ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު މެންބަރުކަމުން ވަކިކުރި ކަމަށް ބުނެ އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ސިޓީއެއް ފޮނުވައިފި އެވެ.
ބޯޑު މެންބަރުކަމުން އައިޝަތު ނޫރައްދީން ވަކިކުރި ކަމަށް ބުނެ ބުރާސްފަތި ދުވަހު އޭނާއަށް ޕީސީބީން ސިޓީއެއް ފޮނުވިކަން، އެކަމުގެ މައުލޫމާތު އެނގޭ އިތުބާރު ހުރި މަސްދަރުތަކުން "އަދަދު" ކަށަވަރު ކޮށްދިނެވެ.
އައިޝަތު ނޫރައްދީން ވަކި ކުރި ކަމަށް ބުނެ އޭނާއަށް ސިޓީއެއް ފޮނުވާފައި މިވަނީ ސަރުކާރުގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސް އެކި މުއާމަލާތްތަކަށް ބީއެމްއެލުން ދޫކުރާ ޑޮލަރުގެ އަދަދަށް ވެސް ބަދަލު ގެންނަން ޖެހިފައިވާ ކަމަށް އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. އަދި މި މަހުގެ މުސާރަ ވެސް ދޭން ދަތިވެފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.
އެކަމުގެ މައުލޫމާތު އެނގޭ ބައެއް މީހުން "އަދަދު" އަށް ބުނީ އައިޝަތު ނޫރައްދީން ވަކިކުރި ކަމަށް ބުނެ ސިޓީ ފޮނުވީ މާލީ ދަތިކަމުގެ މި ހާލަތުގައި ވެސް ސަރުކާރުން ބޭނުންވާ ގޮތަށް ކަން ކުރުމަށް އިންކާރު ކުރައްވާތީ ކަމަށެވެ.
ބީއެމްއެލްގެ ބޯޑު މެންބަރުކަމުން ވަކިކުރި ކަމަށް ބުނެ އައިޝަތު ނޫރައްދީނަށް ޕީސީބީން ސިޓީއެއް ފޮނުވި ނަމަވެސް އެގޮތަށް ބޯޑު މެންބަރުން ވަކި ކުރާކަށް އެ ބޭންކުގެ ހިންގާ ގަވާއިދު ތަނެއް ނުދެ އެވެ.

ބީއެމްއެލްގެ ހިންގާ ގަވާއިދުގައި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާ ގޮތާއި ޑިރެކްޓަރުންގެ މަގާމުގެ މުއްދަތާއި އެ މުއްދަތު ހަމަނުވަނީސް ޑިރެކްޓަރުން މުސްކުޅި ކުރުމާއި ނާގަބިލުވުމާއި ވަކިކުރުމުގެ ހަމަތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.
ބޭންކުގެ ޑިރެކްޓަރުން މުސްކުޅި ކުރުމާއި ނާގަބިލުވުމާއި ވަކިކުރުމާ ގުޅޭ ކަންކަން ބަޔާންކޮށްފައިވަނީ ހިންގާ ގަވާއިދުގެ 57 ވަނަ މާއްދާގަ އެވެ. އެ މާއްދާގައި ބޭންކުގެ ޑިރެކްޓަރުންގެ މަގާމު ހުސްވާނެ 10 ހާލަތެއް ބަޔާންކޮށްފައިވެ އެވެ. މީގެ ތެރޭގައި ޕީސީބީއަށް، އަދި ސަރުކާރުން ބޭނުންވިކަމުގައިވިޔަސް، ޑިރެކްޓަރުން ވަކިކުރެވޭނެ ގޮތެއް ނެތެވެ.
ސަރުކާރުން ބޭނުންވެގެން ބޭންކުގެ ޑިރެކްޓަރުން ވަކިކުރެވޭނީ ކުރިން ބުނި މާއްދާގެ (ބ)ގެ ދަށުންނެވެ. އެއީ އާންމު ހިއްސާދާރުންގެ ހާއްސަ ޖަލްސާއެއްގައި ބައްދަލުވުމަށް ހާޒިރުވެފައި ތިބި ހިއްސާދާރުންގެ 51 ޕަސެންޓު އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުންނެވެ. މިއީ ބޭންކުގެ މައި ހިއްސާދާރުގެ ހައިސިއްޔަތުން އާންމު ހިއްސާދާރުންގެ ވޯޓާ ނުލައި ވެސް ސަރުކާރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ.
ބޭންކުގެ ހިންގާ ގަވާއިދުގެ 56 ވަނަ މާއްދާގައި އޮންނަ ގޮތުން ބޭންކުގެ ޑިރެކްޓަރަކަށް އައްޔަނުކުރާ މީހަކު ހިންގާ ގަވާއިދާ އެއްގޮތަށް ވަކިނުކުރާހާ ހިނދަކު ދެން ޖެހިގެން އަންނަ އަހަރީ އާންމު ޖަލްސާއާ ހަމައަށް ޑިރެކްޓަރެއްގެ މަސްއޫލިއްޔަތު އަދާކުރަން ޖެހެ އެވެ. އެހެންކަމުން އެއްވެސް ޑިރެކްޓަރަކު ވަކިކުރެވޭނީ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިންކަން އެނގެ އެވެެ.
މީގެ ކުރިން، މިދިޔަ ޖެނުއަރީ 25 ގައި ވެސް ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލު ކުރައްވާ ހުރިހާ ނޮން-އެގްޒެކެޓިވް މެމްބަރުން އެ މަގާމުތަކުން ވަކިކުރި ކަމަށް ބުނެ ސިޓީ ފޮނުވި އެވެ.
ނަމަވެސް ބޭންކުގެ ހިންގާ ގަވާއިދުގައި އެގޮތަށް އަމަލު ކުރަން ތަން ނުދޭތީ އެފަހަރު ވެސް އެ ނިންމުން ބަދަލު ކުރީ އެވެ.
އައިޝަތު ނޫރައްދީނަކީ އެ ބޭންކުގެ އެންމެ ދުވަސްވީ އެއް މުވައްޒަފެވެ. އެ ބޭންކުގެ ވަޒީފާއާ އައިޝަރު ނޫރައްދީން ގުޅިވަޑައިގަތީ 1982 ގަ އެވެ. އޭގެފަހުން ހިނގައިމިދިޔަ 40 އަހަރުގެ ދިގު ތާރީހުގައި އޭނާ ވަނީ ބީއެމްއެލްގެ އެކްޓިން ސީއީއޯ ކަމާއި މެނޭޖިން ޑިރެކްޓަރުކަން ވެސް އަދާ ކުރައްވައިފަ އެވެ.
ހަތަރު ފަހަރެއްގެ މަތިން ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރުކަން އައިޝަތު ނޫރައްދީން ފުރުއްވާފައިވާއިރު، އެ ބޭންކުގެ މިހާރުގެ ސީއީއޯ، ކާލް ސްޓުމްކެ އެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް ބޭންކުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވީ އައިޝަތު ނޫރައްދީނެވެ.
ބީއެމްއެލްގެ ޑިރެކްޓަރުންނަކީ އެ ކުންފުނީގެ ހިއްސާދާރުންގެ ފަރާތުން ހުށަހަޅައިގެން ބޭންކަށް އައްޔަނުކުރާ ފަރާތްތަކެކެވެ. އެންމެ ބޮޑު ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރަށް ލިބެނީ ހަތް ޑިރެކްޓަރުން އައްޔަނުކުރާށެވެ. ބާކީ ތިބޭ ހަތަރު ޑިރެކްޓަރުންގެ ތެރެއިން ތިން ހިއްސާދާރުން އިންތިހާބުކުރަނީ އާންމު ހިއްސާދާރުންގެ ތެރެއިންނެވެ. ދެން ހުންނަނީ ސަރުކާރުން ހުށަހަޅައިގެން އައްޔަނުކުރާ މުސްތަގިއްލު ޑިރެކްޓަރެކެވެ.
ސަރުކާރުން ހުށަހަޅާ ޑިރެކްޓަރުންގެ ނަންތައް ފާސްކުރަނީ ސަރުކާރުގެ ހިއްސާތައް ހިމެނޭގޮތަށް ނަގާ ޕޯލްއަކުން، އަހަރީ އާންމު ޖަލްސާގަ އެވެ. އާންމު ހިއްސާދާރުންގެ ތެރެއިން އިންތިހާބުކުރާ ޑިރެކްޓަރުންގެ ނަންތައް، ހަމަ އެ ޖަލްސާގައި، ފާސްކުރަނީ ހަމައެކަނި އާންމު ހިއްސާދާރުންގެ މެދުގައި ނަގާ ޕޯލްއަކުންނެވެ.













