ދ. ކުޑަހުވަދޫގައި ފެށި ސްމާޓް މީޓަރު ހަރުކުރުމުގެ ޕްރޮޖެކްޓު ނިންމައި އެ މީޓަރުތައް އިފުތިތާހުކުރަން ބޭއްވި ހަފުލާއަށް ފެނަކަ ކޯޕަރޭޝަނުން 200،000ރ. ހަރަދުކުރި ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ފެނަކައިން އެ ހަފުލާ ބޭއްވީ އޯގަސްޓު 27، ގަ އެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދުގެ އިތުރުން އެންވަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވެސް އެ ހަފުލާގައި ބައިވެރިވި އެވެ. މީޓަރު އިފުތިތާހު ކުރަން ވަރަށް ބޮޑު ރަސްމިއްޔާތެއް ބޭއްވި އެވެ.
އެ ހަފުލާއަށް ފެނަކައިން ކުރި ހަރަދު ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެދުނީ މި ނޫހުން އޯގަސްޓު 28، ގަ އެވެ. އެ ކުންފުނިން ހަރަދުގެ ތަފުސީލުތަށް ދޫކުރި ގާނޫނުގައިވާ މުއްދަތު ހަމަވެ، އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނުގެ އޮފީހަށް ހުށަހަޅާފައިވަނިކޮށް މިއަދު އެވެ.
އެ މައުލޫމާތު ތަކަށް ބަލާއިރު އެ ހަފުލާއަށް ފެނަކައިން ޖުމްލަ 201،776ރ. ހަރަދުކުރި އެވެ.
ހަރަދުގެ ތަފުސީލު
- އެކޮމޮޑޭޝަން ހަރަދު: 11،500ރ.
- ވައިގެ ދަތުރުގެ ހަރަދު: 42،768ރ.
- ކޭޓަރިން ހަރަދު: 22،680ރ.
- އިވެންޓަށް ކުރި ހަރަދު: 118،228ރ.
- ފުޑް އެލަވަންސް: 6،600ރ.

ކުޑަހުވަދޫގައި ބެހެއްޓި ސްމާޓް މީޓަރު އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ވަނީ ސްމާޓު މީޓަރު އެޕްލިކޭޝަނެއް ވެސް ތައާރަފުކޮށްފަ އެވެ.
ފެނަކައިން އެފަދަ ބޮޑު ހަރަދެއް ކޮށްފައި މިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުން ހަރަދު ކުޑަކުރުމަށް އަންގާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަންގާފައިވަނިކޮށެވެ. ޕީސީބީން ކުންފުނިތަކަށް ސާކިއުލާއެއް ފޮނުވީ ސެޕްޓެމްބަރު 3، ގަ އެވެ.
އެ ސާކިއުލާ ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިވަގުތަށް ހުއްޓާލުން އެންގުން ހިމެނެ އެވެ.













