މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން ސަރުކާރުގެ މައި ހޮސްޕިޓަލު، އައިޖީއެމްއެޗު ކައިރި ހުރި ފާރެއް ވައިގަދަވުމުގެ ސަބަބުން ވެއްޓިއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުން، ވެއްޓިފައިވަނީ އެ ހޮސްޕިޓަލާއި ދިރާގު މައި އޮފީހާ ދެމެދު ހުންނަ ފާރެކެވެ. އެއީ އެ ސަރަހައްދުގައި އޮންނަ ޕާކިން ޒޯނުގެ އިރުމަތިން ހުންނަ ފާރެވެ. ފާރާއެކު އެތަނުގައި ހުރި ގަހެއްވެސް ވަނީ ވެއްޓިފަ އެވެ.
މި ހާދިސާގައި އެ ޒޯނުގައި ޕާކު ކޮށްފައި ހުރި ގިނަ އަދަދެއްގެ އުޅަނދުތަކެއް ފާރު ދަށުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. މިއީ އައިޖީއެމްއެޗުން ހިދުމަތް ހޯދާ މީހުންނާއި ވިލިމާލޭގައި ދިރިއުޅޭ މީހުން ވެސް ބޭނުންކުރާ ޕާކިން ޒޯނެކެވެ.
ފާރު ވެއްޓިގެން އެއްވެސް މީހަކަށް އަނިޔާވި ކަމެއްވެސް މިހާތަނަށް ސާފެއް ނުވެ އެވެ. މިކަމާ ގުޅިގެން ފުލުހުން މިހާތަނަށް ބަހެއް ނުބުނެ އެވެ.
އެ ސަރަހައްދަށް ދިޔަ "އަދަދު" ގެ ނޫސްވެރިން މައުލޫމާތު ދޭ ގޮތުގައި 20 ވަރަކަށް ސައިކަލަށް އެކިވަރުގެ ގެއްލުން ވަނީ ވެފަ އެވެ. ވެއްޓިފައިވާ ފާރު ކައިރި ފުލުހުންނާއި އާންމުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.













