ރިޔާސީ ލޯންޗު "ފިނިފެންމާ" ގޮއްވާލުމުގެ އަޑީގައި ހުންނެވީ ޔާމީން ކަމަށް އަބްދުއްރަހީމް ތުހުމަތު ކުރައްވައިފި

Aug 27, 2024, 5:28 PM
އަބްދުއްރަހީމް: ވިދާޅުވީ ލޯންޗު ގޮއްވާލުމަކީ ޔާމީން ކުޅުއްވި ޑްރާމާއެއް ކަމަށް ސުވާލު އުފައްދަންޖެހޭ ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އަބްދުއްރަހީމް: ވިދާޅުވީ ލޯންޗު ގޮއްވާލުމަކީ ޔާމީން ކުޅުއްވި ޑްރާމާއެއް ކަމަށް ސުވާލު އުފައްދަންޖެހޭ ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރިޔާސީ ލޯންޗު "ފިނިފެންމާ" 2015 ވަނަ އަހަރު ގޮއްވާލުމުގެ އަޑީގައި ހުންނެވީ އެއިރުގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތުހުމަތު ކުރައްވައިފި އެވެ.

"ސަންގު" ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވެރިކަން ހިންގާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ، ޔާމީން އާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމް ސެޕްޓެމްބަރު 28، 2015، ގައި ހުޅުލެއިން މާލެއަށް ދަތުރު ކުރެއްވި ލޯންޗު ގޮއްވާލުމުގެ އަޑީގައި ހުރީ ޔާމީންތޯ ސުވާލު އުފައްދަންޖެހޭ ކަމަށެވެ.

"ޔާމީން ވިދާޅުވީ ތިމަންނައަށް އިންޓެލިޖެންސް އެއްވެސް މައުލޫމާތެއް ނުދޭތާ ހަ މަސް ދުވަސް ފަހުންނޭ ބޮން ގޮވީ. މިއަދު [ކުރީގެ ޕޮލިސް ކޮމިޝަނަރު] ހުސެއިން ވަހީދު އެންމެ އަރިހުގައި [ހުންނެވީ]، އެންމެ އިތުބާރު ކުރައްވަނީ. އެހެންވީމަ މިއަދު ހަމަ އެބަ ދަންނަވަންޖެހޭ، ސުވާލު އުފައްދަންޖެހޭ ފިނިފެންމާ ލޯންޗު ގޮއްވާލުން މިއީ އަނެއްކާ ޔާމީން އިސްވެ ހުރެގެން ކުޅުނު ޑްރާމާއެއް ނޫންބާވައޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، "ފިނިފެންމާ" ގޮއްވާލުމުގެ ހާދިސާއަކީ ޔާމީން ކުޅުއްވި ޑްރާމާއެއް ނޫންތޯ ވެސް ސުވާލު އުފައްދަންޖެހޭ ކަމަށެވެ.

"މިހާރު ބައެއް ފަހަރު އެބަ ހީވޭ، އަޅުގަނޑަށް ހަމަ މިއަދު ދަންނަވަން ކެރިދާނެ ފިނިފެންމާ ލޯންޗު ގޮވުން މިއީ މިހާރު ޔާމީން ކުޅުނު ޑްރާމާއެއް ނޫންބާވައޭ. އެ ހިސާބަށް ޔާމީނުގެ ވާހަކަ ހިނގައްޖެ. އަޅުގަނޑުމެން އެންމެން ކައިރީގައި ޔާމީން ވިދާޅުވީ ލޯންޗު ގޮއްވާލީމާ ތިމަންނާއަށް ބޭރަށް ނުކުމެވުނީމަ ބޮޑު ފާލަމާ ދިމާލަށް ބަލާލިއިރު އެތަނުގައި ހުއްޓޭ ނޫ ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު، ތިމަންނައަށް ވަގުތުން އެނގުނޭ އޭނަކަން އެކަން ކުރީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީން 2008 ގައި އުފެއްދެވި ޕާޓީ ޕީޕަލްސް އެލަޔަންސް ގައި ވެސް އިސް ރޯލެއް އަދާ ކުރައްވައި، ކުރިން ޔާމީންއާއެކު ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި އަބްދުއްރަހީމް އެ އިންޓަވިއުގައި އިތުރަށް ވިދާޅުވީ، ކުރީގެ ރައީސްއަކީ "ސިޔާސީ ގޮތުން ވަރަށް ތަންދޮރު ނުދަންނަ ބޭފުޅެއް" ކަމަށެވެ.

"އަޅުގަނޑު ކުރީގަ ހިތަށް އަރާ ހަމަ ހަގީގަތުގައި ވެސް ހާދަ ސްމާޓް ބޭފުޅެކޭ ޔާމީންއަކީ. އެކަމަކު މިއަދު މިހާލަތަށް އައީމަ މި އެނގެނީ ވަރަށް ތަންދޮރު ނުދަންނަ ބޭފުޅެކޭ ޔާމީންއަކީ،" އަބްދުއްރަހީމް ވިދާޅުވި އެވެ. "ސިޔާސީ ގޮތުން ވަރަށް ތަންދޮރު ނުދަންނަ ބޭފުޅެއް ޔާމީންއަކީ."

ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު، 2023، ގައި ވެރިކަމަށް ވަޑައިގެންނެވީ އެއިރު ހުކުމެއްގައި ހުންނެވި ޔާމީން އިންތިހާބުގައި ވާދަ ކުރެއްވުމަށް ޝަރުތު ހަމަނުވުމުންނެވެ. ޔާމީން މިނިވަން ކުރުމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް އެންމެ ހަފުތާއެއްގެ ތެރޭގައި ރައީސް މުއިއްޒާއި ޔާމީންއާ ދެމެދު ވަނީ މައްސަލަ ޖެހިފަ އެވެ.

އޭގެ ފަހުން ޔާމީން ވަނީ ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވައިފަ އެވެ. އަދި މިހާރު އެމަނިކުފާނު ހަރަކާތްތެރިވެވަޑައިގަންނަވަނީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ލީޑަރުގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox