ބޯކޮށް ވާރޭ ވެހި ވައިގަދަ ވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ އެލާޓު ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން މިއަދު ހެނދުނު 7:00 އާ ހަމައަށް މުޅި ރާއްޖެ އަށް ހުދު އެލާޓު ނެރެފައި ވަނިކޮށް، މިއަދު ފަތިހު ވަނީ ހއ. އިން ފެށިގެން ގދ. އަތޮޅަށް ރީނދޫ އެލާޓު ނެރެފަ އެވެ. ރީނދޫ އެލާޓު ނެރެފައި ވަނީ ހެނދުނު 9:00 އާ ހަމައަށެވެ.
މި އެލާޓުގެ ވަގުތުގައި ބޯކޮށް ވާރޭވެހި، ގުގުރައި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ، ކަނޑުގަދަވާނެ ކަމަށް ލަފާކުރެ އެވެ. އަދި އައްޑު އާއި ފުވައްމުލަކަށް ވެސް ވާރޭވި ވައިގަދަވާނެ ކަމަށް ލަފާކުރެ އެވެ.
މިއީ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރަ އެވެ.
އިއްޔެއިން ފެށިގެން މާލޭ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ވައި ވަރަށް ގަދަ އެވެ. އަދި ރޭ ދަންވަރުން ފެށިގެން މެދުކެނޑުމެއް ނެތި ދަނީ ވާރޭ ވެހެމުންނެވެ.

އޯގަސްޓު 9 ވަނަ ދުވަހު މޫސުމާ ބެހޭ ގައުމީ އިދާރާއިންނާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީން ވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ވަޔާއި ކަނޑުތައް ގަދަވުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ދުރާލައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް އިލްތިމާސްކޮށްފި އެވެ.
އެ ދުވަހު، މޫސުމާ ބެހޭ ގައުމީ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާދީއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރު މިނަކަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓް އޮފީހުގެ އިލްތިމާސްއާ ގުޅިގެން އެންޑީއެމްއޭއިން ވަނީ ރައްކާތެރިކަމުގެ އިރުޝާދު ކަރުދާހެއް އާންމު ކޮށްފަ އެވެ. އެ ކަރުދާހުގައި ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް ވެސް ހިމަނައިފައިވެ އެވެ.
އެންޑީއެމްއޭއިން ދިން އިރުޝާދުގައި ބުނީ ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުމުގެ ގޮތުން ގޯތިގެދޮރަށް ފެން ނުވަންނާނޭހެން ގޭގޭގެ ދޮރުމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެހުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި، ގޭތެރޭގައި ފެންބޮޑުވެއްޖެ ހާލަތެއްގައި ގެއްލުންވެދާނެ ފަދަ މުދާ ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް ބަދަލު ކުރުމާއި ގަދަވައިގެ ސަބަބުން ފުރާޅު އެއްލައިލިޔަ ނުދިނުމަށްޓަކައި ވައު ފަދަ އެއްޗަކުން ފުރާޅު އެއްލައިނުލާނެ ފަދަ ގޮތަކަށް ހައްޔަރު ކުރުމަށް އެންޑީއެމްއޭއިން އިލްތިމާސް ކޮށްފައިވެ އެވެ.












