އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް އިއްޔެ ވަޑައިގަތެވެ.
އެމެރިކާއަށް ވަޑައިގެންނެވުމުން ރައީސް މުއިއްޒުއަށް މަރުހަބާ ވިދާޅުވީ، ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަލީ ނަސީރު މުހައްމަދު އެވެ.
ރައީސްގެ މި ދަތުރުގައި އދ. ގެ އާންމު މަޖިލީހުގެ އެކި ބައްދަލުވުންތަކުގައި ތަގުރީރުކުރައްވައި، އދ. ގެ ސަލާމަތީ މަޖިލީހުގެ ހާއްސަ ބަހުސެއްގައި ވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެ އިތުރުން އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ "ސަމިޓް އޮފް ދަ ފިއުޗަ" ގައި ބައިވެރިވެވަޑައިގެން، ޕްރިންސްޓަން ޔުނިވާސިޓީގެ ދަރިވަރުންނާ އެ މަނިކުފާނު މުހާތަބު ކުރައްވައި ތަގުރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

މިއީ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް މުއިއްޒު އެމެރިކާއަށް އަދި އދ.އަށް ކުރައްވާ ފުރަތަމަ ދަތުރެވެ.













