ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ކުރާ ޕީއެންސީ ތަމްސީލު ކުރައްވާ މެންބަރުންނަށް "ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން" ކޮންމެ މަހަކު ދެއްވަމުން އަންނަ ބައިލައްކަ ރުފިޔާ މިމަހު ދެއްވީ އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުންނަށްކަން އެނގިއްޖެ އެވެ.
ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު ފައިސާ ދޭން ނިންމިކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވީ މުލިއާގޭގައި މެއި 22، ގައި ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމަށްފަހު ފާއިތުވި ދެ މަހު ވެސް ޕީއެންސީގެ ހުރިހާ މަޖިލިސް މެންބަރުންނަށް، ކޮންމެ މެންބަރަކަށް 50،000ރ. ގެ މަގުން "ރައީސްގެ ފަރާތުން" ފައިސާ ދީފައިވާކަން ޕީއެންސީގެ ބައެއް މެންބަރުން "އަދަދު" އަށް ކަށަވަރު ކޮށްދީފައިވެ އެވެ.
ޕީއެންސީގެ 75 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު އެ މެންބަރުންނަށް ބައިލައްކަ ރުފިޔާ ދޭން މަހެއްގެ މައްޗަށް 3.75 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.
ނަމަވެސް މިމަހު އެ ފައިސާ ދީފައި ވަނީ ބައެއް މެންބަރުންނަށް ކަމަށް މި ނޫހަށް މައުލޫމާތު ދިން ޕީއެންސީގެ މަޖިލިސް މެންބަރުން ވިދާޅުވި އެވެ. ފައިސާ ލިބުނީ ކިތައް މެންބަރުންނަށް ކަމެއް ނޭނގެ އެވެ.

"ރައީސްގެ ފަރާތުން" ދެއްވާ ފައިސާއާ ނުލައި ވެސް މަޖިލިސް މެންބަރަކަށް ކޮމެޓީ އެލެވެންސްގެ ގޮތުގައި ލިބޭ 20،000ރ. އާއެކު ކޮންމެ މަހަކު މުސާރައިގެ ގޮތުގައި 82،500ރ. ލިބެ އެވެ.
ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދެއްވަން ނިންމަވައި، އެކަން އިއުލާނު ކުރެއްވި ބައްދަލުވުމުގައި، އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ބުނެ އެގޮތަށް އެކަން ނުކުރުމަށް ބައެއް މެންބަރުން އެދުވަހު ރައީސްގެ އަރިހުން އެދުނު ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން މައުލޫމާތު މި ނޫހަށް މައުލޫމާތު ދިނެވެ.
ނަމަވެސް "އެއީ އެއްވެސް މައްސަލައެއް ނޫން" ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އެކަން އެމަގުން ކުރައްވަމުން ގެންދަވަނީ ކަމަށް އެމީހުން ބުންޏެވެ.
އެ ފައިސާގެ އިތުރުން ޕީއެންސީގެ އެކި މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންނަށާއި ޕީއެންސީ ހިންގުމަށް ވެސް "ރައީސްގެ ފަރާތުން" ފައިސާ ދޭ ކަމަށް ޕީއެންސީގެ އިސް ބައެއް ބޭފުޅުން ވަނީ މި ނޫހަށް މައުލޫމާތު ދީފަ އެވެ. އެ ފައިސާގެ ޖުމުލަ އަދަދު ހަ މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށް އެ ބޭފުޅުން މި ނޫހަށް ކަށަވަރު ކޮށްދިނެވެ.
"ރައީސް މުއިއްޒުގެ ފަރާތުން" މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު ދޭން ފައިސާ ހޯދަނީ ކޮން ގޮތަކަށް ކަމެއް ނޭނގެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މަހު މުސާރައަކީ 100،000ރ. އެވެ.












