މެރިކަލްޗާގެ ވިޔަފާރިތައް ތަރައްގީ ކުރުމުގެ ބޭނުމުގައި ހެޗަރީތަކެއް ހަތަރު ޒޯނެއްގައި ހަދަން ނިންމައި، ފާނަ އާލާ ކުރަން ވެސް ބޮޑު ސަރަހައްދެއް ހަމަޖައްސަން ސަރުކާރުން އަންގާރަ ދުވަހު ނިންމައިފި އެވެ.
ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި މެރިކަލްޗާގެ ވިޔަފާރިތައް ގާއިމު ކުރަން ހެޗަރީތައް ބިނާކޮށް، ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާހައުލުގައި ބޮޑު ކުރަން ފޮރިން އިންވެސްޓްމަންޓްތައް ހިމެނޭހެން އާންމުކޮށް ހުޅުވާލައިގެން ވަކި ޒޯނުތަކެއް މެރިކަލްޗާ ތަރައްގީ ކުރަން ވަނީ ކަނޑައަޅާފަ އެވެ.
މެރިން ކަލްޗާ ތަރައްގީ ކުރާ ޒޯންތައް:
ބޮޑުތިލަދުންމަތި ހދ. އަތޮޅު އަދި ށ. އަތޮޅު މެރިކަލްޗާ ޒޯން.
- މާޅޮސްމަޑުލު އުތުރުބުރީ ރ. އަތޮޅު މެރިކަލްޗާ ޒޯން.
- މުލަކަތޮޅު މ. އަތޮޅު މެރިކަލްޗާ ޒޯން.
- ކޮޅުމަޑުލު ތ. އަތޮޅު މެރިކަލްޗާ ޒޯން.
މާލެއަތޮޅު ދެކުނުން، ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް ހަތް ކިލޯމީޓަރު ދެކުނުން އޮތް ޖުމްލަ 73 ހެކްޓަރުގެ ފަރުގެ ސަރަހައްދަކީ ކޮމާޝަލް ސްކޭލެއްގައި ފާނަ އާލާކުރުމުގެ މަސައްކަތް ހިންގުމަށް ހާއްސަ ކުރެވޭ މޫދު ކޮށީގެ ސަރަޙައްދެއްގެ ގޮތުގައި ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ކަނޑަ އަޅާފަ އެވެ.
އޭގެއިތުރުން މެރިކަލްޗާ ކުރުމަށް ކަނޑައަޅާ ޒޯނުތައް ކުއްޔަށް ދިނުމުގައި އަމަލު ކުރާނެ އުސޫލުތަކެއް ކަނޑައަޅާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.













