޓަނޭޝަނަލީ ސެޓިފައިޑް އެޑިކްޝަން ޕްރޮފެޝަނަލް އެންޑް ގްލޯބަލް މާސްޓާ ޓްރެއިނާ އަލީ އަދީބް ވެސް އެކަމަށް ތާއީދު ކުރެ އެވެ.

އޭނާ ބުނި ގޮތުގައި ޒަމާނީ, ރަނގަޅު ފަރުވާ ބައްޓަން ކުރަން ޖެހޭނީ ސައިންސްގެ ހެކިތަކާ ހޯދުންތަކުގެ މައްޗަށެވެ.

"އެއް ވައްތަރެއްގެ ފަރުވާ އެންމެންނަށް މަސައްކަތެއް ނުކުރޭ. ފަރުވާގައި ބޭނުން ކުރާ އިންޓަވެންޝަންސްތަކަށް ޓްރެއިނެޑް ބަޔަކު ތިބުން ވެސް ވަރަށް ހަމަ އެހާމެ މުހިންމު. ހިތާމައަކީ ޑްރަގް ގާނޫނު 17/2011 އަށް 10 އަހަރު ވެގެން ދިޔަ އިރު ވެސް ޓްރެއިންޑް މީހުން ބިނާ ކުރެވިފައި ނެތުން. އަދި އެކި އިންޓެންސިޓީގެ އެކި ވައްތަރުގެ ފަރުވާ ވެސް އެކުލެވިފައި ނެތުން،" އަދީބު ބުންޏެވެ.

ފަރުވާގެ ނިޒާމު ފެއިލްވާ ސަބަބާ ގުޅޭގޮތުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ ކޮންމެ މީހަކަށް އެ މީހެއްގެ ހާލަތާ ގުޅޭގޮތަށް ފަރުވާ ދޭން ޖެހޭ ކަމަށެވެ. އެހެންކަމުން ކޮންމެ މީހަކަށް ހާއްސަ ކަސްޓަމައިޒް ފަރުވާތަކެއް ދޭން ޖެހުނު ނަމަވެސް ރާއްޖޭގައި އެގޮތަށް ފަރުވާ ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މަސްތުވާތަކެއްޗަށް ފަރުވާ ދެނީ ވަކި ސެންޓަރެއްގައި ބައިތިއްބައިގެންނާއި މުޖުތަމައަށް ދޫކޮށްލާފައި ބައިތިއްބައިގެންނެވެ.

އޮޕަރޭޝަނެއްގައި ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި: މަސްތުވުމަށް ފަރުވާ ބޭނުން ވިޔަސް ނުލިބޭކަމުގެ ޝަކުވާ ބޮޑު-- ފޮޓޯ: ފުލުހުން


މިކަމުގައި ހުރި ގޮންޖެހުންތައް ފާހަގަ ކުރައްވައި އަދީބު ބުނީ މަސްތުވާތަކެއްޗަށް ފަރުވާ ބޭނުންވާ އެންމެންނަކީ ހިންމަފުށީގައި ހުންނަ ސެންޓަރުން ފަރުވާ ހޯދަން ޖެހޭ މީހުން ނޫން ކަމަށެވެ. އޭގެ ތެރެއިން ގިނަ ބަޔަކީ މުޖުތަމައުގައި ބައި ތިއްބައިގެން ފަރުވާ ދޭން ޖެހޭ މީހުން ކަމަށް އަދީބު ބުންޏެވެ.

އަދީބު ބުނި ގޮތުގައި ޖަލަކީ ފަރުވާގެ ފުރުސަތު ފަހިކޮށް އޮންނަން ޖެހޭ ތަނަކަށްވާއިރު ޖަލުގައި ވެސް އެކަށީގެންވާ ފަރުވާ ނުލިބެ އެވެ.

"ހަގީގަތަކީ ޖަލަކީ ފަރުވާގެ ފުރުސަތު ފުޅާކޮށް އޮންނަން ޖެހޭ މާހައުލެއް. އެތާ ފަރުވާ ދޭންޖެހޭ ބައެއް އެތަނުގައި ތިބުމަކީ އޭގެ ފައިދާ ސަރުކާރުން ފުރިހަމައަށް ބޭނުންކޮށް ގައިދީންނަށް ހާއްސަ ކުރެވިފައިވާ ފަރުވާ މީހުންނަށް ފޯރުކޮށްދޭން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. ޖަލުގައި އެދެވޭ އެވިޑެންސް ބޭސްޑް ފަރުވާއެއް ފޯރުކޮށްދެވިއްޖެ ނަމަ އަލުން އެ ކުށްތަކަށް އަރައިގަތުމާއި މަސްތުވާ ތަކެތި ބޭނުން ކުރުމަށާ މިފަދަ އެތައް ކަމެއް ދަށް ކުރެވޭ،" އަދީބު ބުންޏެވެ.

މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ފަރުވާ ދޭން ފަށަނީ އެސެސްމަންޓްތަކަށް ފަހުގަ އެވެ. އެސެސްމަންޓްތަކުން އެ މީހަކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަދި އިޖުތިމާއީ ގޮތުން ލިބިފައިވާ ގެއްލުންތައް އެނގެ އެވެ. ފަރުވާ ފޯކަސް ކުރަނީ އެ ގެއްލުންތަކަށް ހައްލު ހޯދައި ދިނުމަށެވެ.

އަދީބު ބުނި ގޮތުގައި ރާއްޖޭގައި އެންމެ ރިހެބެއް ހުންނާތީ ހުރިހާ އެންމެން އެތަނަށް ދާން ޖެހޭއިރު އޭގެ ގެއްލުން ޕޭޝަންޓުންނަށް ކުރާ ކަމަށެވެ. އެކަމަށް އޮތް ހައްލަކީ ފަރުވާގެ ފުރުސަތުތައް ފުޅާކޮށް، އެކި ފަރުވާ ބޭނުންވާ މީހުންނަށް އެ މީހަކަށް ލިބެން ޖެހޭ ފަރުވާއެއް ލިބޭނެ އުސޫލެއް ރޭވުން ކަމަށް އޭނާ ބުންޏެވެ.

ޝާކިރު ވިދާޅުވީ ފަރުވާއަށް ހުކުމް ކުރުމަށް ފަހު ފަރުވާއަށް ނުފެށި ގިނަ ބަޔަކު ތިބޭ ކަމަށެވެ. ފަރުވާއަށް ނުދެވި މުޖުތަމައުއަށް ދޫވެފައި ތިބި މީހުންގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރަން އުޅޭ މީހުން ގިނަ ކަމަށް ޝާކިރު ވިދާޅުވި އެވެ.

މަގުމަތީ އުޅޭ ސަބަބު ގިނަ ވަނީ ޓްރީޓްމަންޓުން ޖާގަ ނުލިބޭތީ. ޑްރަގް ކޯޓުން އެސެސްމަންޓް ހަދަން އަންގާފަހުން ގެއްލޭ މީހުން އެބައުޅޭ. ފަރުވާ ފަށައި ފަރުވާގެ އުސޫލާ ހިލާފުވުމުން ފަރުވާއިން ޓާމިނޭޓް ކުރި މީހުން ވެސް އުޅޭ މަގުމަތީގައި. އެއީ ޖަލަށް ދާން ޖެހޭ މީހުން. ފަރުވާ ފުރިހަމަ ކޮށްފައި އަނެއްކާ ވެސް މަސްތުގެ ތެރެއަށް ވަންނަ މީހުން ވެސް އުޅޭ. --ޝާކިރު

ހާލަތަށް ބަލައި ފަރުވާ ބަދަލުކުރަންޖެހޭ!

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވެފައިވާ މީހުންނާއި އެ ދާއިރާގެ ތަޖުރިބާކާރުން ވެސް އެއްބަސްވާ އެއްކަމަކީ ފަރުވާގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމެވެ. އެގޮތުން މިހާރު ދޭގޮތަށް އެންމެނަށް އެއް ފަރުވާއެއް ދިނުމުގެ ބަދަލުގައި އެމީހެއްގެ ހާލަތަށް ބަލައި ފަރުވާ ބައްޓަން ކުރަން ޖެހޭ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

އަދީބު ބުނި ގޮތުގައި މަސްތުވާ ތަކެއްޗަށް އަޅުދާސްތު ވުމުގެ ބައްޔަކީ ދިގުދެމިގެންދާ އަދި އަލުން އިހު ވަރަށް ވުމަށް ފުރުސަތު އޮތް ސިކުނޑީގެ ބައްޔެއް ކަމަށެވެ. އެ ބަލި ޖެހެނީ ސިކުނޑީގެ ހިތްހަމަ ޖެހުމާއި މޯޓިވޭޝަނާއި ހަނދާނާ މިކަންކަމާ ގުޅުންހުރި ސާކެޓްތަކަށް ކަމަށް އަދީބު ބުންޏެވެ.

"މި ސާކެޓްތައް އޮޅުންބޮޅުން ވުމުގެ ސަބަބުން ޖިސްމާނީ، ނަފްސާނީ، އިޖުތިމާއީ އަދި ރޫހާނީ މައްސަލަތައް އިންސާނާއަށް ކުރިމަތި ކުރުވާ. މި ބަލީގެ އެންމެ ވިސިބަލް އެއް އަލާމާތަކީ އެތައް ބައިވަރު ނޭދެވޭ ކަންކަން ތިމާއާ ކުރިމަތި ކުރުވާއިރުވެސް މަސްތުވާ ތަކެތީގެ ފަހަރުން ގޮސް ނިމިދިއުން،" އަދީބު ބުންޏެވެ.

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުން ގެ އެއް ބަލައި ފާސް ކުރަނީ: ދޭތެރެ ދޭތެރެއިން ފުލުހުން ގެންދަނީ އޮޕަރޭޝަންތައް ހިންގަމުން-- ފޮޓޯ: ފުލުހުން


ދިރާސާތަކުގެ އަލީގައި އަދީބު ބުނީ އެކްޓެންޑެޓް ކެއާ ނުވަތަ އާފްޓާ ކެއާ މަދުވެގެން ފަސް އަހަރަށް ދަންމައިލައިފައި އޭގެ ތެރޭގައި ރެންޑަމް ޔޫރިން މޮނީޓާ އަދި އެހެނިހެން ސަޕޯޓިވް ކަންކަން ކުރިއަށް ގެންގޮސްފިނަމަ މަސްތުން ސާފު ދިރިއުޅުމެއް ބިނާ ކުރުމުގެ ފުރުސަތު އެތައް ގުނައެއް ބޮޑު ކަމަށެވެ.

"ވީމާ އާފްޓާކެއާ ނުވަތަ އެކްސްޓެޑް ކެއާއަކީ ފަރުވާގެ ވަރަށް މުހިންމު މަރުހަލާއެއް ކަމަށް ބަލައި ރާއްޖޭގައި ޕޭޝަންޓުންނަށް އެންމެ ފައިދާވާ ގޮތަކަށް އެކަން ކުރެވޭނެ ގޮތް ތަކެއް ހޯދުން ވަރަށް މުހިންމު،" އަދީބު ބުންޏެވެ.

ޑްރަގް ކޯޓުން ފަރުވާއަށް ހުކުމް ކުރާ ހިސާބުން އެ މީހަކު މުޖުތަމައުއަށް ދޫކުރުމުގެ ބަދަލުގައި ރިމާންޑް ސެންޓަރެއްގައި ބަހައްޓަން ޖެހޭ ކަމަށް ޝާކިރު ވިދާޅުވި އެވެ. މިހާރު ގުޅީފަޅުގައި ރިމާންޑް ސެންޓަރެއް ގާއިމް ކޮށްފައިވާތީ ކުރިއަށް އޮތްތަނުގައި އެގޮތަށް ތަންފީޒު ކުރެވޭނެ ކަމަށް ޝާކިރު ވިދާޅުވި އެވެ.

"އޭރުން އެތަނުގައި ބަހައްޓައިގެން އެސެސްމަންޓް ހެދޭނެ. އެސެސްމަންޓަށް ފަހު ސެންޓަރަށް ނުވަތަ ކޮމިއުނިޓީ ފަރުވާއަށް ފޮނުވޭނެ. ރިމާންޑް ސެންޓާއާއެކު މުޖުތަމައުއަށް ދޫވުން ހައްލު ކުރެވޭނެ،" ޝާކިރު ވިދާޅުވި އެވެ.

ޝާކިރު ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗަށް ފަރުވާ ދިނުމަށް ރާއްޖޭގައި އޮތް އަނެއް ހުރަހަކީ އެ ދާއިރާއިން ތަމްރީނު ވެފައި ތިބި މީހުން މަދުވުމެވެ. ސޯޝަލް ވޯކާސްގެ އިތުރުން ޑްރަގާ ގުޅޭ ކައުންސިލިންނާއި އެ ދާއިރާގެ ޑޮކްޓަރުން ރާއްޖެއަށް ބޭނުންވާ ކަމަށް ޝާކިރު ވިދާޅުވި އެވެ.

"ޓްރީޓްމަންޓް އޮޕްޝަންތައް ގިނަ ކުރަން ޖެހޭ. ޖަލުގައި ގިނައީ ޑްރަގްސް މީހުން. އެ މީހުން ރިހިބިލިޓޭޓް ކުރަން ޖެހޭ ކަމަށް ގާނޫނުގައި އޮވޭ. އެކަމަކު 10 އަހަރުވީ އިރު އެކަމެއް ނުކުރޭ. ޖަލުން އަފްއާމް ލިބި މިނިވަންވާއިރު ފަރުވާއެއް ނުލިބޭ. އެހެންވެ އަލުން އައިސް މަސްތުވާން އެބަ ފަށާ،" ޝާކިރު ވިދާޅުވި އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ)ގެ އުސޫލުތަކަށް ބަދަލުތަކެއް އަންނަން ޖެހެ އެވެ. އެންޑީއޭ އިސްލާހު ކުރުމުގެ ނަމުގައި ވެސް ހަރަކާތްތަކެއް މިހާރު އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން އެންޑީއޭ އިސްލާހު ކުރަން ގޮވާލައި 1،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށް މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.

އެންޑީއޭ އިން ބުނަނީ ގޮންޖެހުން ބޮޑު ކަމަށް

މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމު ބަލަހައްޓާ، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ވެސް ގޮންޖެހުން ބޮޑެވެ.

ފަރުވާ ނުދެވި ލަސްވުމާ ގުޅޭގޮތުން އެންޑީއޭގެ ލީގަލް އޮފިސަރު އަހުމަދު ހިލްމީ ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ފަރުވާދޭ މަރުކަޒުތައް ފަރުވާދެވޭ ނިސްބަތަށް ގާއިމްކޮށްފައި ނުވާތީ ޖާގައިގެ ދަތިކަން ބޮޑު ކަމަށެވެ. އޭނާ ވިދާޅުވީ އަންހެނުންނަށް ހާއްސަ ރެސިޑެންޝަލް ފަރުވާދޭ މަރުކަޒެއް ނެތުމާއި ކުޑަކުދިންނަށް ހާއްސަ ފަރުވާދޭ މަރުކަޒެއް ނެތުމުން ވެސް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ.

ހިލްމީ ވިދާޅުވި ގޮތުގައި މަރުކަޒުތަކުގެ ޖާގައިގެ ދަތިކަމާއި ވަސީލަތްތައް މަދު ވުމަކީ ވެސް އެކަށީގެންވާ ފަރުވާ ދިނުމަށް އޮތް ގޮންޖެހުމެކެވެ. އެގޮތުން ކޮންމެހެން ހުންނަން ޖެހޭ ބައެއް ވަސީލަތްތައް ވެސް ގާއިމް ވެފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފަރުވާދޭ މަރުކަޒުތައް ހުޅުވި ނަމަވެސް އެ ސަރަހައްދެއްގެ އާބާދީ އާއި މަސްތުވާތަކެތީގެ ވަބާ ފެތުރިފައި އޮތް ނިސްބަތަށްބަލާ ސެންޓަރުތަކުގައި ގާއިމްވެފައި ހުރި ވަސީލަތްތަކަކީ އެކަށީގެންވާ ވަރުގެ ވަސީލަތްތަކެއް ނޫން. އެގޮތުން ފަރުވާދޭ ގިނަ ސެންޓަރުތަކުގައި ކައުންސެލަރުންގެ ގޮތުގައި ހުރީ އެންމެ ސްޓާފެއް. --ހިލްމީ

އޭނާ ވިދާޅުވި ގޮތުގައި އެ ސެންޓަރުގައި ތިބެންޖެހޭ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން މުވައްޒަފުންގެ އަދަދު މަދުވެފައި ތަނުގެ ޖާގައިގެ ދަތިކަން ވެސް ބޮޑެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ޑްރަގް ކޯޓު ހުކުމާއި ހަމައަށް ދިއުމުން މަސްތުވުން ހުއްޓާލި ނަމަވެސް އޭގެ ތެރެއިން ގާތްގަނޑަކަށް 90 ޕަސެންޓް މީހުންނަކީ ފަރުވާދީގެން ނޫނީ ހުއްޓާނުލެވޭނެ ބައެއް ކަމަށް އެންޑީއޭން ބުނެ އެވެ.

ހިލްމީ ވެސް ވިދާޅުވީ އެކަމަށް އޮތް ހައްލަކީ ފަރުވާއަށް ހުކުމް ކުރުމާ އެކު ލަސްތަކެއް ނުވެ ފަރުވާ ދޭން ފެށުން ކަމަށެވެ.

"ނުވަތަ ހުކުމް ކުރުމާއި ގުޅިގެން އެ ހިސާބުން ފަރުވާ ފެށޭނެ އިންތިޒާމްތައް ހަމަޖެހިގެން ދިއުން. އެހެން ނަމަވެސް މި ނިސްބަތުގައި ފަރުވާދެވޭނެ ސެންޓަރުތަކާއި މުވައްޒަފުންނާއި ވަސީލަތްތައް ނެތުމުން، އިތުރު ވަސީލަތްތައް ނުހޯދާ މިއީ ހައްލުކުރުން ނާދިރު ކަމެއް،" ހިލްމީ ވިދާޅުވި އެވެ.

ރާއްޖޭގައި މަސްތުވާތަކެތިން ސަލާމަތް ކުރުމަށް ދެނީ އާއްމު ފަރުވާއެއް ކަމަށް އެންޑީއޭން ގަބޫލެއް ނުކުރެ އެވެ.

ހިލްމީ ވިދާޅުވިގޮތުގައި ރާއްޖޭގައި ފަރުވާ ދެމުންދަނީ ވަކިވަކި މީހުންނަށް ހާއްސަ ފަރުވާއެކެވެ. އެގޮތުން މަސްތުވާތަކެތީ ބޭނުންކުރުމުގައި ހޭދަކޮށްފައިވާ މުއްދަތާއި ބޭނުންކޮށްފައިވާ ޑޯޒާއި އެ ޑޯޒް ބޭނުންކޮށްފައިވާ ގޮތަށް ބަލައި އެކަންތަކަށް ރިއާޔަތްކޮށްގެން ބައިނަލް އަގުވާމީ ޓޫލްއެއްގެ އެހީގައި ހަދާ އެސެސްމެންޓް ތަކަށް ބިނާކޮށް ޕްރޮގްރާމްތައް ކަނޑައަޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިން ފާހަގަ ކުރި ގޮންޖެހުންތައް ހައްލު ކުރުމާއެކު ފަރުވާގެ ކަންކަން ރަނގަޅު ކުރަން ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ހިލްމީ ވިދާޅުވި އެވެ.

ފަރުވާ ރަނގަޅު ކުރަން އެންޑީއޭން ގެންނަން ބޭނުންވާ ބައެއް ބަދަލުތައް

  • ފަރުވާއަށް ހުކުމްކުރުމާއި އެކު ވަގުތުން ވަގުތަށް ފަރުވާ ފެށިގެންދާނެ ގޮތް ހަމަޖެހުން.
  • އަލަށް ހުޅުވާ ފަރުވާދޭ މަރުކަޒުތަކުގެ ޖާގަ އިތުރުކުރުން.
  • މިހާރު ފަރުވާދޭ މަރުކަޒުތަކުގެ ޖާގަ އިތުރުކުރުން.
  • އަލަށް ހުޅުވާ ފަރުވާދޭ މަރުކަޒުތަކުގެ ޖާގައަކީ އެންމެ މަދުވެގެން 50 ކަމުގައި ހަމަޖެއްސުން.
  • ރާއްޖެ ބެހިފައިއޮތް ގޮތުން އެބަޔަކު ތިބި ސަރަހައްދަކުން ފަރުވާ ކުރިޔަށް ގެންދެވޭނެގޮތް ހަމަޖެހުން.
  • މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒުތައް ހުރި ރަށްރަށަށް އަމާޒްކޮށްގެން މީހުން ތަމްރީންކުރުން.

މަސްތުވާތަކެތީގެ ސަބަބުން ރާއްޖޭގައި ގިނަ މައްސަލަތަކެއް މިވަނީ ފެންމަތިވެފަ އެވެ. އެ ވަބާއިން ސަލާމަތްވުމަށް އެދޭ މީހުން ވެސް ގިނަ އެވެ. ނަމަވެސް މިފެންނަނީ ފަރުވާގެ ނިޒާމު ފެއިލް ވެފައިވާ ތަނެވެ. ފަރުވާއަށް ފަހު އެނބުރި އަންނަ މީހުން ވެސް މަސްތުވަނީ އެވެ. އަނެއް ބަޔަކަށް ފަރުވާ ނުލިބި ތިބެން ޖެހެނީ އެވެ. ގައުމީ މިހާ ބޮޑު މައްސަލައަކަށް އަވަސް ހައްލެއް ބޭނުންވެ އެވެ.

އައްކުއަށް ކުރިން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުން އަރައި ގަތުމެވެ. މިހާރު އޭނާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާ މީހުން ފަރުވާއަށް ފޮނުވުމެވެ. ރާއްޖޭން ބޭރުން ފަރުވާ ހޯދި އައްކު ބުނާ ގޮތުގައި ރާއްޖޭގައި ފަރުވާ ދޭ ނިޒާމަށް އަވަސް ބަދަލުތަކެއް އަންނަން ޖެހެ އެވެ.