މޫސުމާ ބެހޭ ގައުމީ އިދާރާގެ ޑޮޕްލާ ވެދާ ރާޑަރު މަރާމާތަށް ފަހު އަލުން ބޭނުން ކުރަން ފަށައިފި އެވެ.
އެ ރާޑަރު އަލުން ބޭނުން ކުރަން ފަށާފައި މިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކަށް ފަހު ބޭނުން ނުކޮށް ހުންނަތާ ގިނަ ދުވަސްތަކަކަށްފަހު އެވެ.
ޑޮޕްލާ ވެދާ ރާޑަރަކީ ދުނިޔެގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މޫސުން ބެލުމަށް ބޭނުން ކުރާ އެންމެފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރާ ރާޑަރެކެވެ. އެ ރާޑަރު ބޭނުން ކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
"މި ރާޑަރުގެ އެހީގައި، ވާރޭ ވެހެމުންދާ ސަރަހައްދާއި ވާރޭ ވެހޭ ބޯމިން، ވާރޭބެހޭ ވިލާގަނޑު ދަތުރު ކުރަމުންދާ މިސްރާބާއި ބާރުމިން ފަދަ މައުލޫމާތުތައް ބަލައިލެވި ވިލާގަނޑު ވަކި ސަރަހައްދަކަށް ލައްވާލާނެ ކަމަށް އަންދާޒާ ކުރެވޭ ދެނެގަނެވޭނެ އެވެ." އެ އިއުލާނުގައި ބުނެފައިވެ އެވެ.
މެޓް އޮފީހުން ބުނީ އެ މައުލޫމާތަކީ ވައިގެ ދަތުރުފަުތުގެ ސަލާމަތާއި ރައްކާތެރި ކަމަށް ފޯރުކޮށްދެވޭ ވަރަށް މުހިންމު މައުލޫމާތުތަކަކަށް ވެގެންދާނެ ކަމަށެވެ.

އެ ރާޑަރު ހަލާކުވިޔަ ނުދީ ގިނަ ދުވަހު ބޭނުން ކުރެވޭ ގޮތަށް މަރާމާތު ކުރުމާއި ރާޑަރު ނެޓްވޯކް ފުޅާކޮށް ރާއްޖޭގެ ދެކުނާއި އުތުރުގައި ވެސް ރާޑަރުތަކެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އޮފީހުން ބުންޏެވެ.












