ގަދަޔަށް ހިމަބިހި ފެތުރެމުންދާ ދަނޑިވަޅެއްގައި ވެސް މަގުމަތީ ބާޒާރާއި ކާނިވާ ބާއްވަނީ

މާލޭގައި މީގެކުރިން ބޭއްވި ބާޒާރެއްގައި މީހުން ހަރަކާތްތެރިވަނީ: ހިމަބިހީގެ އަލާމާތްތައް ހުރިނަމަ މީހުން އެއްވާ ތަންތަނަށް ނުދިޔުމަށް އެޗްޕީއޭއިން އިލްތިމާސްކުރޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލޭގައި މީގެކުރިން ބޭއްވި ބާޒާރެއްގައި މީހުން ހަރަކާތްތެރިވަނީ: ހިމަބިހީގެ އަލާމާތްތައް ހުރިނަމަ މީހުން އެއްވާ ތަންތަނަށް ނުދިޔުމަށް އެޗްޕީއޭއިން އިލްތިމާސްކުރޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރާއްޖެއިން ކުރިން ނައްތާލާފައިވާ ބައްޔެއް ކަމުގައިވާ ހިމަބިހި (މީސްލްސް) އަލުން ފެތުރެން ފަށައި އެތައް ބަޔަކު އެ ބައްޔަށް ޕޮޒިޓިވްވަމުންދާ ދަނޑިވަޅެއްގައި ވެސް މާލޭގައި މަގުމަތީ ބާޒާރާއި ކާނިވަލްތައް ބާއްވަމުން އެބަ ގެންދެ އެވެ.  

ހިމިބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިދިޔަ ހަފުތާއަށް ވުރެ މި ހަފުތާގައި ގާތްގަނޑަކަށް ދެ ގުނަ އިތުރުވެ، 121 އަށް ވަނީ އަރާފަ އެވެ. އެޗްޕީއޭއިން މިދިޔަ ހަފުތާ ނިމުނުއިރު ހިއްސާކުރި ތަފާސްހިސާބުތަކުގައި ވަނީ އެ މަސް ނިމުނުއިރު އެ ބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދަކީ 66 އެވެ.

ހަލުވިކަމާއެކު ހިމަބިހި ފެތުރެމުން އަންނައިރު މާލޭ ރަސްފަންނު ސަރަހައްދުގައި މަގުމަތީ ބާޒާރެއް ބާއްވަމުން އަންނަތާ ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ. އެ ސަރަހައްދަށް ކޮންމެ ރެޔަކު ވެސް އެތައް ބަޔަކު ޖަމާވެ އެވެ. 

މިިދިޔަ ހަފްތާ ބަންދުގެ ތެރޭގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޮޑު އެކްސްޕޯއެއް ވެސް ކުރިއަށްގެންދިޔަ އެވެ. މާދަމާ ޔޫތު ހަބުގައި ގޭމިން ކާނިވަލެއް ވެސް އޮންނާނެކަން ޔޫތު މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ. 

އޭގެ އިތުރުން، މިއީ ވޯލްޑް ކަޕް ދުވަސްވަރަށް ވުމާއެކު ކޮންމެ ރެޔަކު މެޗުތައް ބެލުމަށް އެތައް ބަޔަކު މާލޭގެ އެކި ސަރަހައްދުތަކަށް ޖަމާވެ އެވެ. 

ހުސްވި ހަފުތާގެ ތެރޭގައި އެކަނި 55 މީހެއްގެ ގައިން މި ބަލި ފެނިފައިވެ އެވެ. މިއީ އޭގެ ކުރީ ހަފުތާގައި މި ބައްޔަށް ޕޮޒިޓިވްވީ 44 މީހުންނަށް ވުރެ އިތުރު އަދަދެއް ކަން ފާހަގަކޮށްލެވެ އެވެ.

ހިމަބިހި އަލުން ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގަޮތުން އެޗްޕީއޭއިން ވަނީ ވެކްސިން ދިނުމުގެ ކެމްޕެއިނެއް ފަށާފަ އެވެ.

އެޗްޕީއޭއިން ވަނީ ބަލީގެ އަލާމާތްތައް ހުރިހަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދާން އިލްތިމާސްކޮށްފަ އެވެ. އަދި، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރަން އެދިފައިވެ އެވެ.

ހިމަބިއްސަކީ 2017 ވަނަ އަހަރު ރާއްޖެއިން މުޅިން ނައްތާލާފައިވާ ބައްޔެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ. ނަމަވެސް 2020 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ވެސް ވަނީ ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިން ފެނިފަ އެވެ. އެ ކޭސްތައް އޭރު ވަނީ ކޮންޓްރޯލް ކޮށްފަ އެވެ.

ހިމަބިހިން ރައްކާތެރިވުމުގެ ވެކްސިން ދެނީ ދެ ޑޯޒަކަށް ބަހާލައިގެންނެވެ. ފުރަތަމަ ޑޯޒް ދެނީ އުމުރުން އެއް އަހަރުގަ އެވެ. ދެވަނަ ޑޯޒް ދެނީ އުމުރުން ގާތްގަނޑަކަށް ތިން އަހަރުގަ އެވެ. މިހާރު ވެކްސިންދެމުން ދަނީ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށެވެ. 

ހިމަބިހިން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ވެކްސިން ޖެހުން ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. އަދި ވެކްސިނާއެކު ރާއްޖެއިން ނައްތާލެވިފައިވާ ބަލިތަކަކީ ކައިރި ގައުމުތަކުން އައިސްދާނެ ބަލިތައް ކަމަށްވާތީ، ވެކްސިން ޖެހުމުގައި ފަރުވާ ކުޑަ ނުކުރަން ޑޮކްޓަރުން އިލްތިމާސްކުރެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox