ރާއްޖެއާއި އަވަށްޓެރި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރަން މި ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެ ގައުމާއެކު އޮންނަ ގާތް ގުޅުން ދިވެހިން ބަލައިގަންނަ ކަމަށެވެ. އަދި އެ ގުޅުން އިތުރަށް ބަދަހިކުރަން މި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެ ވަރުގަދަވާތަން ދެކެން އަޅުގަނޑު ބޭނުންވޭ. އަޅުގަނޑު ދެ ގައުމަށްވެސް ކުރިއަށް އޮތްތަނުގައި އެދެނީ ސުލްހަވެރިކަމާއި، އަމާންކަން އަދި ކުރިއެރުން،"
ރައީސްގެ ކުރު ސްޕީޗުގައި، އިންޑިއާއިން މެދުކެނޑުމެތްނެތި ރާއްޖެއަށް ދެމުންދާ އެހީތެރިކަމަށް ޝުކުރުއަދާކުރެއްވި އެވެ. އަދި ހާއްސަކޮށް، ދެ ގައުމުގެ ގުޅުން ހަރުދަނާކޮށް ބަދަހިކުރުމުގައި ޖައިޝަންކަރު ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ރައީސް ވަނީ އޭނާއަށްވެސް ވަކިން ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ސަރުކާރުގެ އެހީގެ ދަށުން 28 ރަށެއްގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނިންމާ ދިވެހި ސަރުކާރާ ވަނީ ހަވާލުކޮށްފަ އެވެ. މިއީ އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކަކެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ސަރުކާރުގެ އެހީގެ ދަށުން 28 ރަށެއްގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނިންމާ ދިވެހި ސަރުކާރާ ވަނީ ހަވާލުކޮށްފަ އެވެ. މިއީ އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކަކެވެ.
ރައީސްގެ ވާހަކައިގައި މި މަޝްރޫއުތަކުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ލިބޭނެ ފަސޭހަތައް ފާހަގަކުރައްވާ އެކަމަށްވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އެ ގައުމުގެ ސަރުކާރަށް ޝުކުރު ދަންނަވާފަ އެވެ.
"އިންޑިއާ ސަރުކާރުން ރާއްޖޭގެ 28 ރަށެއްގައި ހިންގި އުމްރާނީ ތަރައްގީގެ ޒަރޫރީ މަޝްރޫއުތަކެއް ނިންމާ މިއަދު މިވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްފަ. މި މަޝްރޫއުތަކަކީ، ރާއްޖޭގެ ތަރައްގީއަށް މުހިންމު މަޝްރޫއުތަކެއް. އަދި މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ،" ރައީސް ވިދާޅުވި އެވެ.
އިންޑިއާގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރު ރާއްޖެ ވަޑައިގެންފައި މިވަނީ އެ ގައުމާއެކު އޮތް ޒަމާނީ ގުޅުމަށް މި ސަރުކާރުގެ ކުރީކޮޅު އެރި ލޮޅުމުން އަރައިގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ރައީސްގެ ވާހަކައިންވެސް ފާހަގަވެގެން ދިޔައީ ކުރިން އިންޑިއާއާ ދެކޮޅަށް ގެންގުޅުއްވި ސިޔާސަތުތައް ދޫކޮށް، އެ ގައުމާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމެވެ.













