"ރައީސް ވަޑައިގަންނަވަނީ ފައިސާ ހޯދުމުގެ މަޝްވަރާތަކަށް، އިންޑިއާ އޮތީ އެހީވާން ތައްޔާރަށް"

އާޓް ވޯކް: ރައްޔާން މުހައްމަދު / އަދަދު

އާޓް ވޯކް: ރައްޔާން މުހައްމަދު / އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ވަޑައިގަންނަވަނީ މާލީ ކާރިސާއިން އަރައިގަތުމަށް ފައިސާގެ އެހީ ހޯދުމަށް މަޝްވަރާ ކުރަން ކަމަށް އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

"ވަރަށް އަވަހަށް" ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ބުނީ ސެޕްޓެމްބަރު 10، ގަ އެވެ.

"ރައީސުލްޖުމްހޫރިއްޔާ ވަރަށް އަވަހަށް އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވޭ. ދިވެހިރާއްޖެ އާއި އިންޑިއާއާ އެކީގައި މިވަގުތު އެންމެ ރަނގަޅު ތާރީހަކީ, އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް މިދަނީ," އެ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ.

މި ދަތުރާ ގުޅިގެން "ބްލޫމްބާގް" އަދި އިންޑިއާގެ "އިކޮނޮކިމް ޓައިމްސް" ގައި އެ ގައުމުގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ، ރާއްޖެއަށް އެހީވުމުގެ ގޮތުން ރިޒާވް ބޭންކް އޮފް އިންޑިއާ އިން 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ނަން ހާމަނުކުރަން ޝަރުތުކޮށް ބައިނަލްއަގުވާމީ މީޑިއާތަކަށް މައުލޫމާތު ދިން އިންޑިއާގެ އޮފިޝަލު އިތުރަށް ބުނީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން އިންޑިއާއާއެކު 2019 ވަނަ އަހަރު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ރާއްޖެއަށް ލޯނު ދޫކުރުމަކީ ވެސް އެ ގައުމުން ފޯރުކޮށްދޭން ތައްޔާރަށް އޮތް އެހީއެއް ކަމަށެވެ.

ރަސްމީކޮށް އިންޑިއާގެ މާލީ އެހީއަށް ރައީސް މުއިއްޒުގެ ސަރުކާރުން އެދިފައިވާކަން ސާފެއް ނޫނެވެ. ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެމަނިކުފާނު ދިއްލީއަށް ވަޑައިގެން ކުރައްވާނެ އެންމެ މުހިންމު މަޝްވަރާއަކީ ފައިސާ ހޯދުމުގެ މަޝްވަރާ އެވެ.

މިއީ މި ފަހުން މާލީ މަޝްވަރާތަކަށް ސީދާ ރައީސް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ވޭތުވެދިޔަ ދެތިން މަހެއް ތެރޭ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ޗައިނާ، ބަހްރެއިން، ސައުދީ އަދި ޔޫއޭއީގެ ވެރިންނަށް މާލީ ހާލަތު ބަޔާންކޮށްދީ ރައީސް ފޮނުއްވި ސިޓީއެއް އަރުއްވާފަ އެވެ. އެކަމާ ގުޅޭ މަޝްވަރާތައް ވެސް ކުރެއްވި އެވެ.

ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާއާ އެކީ 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް ފެސިލިޓީއެއް ގާއިމުކުރުމަށް ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އޮގަސްޓު 29، ގައި ވަނީ ބުނެފަ އެވެ.

ރޭޓިން އެޖެންސީ، ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރުމާ ގުޅިގެން މަރުކަޒީ ބޭންކުން ނެރުނު ބަޔާނުގައި އެހެން ބުނި ނަމަވެސް އެކަމުގެ ތަފުސީލެއް ފަހުން ނުދެ އެވެ.

ސަރުކާރުން ރައީސްގެ ދަތުރާ ގުޅޭ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެކުގައި ވަޑައިގަންނަވާ ވަފުދުގައި ހިމެނޭ ބޭފުޅުންނެއް ވެސް ނޭނގެ އެވެ.

ނޮވެމްބަރު، 2023، ގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުން އެނބުރި މާލެ ވަޑައިގެން އިންޑިއާއަށް ނުސީދާކޮށް ބަހުގެ ހަމަލާތަކެއް ދެއްވި އެވެ. އޭގެ އިތުރުން, ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މޯދީއަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްތަކެއްގެ ސަބަބުން ދެ ގައުމުގެ ގުޅުން ގޯސްވި އެވެ.

ނަމަވެސް, މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގެންނެވިފަހުން ދެ ގައުމުގެ ގުޅުން ދަނީ ރަނގަޅުވަމުންނެވެ.

ސަރުކާރުގެ މާލީ ހާލަތު ގޯސްވެފައިވާއިރު ރާއްޖޭން ދައްކަން ޖެހޭ ދަރަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ އެއް ގައުމަކީ އިންޑިއާ އެވެ. ބެލެވޭ ގޮތުގައި ރައީސްގެ މި ދަތުރުގައި ސަރުކާރުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އިންޑިއާގެ އެއްބާރުލުމަށް އެދިވަޑައިގަންނަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox