ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަލާމަތީ ހިދުމަތްތަކުން އެތެރެކުރާ ހުރިހާ އެއްޗަކުން އިމްޕޯޓު ޑިއުޓީ ކަނޑާލުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ގޮތަށް އިމްޕޯޓު ޑިއުޓީ މައާފުކުރުމުގެ އުސޫލު އިސްލާހުކޮށްފި އެވެ.
މި އަހަރު ކުރީކޮޅު ވެސް މި އުސޫލަށް އިސްލާހެއް ގެނަ އެވެ. އެފަހަރު ޑިއުޓީ މައާފުނުކުރެވޭ ގޮތަށް އިސްތިސްނާ ކުރީ ހަތިޔާރާއި ވަޒަނާއި އެ އެއްޗެހީގެ ބައިތަކާއި އެ އެއްޗެއްސާ ގުޅޭ ބައިތަކެވެ. ކުރިން އޮތް ގޮތުން އެތަކެތިން 35 ޕަސެންޓުގެ ޑިއުޓީއެއް ނަގަ އެވެ.
ނަމަވެސް، އިއްޔެ ގެޒެޓުކުރި އިސްލާހާއެކު ރައީސްއަށް ޑިއުޓީ މާފުކުރުމުގެ އިހުތިޔާރު ލިބޭ ތަކެތީގެ ތެރޭގައި ހަތިޔާރާއި ވަޒަނާއި ހަތިޔާރުގެ ބައިތަކާއި ހަތިޔާރާ ގުޅޭ ތަކެތި ވެސް ހިމެނޭނެ އެވެ.
ޖެނުއަރީ މަހު މި އުސޫލަށް އިސްލާހު ގެނައީ އެމްއެންޑީއެފްއަށް އަލަށް ގެނައި އަސްކަރީ ޑްރޯންތައް އެތެރެކުރުމަށް ވަމުންދިޔަ ތައްޔާރީތަކުގެ ތެރެއިންނެވެ. ބެލެވޭ ގޮތުގައި އެއިރު އެ އިސްލާހު ގެނައީ އަގުބޮޑެތި ޑްރޯންތަކުން އިމްޕޯޓު ޑިއުޓީ ނުދެއްކުމަށްޓަކަ އެވެ.
ކުރިން މި އުސޫލަށް ގެނައި އިސްލާހުގައި ދެން ހިމެނެނީ، އިގުތިސާދީ ގޮތުން ބޭނުންތެރި މަސައްކަތަށް ގެނެވޭ ތަކެތީގެ ޑިއުޓީ މާފުކުރެވޭ މުއްދަތަށް ގެނައި ބަދަލެވެ.

ކުރިން އުސޫލުގައި ވަނީ އަލަށް ފަށާ އިގުތިސޯދީ މަސައްކަތެއް ނަމަ، އެ މަސައްކަތަށް ގެނެވޭ ތަކެެއްޗަށް އިންވެސްޓްމަންޓް ގާއިމްކުރެވެންދެން ނުވަތަ، ގިނަވެގެން ތިން އަހަރު ދުވަހުގެ މުއްދަތަށް ޑިއުޓީ މާފުކުރެެވޭނެ ކަމަށެވެ. އާ އުސޫލުގައި ވަނީ ތިން އަހަރުގެ މުއްދަތުގެ ބައި ކަނޑާލައި، ހަމައެކަނި އިންވެސްޓްމަންޓް ގާއިމްކުރެވެންދެން ޑިއުޓީ މާފުކުރެވޭ ގޮތަށެވެ.













