ދިވެހިރާއްޖޭގެ ގާނޫނުތަކާއި މި އަހަރަށް ފާސްކުރި ބަޖެޓާ ހިލާފަށް މަޖިލީހުގެ ރުހުމެއް ހޯދުމަކައި ނުލައި ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކުރަން ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިން (ކުޑޫ) އެވެ.
އޭނާ މިއަދު ހުށަހެޅުއްވި ގަރާރުގައި ބުނީ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ މިންވަރަށްވުރެ އިތުރަށް ހަރަދުކުރެވޭނީ މަޖިލީހުގެ ރުހުން ލިބިގެން ކަމަށް ގާނޫނުއަސާސީގެ 96 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި، ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ނުވަތަ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮްތް ނޫން ގޮތަކަށް ދައުލަތުގެ ފައިސާއިން ހަރަދުކުރުމާއި ދައުލަތުގެ މުދަލެއް ވިއްކާލުން ނުވަތަ ނައްތާލުން، ދޫކޮށްލުން އެއީ ހުއްދަނޫން ކަމެއް ކަމަށް އެ ގަރާރުގައި ބުންޏެވެ.
އޭގެ އިތުރުން، ސަރުކާރުން ދަރަންޏަށް ފައިސާ ނަގަންވާނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށް، ގިނަވެގެން 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް އެޑްވާންސެއްގެ ގޮތުގައި ކަމަށް ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށް އެ ގަރާރުގައި ބުންޏެވެ. އެގޮތަށް ފައިސާ ނަގާއިރު، ވެސް ނެގޭނީ ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީ 2.5 ޕަސެންޓަށްވުރެ އިތުރުވާނެ ގޮތެއްގެ މަތިން ކަމަށް އެ ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށް ވެސް އެ ގަރާރުގައި ބުންޏެވެ.
ނަމަވެސް، ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދަނީ އެއިން އެއްވެސް ކަމަކަށް ރިއާޔަތްނުކޮށް ކަމަށްވާއިރު، އެ މުއާމަލާތް ހިންގުމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ޕެންޝަން ބޯޑުގެ ޗެއާމަން އާއި ޗީފް އެގްޒެކެޓިވް އޮފިސަރާއި ޗީފް އޮޕަރޭޓިން އޮފިސަރާއި ޗީފް ފައިނޭންސް އޮފިސަރުގެ އިތުރުން ބޯޑު މެންބަރުންތަކެއް އިސްތިއުފާ ދީފައިވާކަން އެ ގަރާރުގައި ބަޔާން ކޮށްފައިވެ އެވެ.

ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކުރުމަކީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ދައުލަތަށް ފައިސާ ހޯދާނެ ކަމަށް ފިނޭންސް މިނިސްޓަރު، ބަޔާން ކޮށްފައިވާ ކަންކަމުގެ ބޭރުން މަޖިލީހުން ހުއްދަ ހޯދުމަކައި ނުލާ ކުރިއަށް ގެންދާ ކަމެއްކަން ވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.












