ސޯޝަލް މީޑިއާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު ޝިފާން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒުއާ ދެކޮޅަށް ނުރައްކާތެރި އިންޒާރުތަކެއް ދިން މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާ ކަމަށެވެ.
ރައީސް "މަރާލާނެ" ކަަމަށް ބުނެ މީހަކު ކޮމެންޓު ކުރީ އެމަނިކުފާނު އދ. ގެ ގައުމީ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދާ އިވެންޓެއްގައި ތަގުރީރު ކުރައްވާ މަންޒަރު ފޭސްބުކް މެދުވެރިކޮށް ގެނެސްދެމުންދިޔަ ލައިވް އެއްގަ އެވެ.
ރައީސް އަށް އިންޒާރުދިނީ އަސްލު އެކައުންޓަކުން ކަމެއް ނުވަތަ މީހެއްގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ހިންގާ ފޭކު އެކައުންޓަކުން ކަމެއް ކަށަވަރެއް ނުވެ އެވެ. ފުލުހުންގެ އެކަމާ ގުޅިގެން ބަހެއް ނުބުނެ އެވެ.
އދ. ގެ ގައުމީ އާންމު މަޖިލީހާއި ސަލާމަތީ މަޖިލީހުގައި ބައިވެރިވެޑައިގަތުމަށް ރައީސް މުއިއްޒު މިހާރު ހުންނެވީ އެމެރިކާގެ ނިއުޔޯކުގަ އެވެ.













