ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތަށް ގެނައި ބަދަލަށް މަރުހަބާ ކިޔައި، ކުރިން އޮޅުވާލި އޮޅުވާލުމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރުއާ ބައްދަލު ކުރެއްވުމަށްފަހު "އަދަދު" އަށް ޝާހިދު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިނަކީ ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލުމަށް ހިންގި ފިތުނަވެރި ކެމްޕެއިނެއް ކަމަށާއި ނަމަވެސް ސަރުކާރުގެ ސިޔާސަތު ބަދަލުކުރައްވާ އިންޑިއާއާއެކު އޮތް ގުޅުން ބަދަހި ކުރަން މަސައްކަތް ކުރައްވާތީ މަރުހަބާ ކިޔާ ކަމަށެވެ.
"އެމްޑީޕީން ގަބޫލުކުރާ ގޮތުގައި އިންޑިއާ އައުޓް ކެމްޕެއިނަކީ ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލުމަށް ހިންގުނު ހަގީގަތާ ހިލާފު ފިތުނަވެރި ކެމްޕެއިނެއް. އެކަމަކު ނުވަ މަސް ދުވަސްވީއިރު އެކަން ސަރުކާރުން ގަބޫލުފުޅު ކުރައްވައި އަލުން އިންޑިއާއާއެކު ގުޅުން ބަދަހިކުރަން ފެއްޓެވި ކަމީ އެމްޑީޕީން މަރުހަބާ ކިޔާ ކަމެއް،" ޝާހިދު ވިދާޅުވި އެވެ.
ނަމަވެސް ޝާހިދު ވިދާޅުވީ ވޭތުވެދިޔަ ތަނުގައި ރައްޔިތުންނަށް އޮޅުވާލި އޮޅުވާލުމަށާއި ހެއްދެވި ބޮޑެތި ދޮގުތަކަށް ސަރުކާރުން ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް އެމްޑީޕީން ގޮވާލާ ކަމަށެވެ.
ޖައިޝަންކަރުއާ އެމްޑީޕީގެ ފަރާތުން ބައްދަލުކުރެއްވީ ޝާހިދުގެ އިތުރުން އެ ޕާޓީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި ނައިބު ރައީސް ހިސާން ހުސެއިން އާއި ޔޫތު ވިންގްގެ ރައީސް ރިފްގާ ޝިހާމް އާއި ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއާ އާމިނަތު ޝައުނާ އާއި ސެކެޓްރީ ޖެނެރަލް ޝާޒްލީ ޝަފީގު އަދި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ޝަހީމް އެވެ.

ބައްދަލުކުރެއްވުމާ ގުޅިގެން އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި ވަނީ އިންޑިއާއިން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގައި ފެށި މަޝްރޫއުތަކުގެ ނިންމުން ފާހަގަކުރުމުން ވަނީ މަރުހަބާ ކިޔާފަ އެވެ.
މީގެ އިތުރުން މި ސަރުކާރުން އިންޑިއާއާ ޖެހިގަތް ޖެހިގަތުމުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ފާހަގަކޮށް އެމްޑީޕީން ބުނީ ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާ ގޮތުގައި އިންޑިއާ ދެމިއޮންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.













