ޕީޖީން އަމުރުކޮށްގެން، ކްރިމިނަލް ކޯޓުގެ އަމުރު އީސީން ސިޔާސީ ޕާޓީތަކަށް ފޮނުވައިފި؛ އެންގީ އަމުރުގެ ހުދޫދުގެ ތެރޭގައި ތިބެން

އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެންބަރުން

އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެންބަރުން

ސިޔާސީ ހަރަކާތްތައް ހިންގުމުގައި ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއްގެ ހުދޫދުގެ ތެރެއިން އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުރިހާ ސިޔާސީ ޕާޓީތަކަށް އަންގައިފި އެވެ. ކޮމިޝަނުން މިގޮތަށް އެންގީ ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވާފައިވާ އަމުރަކާ ގުޅިގެން، ސިޔާސީ ޕާޓީތަކަށް ފޮނުވި އީމެއިލެއްގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ސިޔާސީ ޕާޓީތަކަށް ފޮނުވި އީމެއިލްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލޭނޭކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވާކަމަށާއި، އެކަމަށް ހުރިހައި ސިޔާސީ ޕާޓީތަކުން ސަމާލުވުމަށް އެދިފަ އެވެ. 

މިކަމާ ގުޅިގެން 'އަދަދު' ނޫހުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ގުޅުމުން އެ ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ އެ ކޮމިޝަނަށް އަމުރު ފޮނުއްވީ ޕީޖީ އޮފީހުން ކަމަށެވެ. އަދި އެ އަމުރު ސިޔާސީ ޕާޓީތަކާ ހިއްސާކުރުމަށާއި އެ އަމުރާ އެއްގޮތަށް އަމަލުކުރަމުން ގެންދޭތޯ ބެލުމަށް ވެސް އަންގާފައިވާކަމަށް އެ އޮފިޝަލު މައުލޫމާތު ދެއްވި އެވެ.

ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ އަދަދު ނޫހުގެ ސީއީއޯ ސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ތަށުން ގަޒުފުކުރުމުގެ ދައުވާ އުފުލައި، އެ މައްސަލަ ކޯޓުން ބަލަމުންދާތީ އެވެ. މި އަމުރު ކޯޓުން މިހާތަނަށް އާންމުކޮށްފައި ނުވި ނަމަވެސް، އަމުރުގެ ތަފްސީލު ހާމަވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން އެ އަމުރަށް ރިއާޔަތްކޮށް ސިޔާސީ ޕާޓީތަކަށް މައުލޫމާތު ހިއްސާކުރުމާ ގުޅިގެންނެވެ.

ކޯޓު އަމުރުގައިވާ ގޮތުން، އަދަދު ނޫހުން އާންމުކުރި އައިޝާ ޑޮކިއުމެންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން ވަނީ މުޅިން މަނާކޮށްފައެވެ. މީގެ އިތުރުން އެ ވީޑިއޯގައި ހިމެނޭ ވާހަކަތައް އެއްވެސް ފަރާތަކުން ސީދާގޮތުންނާއި ނުސީދާގޮތުން ދެއްކުމަކީ ވެސް މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި މި މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުމާއި، މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ މައުލޫމާތެއް އެއްވެސް ސިފައެއްގައި ފެތުރުމަކީ ކޯޓު އަމުރާ ހިލާފުވުން ކަމަށް ވެސް ބަޔާންކޮށްފައި ވެ އެވެ.

މި މައްސަލަ އުފެދުނު އައިޝާ ޑޮކިއުމެންޓަރީ އަދަދު ނޫހުން އާންމުކުރީ މިއަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ޑޮކިއުމެންޓަރީގައި އިންޓަވިއުދިން އަންހެން މީހާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ކައިވެނިން ބޭރުން ގުޅުމެއް ބޭއްވި ކަމަށާއި، ޖިންސީ ފުރައްސާރަ ކުރި ކަމަށް ކުރި ތުހުމަތުތައް ހިމެނެއެވެ. ނަމަވެސް، އެ ވީޑިއޯ އާންމުކުރުމުގެ ކުރިން ސަރުކާރުގެ ތަރުޖަމާނާ ސުވާލުކުރުމުން އެ ހުރިހާ ތުހުމަތުތަކެއް ވަނީ ދޮގުކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox