އެހެން ދީނެއްގެ ފިކުރާއި ޝިޔާރު ފަތުރަން އުޅުނު ކަމަށް ކަނޑައަޅައި 2019 ވަނަ އަހަރު އުވައިލަން ނިންމި އެމްޑީއެން އަލުން ރުޖޫއަ ކުރުމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީ (ސީސީޕީއާރު) އިން ގޮވާލައިފި އެވެ.
އެ ސެންޓަރުން އެގޮތަށް ގޮވައިލީ ބައިނަލްއަގުވާމީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާ (އައިސީސީޕީއާރު) ގެ ދަށުން ރާއްޖެއިން ހުށަހެޅި ދެވަނަ ޕީރިއަޑިކް ރިޕޯޓު ދިރާސާ ކުރުމަށްފަހު ނެރުނު ރިވިއުގަ އެވެ. ދިވެހިރާއްޖެއަކީ އައިސީސީޕީއާރު ގެ މެންބަރު ގައުމެކެވެ.
ސީސީޕީއާރަކީ އައިސީސީޕީއާރުގައި ސޮއި ކޮށްފައިވާ ގައުމުތަކުން އެ މުއާހަދާއަށް އަމަލު ކުރާ މިންވަރު ބަލާ ބެލެނިވެރި ފަރާތެވެ.
އެ ރިވިއުގައި ސީސީޕީއާރުން ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ނޫސްވެރިންނަށާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ މީހުންނަށް ފުރައްސާރަކޮށް މާރާމާރި ހިންގައި ބިރު ދެއްކުމުގެ އަމަލުތައް ރާއްޖޭގައި ހިންގާކަން ފާހަގަކޮށް އެ ކޮމެޓީން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އެމްޑީއެން އުވައިލީ އިންސާފުވެރި މަރުހަލާތައް ކަޑައްތު ކޮށްފައި ނޫން ކަމަށާއި އެ ޖަމިއްޔާ އަލުން ރުޖޫއަ ކުރުމާއެކު ހިފަހައްޓާފައި ހުރި އެ ޖަމިއްޔާގެ ފައިސާތައް ދޫކޮށްލުމަށް ސީސީޕީއާރުން ގޮވާލާފައިވެ އެވެ. އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކާ ދެކޮޅަށް ހުށަހެޅޭ ޝަކުވާތައް އިންސާފުވެރިކަމާ އެކު ތަހުގީގުކޮށް އަނިޔާ ލިބިފައިވާ މީހުންނަށް އަވަހަށް ބަދަލު ދިނުމަށް ވެސް އެ ކޮމެޓީން ގޮވާލާފައިވެ އެވެ.

އެމްޑީއެން އުވައިލީ ހަރުކަށި ފިކުރު ދިވެހިރާއްޖޭގައި އޮތް މިންވަރު ބެލުމަށް ކަމަށް ބުނެ ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނަށް އިހާނެތިކޮށް ހިތައި ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ކަނޑައެޅުމަށްފަހު އެވެ.
އެމްޑީއެންގެ ރިޕޯޓުގައި ޖިހާދު ކުރުމަކީ ގޯސް ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ. އަދި އިސްލާމީ ހައްދުތަކަކީ އަނިޔާވެރި އަމަލުތަކެއް ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން ރަސޫލާއަށް ކަމޭހިތުމާއި އިހުތިރާމް ކުރުމަކީ ހަރުކަށި ފިކުރު ކަމަށް ބުނެދޭން އުޅެފައިވެ އެވެ.
އެމްޑީއެން އުވައިލީ ރަނގަޅަށް ކަމަށް މިދިޔަ އަހަރު މާރިޗު 28، 2023، ގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވެ އެވެ.
ސީސީޕީއާރުގެ ރިވިއުގައި މި ސަރުކާރުން އުވައިލިއިރު، އެ ކޮމިޝަނަށް ލިބިފައި ހުރި ހުރިހާ މައުލޫމަތެއް އާންމު ކުރުމަށް ގޮވާލާފައިވެ އެވެ. އެގޮތުން ކުރީގެ މަޖިލިސް މެންބަރު، ޑރ. އަފްރާޝީމް އަލީ މަރާލި ނޫސްވެރިޔާ، އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލަ ހިމެނޭހެން އެ ކޮމިޝަނުން ބެލި 27 މައްސަލައިގެ ހުރިހާ މައުލޫމާތެއް އާންމު ކުރުމަށް އެ ކޮމެޓީން ގޮވާލައިފައިވެ އެވެ.
އޭގެ އިތުރުން ނޮވެމްބަރު 17، 2018، ގެ ކުރިން ރާއްޖޭގައި އިންސާނީ ހައްގުތައް ނިގުޅައިގެންފައި ހުރި މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވައިލި އިންތިގާލީ އިންސާފުގެ އޮފީހުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ސީސީޕީއާރުގެ ރިވިއުގައި ބުނެފައިވެ އެވެ. އެގޮތުން 2008 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި ހިންގާފައި ހުރި ލާއިންސާނީ އަމަލުތައް ތަހުގީގުކޮށް އަނިޔާ ލިބުނު މީހުންނަށް ބަދަލު ދިނުމަށް އެ ކޮމެޓީން ގޮވާލާފައިވެ އެވެ.
ސީސީޕީއާރުގެ ރިވިއުގައި އެއް ޖިންސުން ގުޅުން ހިންގުން ރާއްޖޭގައި ކުށަކަށް ހަދާފައި އޮތުމާއި ވަކި ޖިންސަކަށް އަމާޒުކޮށް ހިންގާ ކުށްތައް ތަހުގީގު ކުރުމުގައި ރާއްޖެއިން އަމަލު ކުރާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ވެސް ސީސީޕީއާރުން ގޮވާލާފައިވެ އެވެ.











