މި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި، ޝޮޕިން މޯލެއްގެ ތެރޭގައި ހުންނަވަނިކޮށް ފޮޓޯއެއް ނެގި ކަމުގެ ތުހުމަތުގައި ދިވެއްސެއްގެ ފޯނު ހިފަހައްޓައިފި އެވެ.
"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ އެ މީހާ ސިންގަޕޫރުން އައިސް ފްލައިޓުން ފޭބި ވަގުތު ހަ ވަރަކަށް ފުލުހުން ވެގެން އޭނާ ވަށާލައި، ކޯޓު އަމުރު ދެއްކުމަށް ފަހު އެ މީހާގެ ފޯނު ވަނީ ހިފަހައްޓާފަ އެވެ. އެ މީހާއާ ސުވާލުކުރުމަށް ފަހު ފުލުހުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.
މި މައްސަލައިގައި އޭނާގެ ފޯނު ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދިގެން އެކޯޓުން އަމުރެއް ނެރުނީ އިއްޔެ އެވެ. ކޯޓުން އަމުރު ނެރުނީ ގާނޫނުލްއުގޫބާތުގެ 231 ވަނަ މާއްދާއާ 233 ވަނަ މާއްދާއާ 615 ވަނަ މާއްދާގެ ހަތަރު ވަނަ ނަމްބަރުގެ ދަށުންނެވެ. އެ މާއްދާތަކުގައި ހިމެނާ ކުށްތަކަކީ:
- 231 ވަނަ މާއްދާ - މީހުން ދައްކާ ވާހަކަ ސިއްރުން އަޑު އެހުމާއި ފާރަލުން
- 233 ވަނަ މާއްދާ - ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރުން
- 615 ވަނަ މާއްދާގެ ހަތަރު ވަނަ ނަމްބަރު - އާންމު ތަނެއްގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިޔުން.
ބެލެވޭ ގޮތުގައި މި މައްސަލައިގައި ހިމެނޭ ފޮޓޮއަކީ، ސޯޝަލް މީޑިއާގައި ކާކުކަން ނޭނގޭ ގޮތަށް ހިންގާ "ހަސަން ކުރުސީ" އެކައުންޓުން އާންމުކުރި ފޮޓޯއެކެވެ.
އެ ފޮޓޯގައި ފެންނަނީ ރައީސް މުއިއްޒު އާއި އާއިލާ، އެމްއެންޑީއެފްގެ ސެކިއުރިޓީ ޑީޓެއިލްއާއެކީ ޕެރެގަން މެޑިކަލް ސެންޓަރުގެ މޯލް ތެރޭގައި ހިންގަވާފައި ވަޑައިގަންނަވާ މަންޒަރެވެ. ރައީސް ސިންގަޕޫރަށް ވަޑައިގެންނެވީ އަމިއްލަ ދަތުރެއްގައި، މެޑިކަލް ޗެކަޕަކަށެވެ.

ރައީސްގެ މި ފޮޓޯ ނެގި މައްސަލައިގައި ފޯނު ހިފަހައްޓަން އަމުރުކުރި، މީގެ ދުވަސްކޮޅެއް ކުރިން އެމަނިކުފާނު ކޮފީއެއްގައި އިންނަވަނިކޮށް ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި މީހަކު ފޮޓޯއެއް އާންމުކުރި ނަމަވެސް އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.
titledesc












