ޑޮކިއުމެންޓަރީގެ ވާހަކަ ނުދައްކަން ނެރުނު އަމުރަށް ތަބާވާން މީޑިއާތަކަށް އަންގައިފި

May 11, 2026, 9:40 AM
މީޑިއާ ކޮމިޝަންގެ ބައެއް މެންބަރުން ބައްދަލުވުމެއްގައި: ކޮމިޝަނުން ބުނަނީ އެއީ މީޑިއާތަކުގެ ބެލެނިވެރި ފަރާތް ކަމަށް -- ފޮޓޯ: ފައިލް

މީޑިއާ ކޮމިޝަންގެ ބައެއް މެންބަރުން ބައްދަލުވުމެއްގައި: ކޮމިޝަނުން ބުނަނީ އެއީ މީޑިއާތަކުގެ ބެލެނިވެރި ފަރާތް ކަމަށް -- ފޮޓޯ: ފައިލް

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ރައީސް މުހައްމަދު މުއިއްޒަށް ކުރާ ޖިންސީ ތުހުމަތުތަކުގެ ވާހަކަ ގެނެސްދިން އަދަދު ނޫހުގެ ޑޮކިއުމެންޓަރީ "އައިޝާ" ދިވެހިރާއްޖޭގައި މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް  ތަބާވާން މީޑިއާ ކޮމިޝަނުން މީޑިއާތަކަށް އަންގައިފި އެވެ. 

އެ ޑޮކިއުމެންޓަރީ ދެއްކުން މަނާ ކުރުމުގެ އިތުރުން އެ ޑޮކިއުމެންޓަރީގެ މައުލޫއާ ގުޅޭ އެއްވެސް ވާހަކައެއް ވެސް ނުދެއްކުމަށް ކޯޓުން އިއްޔެ ނެރުނު އަމުރުގައި އަންގާފައިވެ އެވެ. އެ އަމުރު ނެރެފައި ވަނީ އާންމުކޮށް އެންމެނަށެވެ. 

"އިސްވެ ދެންނެވުނު ގަޒިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރުމަށް މީޑިއާގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އަންގަން،" އެ ކޮމިޝަނުން ބުނެފައިވެ އެވެ. 

އެ މައްސަލައިގައި ޕީޖީ އޮފީހުން ވަނީ އަދަދުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިފަ އެވެ. ޕީޖީ އުފުލި ދައުވާއަކީ ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އެވެ. 

އެ މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުމަކީ މަނާކަމެކެވެ. އަދި މުޖުތަމައުގެ އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމުގެ މުހިންމުކަމަށް ރިއާޔަތްކޮށް، މި މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އާންމުކޮށް ހުޅުވާނުލައި ސިއްރު ޝަރީއަތެއްގެ ގޮތުގައި ކަމަށް ވެސް އެ އަމުރުގައި ބަޔާންކޮށްފައި ވެ އެވެ. 

މި މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ މައުލޫމާތެއް އެއްވެސް ސިފައެއްގައި ފެތުރުމަކީ ކޯޓު އަމުރާ ހިލާފުވުން ކަމުގައިވެސް އެ އަމުރުގައި ކަނޑައަޅައިފައި ވެ އެވެ.

އައިޝާ ޑޮކިއުމެންޓްރީ މި ނޫހުން ގެނެސްދިނީ މާޗު 28، ގަ އެވެ.

އެ ޑޮކިއުުމެންޓްރީގައި އިންޓަވިއުދިން އަންހެން މީހާ ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ. އެ ގޮތުން، ކައިވެނިން ބޭރުން މުއިއްޒު ގުޅުމެއް ބޭއްވި ކަމަށާއި އޭނާއަށް މުއިއްޒު ޖިންސީ ފުރައްސާރަ ކުރި ކަމަށް ވެސް އޭނާ ތުހުމަތު ކޮށްފައިވެ އެވެ.

އެ ޑޮކިއުމެންޓްރީ އާންމުކުރުމުގެ ކުރިން ސަރުކާރުގެ ތަރުޖަމާނާ އެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. އެ ޑޮކިއުމެންޓްރީގައި އެ ޖަވާބު ވެސް ހިމަނާފައިވާނެ އެވެ. 

އަދަދު ނޫހުގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުން ގެނެސްދިން އެ ވީޑިއޯގައި އެ މުވައްޒަފުގެ އަސްލު ނަން ވަނީ ސިއްރުކޮށްފަ އެވެ.

"ރައީސްގެ ކެބިން ތެރޭގަ އިންނާނެ ދެ ސޯފާ. އެލްއެއް ގޮތަށް. ހުންނައިރުގަ މިހެން ދިގުކޮށް ހުންނަ ސޯފާގައި އަޅުގަނޑާ ރައީސްއާ ދެމީހުން އެންމެ ގިނައިން ފިސިކަލްކޮށް [އުޅުނީ]. ދެން ރައީސްގެ މެއިން ޓޭބަލް، ވަށްކޮށް ހުންނަ ޓޭބަލް. ދެން އެ ޓޭބަލް މަތީގައި އަޅުގަނޑު ރައީސްއާއެކު ފިސިކަލްކޮށް އުޅުނީ." އެ ޑޮކިއުމަންޓްރީގައި އޭނާ ކިޔައިދީފައި ވެ އެވެ. 

މި ޑޮކިއުަމަންޓްރީގެ މައްސަލަ ބަލަން ފެށުމާއެކު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީސް ބަލައިފާސްކޮށް، އޮފީހުގައި ބޭނުންކުރާ ލެޕްޓޮޕްތަކާއި ހާޑްޑްރައިވްތަކާއި ކޮމްޕިއުޓަރު ފަދަ މުދާތައް ހިފަހައްޓާފަ އެވެ. އަދި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދު ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox