މިއަދު ވެސް މޫސުން ގޯސްވެ، ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ ހަވީރު 6:00 އަށް ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ.
އިއްޔެއިން ފެށިގެން މާލޭ ސަރަހައްދަށް ވެސް މޫސުން ގޯހެވެ. ވާރޭވެހި ބައެއް ސަރަހައްދުތައް ފެންބޮޑުވިއިރު، ވައިގަދަވެ ބައެއް ގަސްތަކުގެ ގޮފިތައް ބިންދައިގެން ދިޔަ އެވެ.
އައިޖީއެމްއެޗް ހުންނަ، ކަނބާއައިޝާރަނި ހިނގުމުގައި ބޮޑުވި ފެންގަނޑު މިއަދު އިރުއެރިއިރު މުޅިން ހިންދައި ނުލެވެ އެވެ. ނަމަވެސް، އެހެން ސަރަހައްދުތަކައި ބޮޑުވި ފެންގަނޑު ސިފައިން ވަނީ ހިންދައިފަ އެވެ.
މިއަދު ހުޅަނގާއި ހުޅަނގު އުތުރުން 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިޔަކު ގާތްގަނޑަކަށް 40 މޭލަށް ވައި ބާރުވާނެ ކަމަށް މެޓު އޮފީހުން ލަފާކުރެ އެވެ.

ކަނޑުތައް ވެސް ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.












