ރިކޯޑު ހަދަން ބީލަމަށް ނުލާ ބަހާލާ 200 އަށްވުރެ ގިނަ ޕްރޮޖެކްޓަށް ފަންޑުކުރަނީ ބީއެމްއެލް "ފެލައިލައިގެން"

އާޓް ވޯކް: އިސްމާއިލް އިމްދާދު/އަދަދު

އާޓް ވޯކް: އިސްމާއިލް އިމްދާދު/އަދަދު

ބީލަމަކަށް ނުލައި ބަހާލަން ސަރުކާރުން ނިންމާފައިވާ 200 އަށްވުރެ ގިނަ ޕްރޮޖެކްޓަށް ފަންޑުކުރަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ލޯނުން ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަޝްރޫއުތައް ހިންގަން ހަވާލުކުރާ ފަރާތްތަކާއި ބީއެމްއެލް އަދި ފިނޭންސް މިނިސްޓްރީން ޓްރައި-ޕާޓީ އެގްރީމެންޓެއް ހަދައި ލޯނު ދޫކުރުމަށް ވަނީ ނިންމައިފަ އެވެ. މިއީ ރަށްރަށުގައި ކައުންސިލު އިމާރާތްތައް އަޅަން އާރުސީސީއާ ހަވާލުކުރި މަޝްރޫއަށް ބޭނުންވާ 631 މިލިއަން ރުފިޔާ ހަމަޖައްސަން ލޯނު ދިން މޮޑެލް އެވެ.

ކައުންސިލު ޕްރޮޖެކްޓު ފައިނޭންސް ކުރަން އާރުސީސީން ނެގި ލޯނާ ގުޅޭ މައުލޫމާތު އެނގޭ މަސްދަރަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި، މި ޕްރޮޖެކްޓަށް ބޭނުންވާ ފައިނޭންސިން ހަމަޖައްސައިދިނީ ސަރުކާރުން ގެރެންޓީ ދީގެންނެވެ. އައު ޕްރޮޖެކްޓުތަކަށް ފަންޑުކުރަނީ ވެސް މި އުސޫލުންނެވެ.

ރެކޯޑު ހެދުމުގެ މަގްސަދުގައި ޕްރޮޖެކްޓު ބެހުމުގެ ތައްޔާރީތައް ސަރުކާރުން މިހާރު ކުރިއަށްގެންދާ ކަމަށް މިނޫހާ ވާހަކަ ބައެއް މަސްދަރުތަކުން ވަނީ ޔަގީންކޮށްދީފަ އެވެ. އެކަން ކުރިއަށް ގެންދަނީ ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ބައެއް އެހެން މިނިސްޓްރީތައް ގުޅިގެންނެވެ. އެ ހަފުލާ ބާއްވަނީ އަންނަ ހަފުތާގަ އެވެ.

އެނގިފައިވާ ގޮތުގައި ބަހާލާ ޕްރޮޖެކްޓުތަކުގައި ސޮއި ކުރަން ފަށަނީ ރޭގަނޑު 8:30 އިން ފެށިގެންނެވެ. ލަފާ ކުރެވޭ ގޮތުގައި ސަރުކާރުން ބަހާލާ ޕްރޮޖެކްޓުތަކުގައި ސޮއި ކުރުމުގެ ހަފުލާ މެންދަމާ ހަމައަށް ކުރިއަށްގެންދާނެ އެވެ. އެ ހަފުލާގައި 200 އަށް ވުރެ ގިނަ ޕްރޮޖެކްޓުގައި ސޮއި ކުރާނެކަން މި ނޫހަށް ވަނީ ޔަގީންވެފަ އެވެ.

ހަމައެކަނި ރިކޯޑެއް ހެދުމުގެ ބޭނުމުގައި ބީލަމަށް ވެސް ނުލައި ޕްރޮޖެކްޓުތަކެއް ބަހާލަން ނިންމިއިރު، ވަޒީރުންގެ މަޖިލީހުން ބޭނުންވާ ޕްރޮޖެކްޓުތައް ބީލަމަކަށް ނުލައި އެވޯޑު ކުރެވޭ ގޮތަށް އޮކްޓޯބަރު 12، ގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ.

ސަރުކާރުން ރިކޯޑެއް ހަދަން މަސައްކަތް ކުރާއިރު، ގައުމުގެ އިގްތިސާދު އޮތީ ނިކަން ނާޒުކު ހާލަތެއްގަ އެވެ. މި ސަރުކާރު ވެރިކަމަށް އައި ފަހުން ޕްރައިވެޓް ކޮންޓްރެކްޓަރުންނަށް ފައިސާ ދިނުން އޮތީ މަޑުޖައްސާލައިފަ އެވެ. އެ ފައިސާ ދިނުމަށް މިހާރު ފައިސާ ޗާޕު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ދިވެހި އިގްތިސާދުގައި ވަރު ނެތުމުގެ ސަބަބުން ތަކެތީގެ އަގު ވެސް އިންތިހާއަށް ވަނީ އުފުލިފަ އެވެ. ހިސާބުތަކުން ދައްކާ ގޮތުގައި އޯގަސްޓު، 2024، އިން ފެށިގެން އަހަރެއްގެ ތެރޭގައި އިންފްލޭޝަން ވަނީ 4.14 ޕަސެންޓު އުފުލިފަ އެވެ.

އަންނަ އަހަރު ސަރުކާރުން މަދުވެގެން 1.2 ބިލިއަން ޑޮލަރުގެ ލޯނު ވެސް ދައްކަންޖެހެ އެވެ. އެ ލޯނުތައް ދެއްކޭނެ ފަސޭހެ މަގެއް ނެތް ކަމަށް މާލީ ތަޖުރިބާކާރުން ބުނެ އެވެ. އޭގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކާއި އިންޑިއާ އަދި ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox