އަމިއްލަ ބޭނުންތަކަށް ގެންނަ ތަކެތިން ޑިއުޓީ މައާފުވާ އުސޫލަށް ގެނައި ބަދަލާއެކީ، އަންނަ ނޮވެމްބަރުން ފެށިގެން ރާއްޖެއަށް އެތެރެކުރާ ދުންފަތާއި ދުންފަތުގެ އިސްތިއުމާލު ކުރާ ހުރިހާ ބާވަތަކުން ޑިއުޓީ ދައްކަން ޖެހޭނެ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
އަމިއްލަ ބޭނުންތަކަށް ޑިއުޓީ މާފުވާ އުސޫލަށް ގެނައި އިސްލާހާއެކީ ކުރިން 6،000ރ. ގެ ތަކެތި ގެނެވުނު ނަމަވެސް މިހާރު 10،000ރ. ގެ ތަކެތި ގެނެވެ އެވެ. އެކަމަކު އެ ގަވާއިދު އިސްލާހުކުރިއިރު ބައެއް ބާވަތްތަކުގެ މުދަލަކީ، ޑިއުޓީ އިސްތިސްނާ ނުވާނެ މުދަލުގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ.
އޭގެން އެއް ބާވަތަކީ ދުންފަތެވެ. އެގޮތުން ދުންފަތް ނުވަތަ ނިކޮޓިން އެކުލެވޭ ބާވަތްތަކާއި އެ ތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކާއި، އީ-ސިނގިރެޓު (ވޭޕް) އާއި، ޝީޝާ އަދި ފްލެވާޑް ސިނގިރެޓް ނުވަތަ އީ-ލިކުއިޑް ފަދަ ތަކެއްޗަށް ޑިއުޓީގެ އިނާޔަތް ދެން ނުލިބޭނެ އެވެ.
ކުރިން ކަސްޓަމުން އޮތީ މި މަހުގެ އެކަކުން ފެށިގެން މި އިނާޔަތް ދިނުން ހުއްޓާލަ ގޮތަށެވެ. ނަމަވެސް ބައެއް އިންތިޒާމުތައް ހަމަނުޖެހޭތީ ކަސްޓަމުން ވަނީ އަންނަ ނޮވެމްބަރުން ފެށިގެން އިނާޔަތް ދިނުން ހުއްޓާލާ ގޮތަށް ގަވާއިދުގެ އެ ބަޔަށް އަމަލުކުރުން ފަސްކޮށްފަ އެވެ.

ޑިއުޓީ ލުއި އުވާލުމުން އަންނާނެ ބަދަލުތައް ހިއްސާކުރަމުން ކަސްޓަމްސްގެ އޮފިޝަލަކު ބުނީ ދެން ރާއްޖެ އަންނަ ދިވެހިންނާއި ޓޫރިސްޓުން ވެސް ސިނގިރޭޓާއި ވޭޕު ޑިކްލެއާ ކުރަން ޖެހޭނެ ކަމަށެވެ. އަދި ޑިއުޓީ ފްރީން ގަންނަ އެއްޗެއްސަށް ވެސް އެއްވެސް އިސްތިސްނާއެއް ނުލިބޭނެ ކަމަށް އޮފިޝަލް ބުންޏެވެ.
ކަސްޓަމްސްގެ ޓެރިފް ތާވަލުގައި އޮތް ގޮތުން، ރާއްޖެ އެތެރެކުރާ ކޮންމެ ސިނގިރޭޓަކުން 3ރ. ޑިއުޓީ ދައްކަން ޖެހެ އެވެ. ދުންފަތުގެ އެހެން ހުރިހާ ބާވަތްތަކުން 200 ޕަސެންޓު ޑިއުޓީ ދައްކަން ޖެހެ އެވެ.











