ސަރުކާރުގެ ކޮރަޕްޝަން ވާހަކަތަކާ ގުޅިގެން ޕީއެންސީގެ ޕީޖީ ގުރޫޕު ހޫނުވެއްޖެ

ޕީއެންސީގެ ޕީޖީ ގުރޫޕު ދެ ފެކްޝަނަކަށް ބައިވެ، ބަހުސް ވަނީ ހޫނުވެފައި -- އާޓްވޯކް: އިސްމާއިލް އިމްދާދު / އަދަދު

ޕީއެންސީގެ ޕީޖީ ގުރޫޕު ދެ ފެކްޝަނަކަށް ބައިވެ، ބަހުސް ވަނީ ހޫނުވެފައި -- އާޓްވޯކް: އިސްމާއިލް އިމްދާދު / އަދަދު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ހިންގާ ކޮރަޕްޝަންތަކާ ގުޅިގެން ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕު މިއަދު ހޫނުވެއްޖެ އެވެ.

ޕީއެންސީ ޕީޖީގެ ވަޓްސްއެޕް ގުރޫޕުގައި ބަހުސް ފުރަތަމަ ފެށުނީ ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް ފެނަކައަށް ސްޕެއާތަކެއް ގަންނަން އުޅޭ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކެއް މެންބަރަކު އެ ގުރޫޕަށް ހިއްސާ ކުރެއްވުމުންނެވެ.

ކޮރަޕްޝަންގެ ވާހަކަތަކާ ގުޅިގެން ބަހުސް ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވަފާތެރި މެންބަރުންނާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ވަފާތެރި މެންބަރުންގެ މެދުގަ އެވެ.

ސަރުކާރު ތެރޭގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގަމުން ދާކަމަށް ވިދާޅުވެ އެކަމާ ދެކޮޅަށް ރައީސްއަށް ވަފާތެރި މެންބަރުން ވާހަކަދެއްކެވިއިރު، އަބްދުއްރަހީމްއަށް ވަފާތެރި މެންބަރުން ވަޑައިގެންނެވީ ނުސީދާކޮށް ރައްދު ދެއްވަމުންނެވެ.

"ގޯހަކީ ގޯސްކަން ގަބޫލުކޮށް، އިސްލާހު ކުރުމަކީ މެންބަރުންގެ ކިބައިން ވޯޓާސް [ކުރާ] އުއްމީދެއް، އަބަދުވެސް ހުޝާމަދު ކުރަމުން ގޮސް، ކުރިން ވެސް ވެރިކަން ހަލާކުވީ، އަޅުގަނޑުމެން މިއީ ފުއްޕާހަން ފުއްޕާ ޕެނަޑޯލް ބަންދުކުރި މީހުން، މި ވެރިކަން ވެއްޓެން ބޭނުން ނުވާތީ މިހެން މި ކިޔަނީ، ހުސް ވަގުން، އޭރުވެސް މިހާރުވެސް، ލަދުން ބޯހަލާކު" މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެފައިވެ އެވެ.

އޭނާގެ ވާހަކަތަކަށް ބާރު ދެއްވައި މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އަސްމާ ރަޝީދު ވިދާޅުވީ ސަރުކާރުގައި ހިނގާ ކޮރަޕްޝަންގެ ސަބަބުން އާހިރުގައި ހުރިހާ ގެއްލުމެއް ލިބޭނީ ރައީސް މުއިއްޒުއަށް ކަމަށެވެ.

"އަޅުގަނޑުމެންނަކީ ދުވާލު ހަތަރުދަމު ސަރުކާރު ދިފާއު ކުރާނެ މީހުން، ކީއްތޯ ވާނީ އަޅުގަނޑުމެން މިދައްކަވާ ވާހަކަތައް އަޑުއަހައި ގަބޫލު ކުރިއްޔާ، އެބަ އެނގޭ ކޮރަޕްޝަން ހިނގާކަން، އަޅުގަނޑުމެން ހެކި ދައްކަފާނަން، މީގެ ހުރިހާ ގެއްލުމެއް ލިބެނީ ރައީސްއަށް، ކަމެއް ގޯސްކޮށް ހިނގާނަމަ އެ ވާހަކަ ނުދައްކައި، ފަހުން ނުކުންނަ ނަތީޖާ މާ ގޯސްވާނެ، ބުއްދިވެރި ގޮތަކީ ވާހަކަދެކެވި ރަނގަޅު ހައްލެއް ލިބިގެން ދިޔުން،" މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު، އަސްމާ ރަޝީދު ވިދާޅުވެފައިވެ އެވެ.

ސަރުކާރު ތެރޭގައި ހިންގާ ކޮރަޕްޝަންގެ ވާހަކަތަކާ ދެކޮޅަށް ޕީއެންސީގެ މަޖިލިސް މެންބަރުން ވާހަކަދައްކަން ފެށްޓެވުމުން އަބްދުއްރަހީމްއަށް ވަފާތެރި ބައެއް މަޖިލިސް މެންބަރުން ވަނީ ރައީސްއަށް ތައުރީފު ކޮށްފައި ހުރި ބައެއް ޕޯސްޓުތައް އެ ގުރޫޕަށް އަޅައިފަ އެވެ. އެކަމަށް ރައްދު ދެއްވައި ރައީސްއަށް ވަފާތެރި މެންބަރުން ވިދާޅުވެފައި ވަނީ އެ ޕޯސްޓުތައް އަޅަނީ މައުލޫއު އޮޅުވައިލަން ކަމަށެވެ.

"ފެނަކަ ހިންގަވާވަރުން ބޯހަލާކު،" އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝިފާޒް ވިދާޅުވެފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވާ ފެނަކައިގެ ބިލަށް އިޝާރަތް ކުރައްވައި މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނައުފަލް ވިދާޅުވީ އެފަދަ ބިލެއް އޭނާގެ ދާއިރާއަށް ނުހެދުމަށެވެ.

ރައީސްއަށް ވަފާތެރި މެންބަރުން ދައްކަވަމުންދިޔަ ވާހަކަތަކާ ގުޅިގެން ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ވިދާޅުވީ ބަދަހި ބައެއްގެ ގޮތުގައި މެންބަރުން މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ. ރައީސްއަށް ވަފާތެރި ބައެއް މެންބަރުންނަށް ރައްދު ވެސް އޭނާ ދެއްވި އެވެ.

ފެނަކައިގެ ބިލުތަކަށް ރިޕްލައި ކުރައްވައި، ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން ޝަރީފު ވިދާޅުވީ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގައި ވެސް އޮތީ ކޮރަޕްޝަނާއި ވައްކަން ކަމަށެވެ. އަދި، އެކަން ދިފާއުކޮށް ހުޅުވޭނީ ކޮން އަނގައެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

އެ ބަހުސްގެ ތެރެއިން އަބްދުއްރަހީމްއަށް ވަފާތެރި މެންބަރެއްގެ ގޮތުގައި ފާހަގަކުރެވޭ، ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިސްމާއިލް ވިދާޅުވީ ގޯސްކޮށް ކަންތައްތަކެއް ހިނގާނަމަ، އެ މައްސަލަތައް ހުށަހަޅަން ޖެހޭނީ އެކަންކަން ހައްލު ކުރެވޭނެ ބަޔަކަށް ކަމަށެވެ.

"ކަންކަން ގޯސްކޮށް ހިނގާނަމަ އެކަމެއް ހިއްސާ ކުރަންވާނީ އެކަމާ ގުޅުންހުރި ފަރާތްތަކަށް ނުވަތަ ހައްލު ކުރެވޭނެ ފަރާތްތަކަށް،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

ޕީއެންސީ ޕީޖީ ގުރޫޕުގައި ހިނގި ބަހުސް އާ ގުޅިގެން މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުންގެ މެދުގައި ހޫނު ބަހުސްއެއް ހިނގާފައި މިވަނީ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަކަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައި ވަނިކޮށެވެ. އެގޮތުން ފެނަކައިގެ އިތުރުން އެޗްޑީސީ އާއި ސްޓެލްކޯ އަދި، ފިއުލް ސަޕްލައި މޯލްޑިވްސްއަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ އަޑު މިފަކަށް އައިސް އަންނަނީ ގަދަވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox