ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސައިބަ ކްރައިމްއާ ގުޅޭ ބިލްތަކަކީ ނުރައްކަލެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ސައިބަ ކްރައިމްއާ ގުޅުން ހުރި ބައިތަކާއި އެ ދާއިރާއިން ފުލުހުންނަށް ބާރުތައް ލިބިދޭ ގޮތަށް އިސްލާހު ގެންނަން ހުށަހަޅާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގާނޫނުލްއުގޫބާތު އަދި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށެވެ.
ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ސައިބަ ކްރައިމްގެ ނަމުގައި މަޖިލީހަށް ފޮނުވާފައިވާ ބިލަކީ ފަރުދީ ހައްގުތަކަށް އަރައިގަތުމަށް ފުލުހުންނަށް އިތުރު ބާރުތަކެއް ލިބިދޭ ބިލެއް ކަމަށެވެ. އެންމެ ބިލެއްގެ ގޮތުގައި ޔާމީން ފާހަގަ އެ ކުރެއްވީ ސައިބަ ކްރައިމްއާ ގުޅޭ ކަންކަން ހިމަނާފައިވާ ތިން ބިލަށެވެ.
އެ ބިލްތައް ގާނޫނަކަށް ވެއްޖެ ނަމަ ބޭނުންވާ ކޮންމެ މީހެއްގެ ފޯނާއި ކޮމްޕިއުޓަރުތަކުގައި ރައްކާކޮށްފައިވާ މައުލޫމާތު މޮނިޓަކޮށް ބެލުމުގެ ބާރު ފުލުހުންނަށް ލިބިދޭ ކަމަށާއި އެއީ ފަރުދީ މިނިވަން ކަމަށް އަރައިގަތުން ކަމަށް ޔާމީން ވިދާޅުވި އެވެ.
އެފަދަ ގޮތަކަށް ހައްގުތަކަށް އަރައިގަތަސް، ބެލޭނެ ގާނޫނީ އިންތިޒާމެއް ނެތް ކަމަށާއި، އެކަމަށް އޮތް މުއައްސަސާކަމުގައިވާ އިންޓެގްރިޓީ ކޮމިޝަނަށް މައްސަލައެއް ހުށަހެޅިޔަސް ކުރިއަށް ނުދާ ކަމަށް ޔާމީން ފާހަގަ ކުރެއްވި އެވެ.

"އެހެންވީމަ ދޭން ނުޖެހޭ ބާރުތަކެއް ދޭކަށް ނުވާނެ،" ޔާމީން ވިދާޅުވި އެވެ.
އެ ބިލްތަކާ ގުޅިން ރައީސް މުއިއްޒުގެ ވެރިކަން ޔާމީން ސިފަ ކުރެއްވީ ހިޓިލަރުގެ ޖާމަނީ ހިންގަން އުޅުއްވި ގޮތަށް ރާއްޖެ ހިންގަން އުޅުއްވަނީ ކަމަށެވެ.
ހަނގުރާމައާ ގުޅޭ ކަންކަމާއި އޯގަނައިޒްޑް ކުރައިމްއާ ގުޅޭ ތުހުމަތުތަކުގައި މުއާމަލާތްތައް އަޑު އެހުމުގެ ގާބީލްކަމާއި ބާރު ފުލުހުންނަށް މިހާރު ވެސް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް ފޯނުތައް އަޑުއަހާ، މިހާރު ވެސް އެ ގާބިލިއްޔަތު އެބަހުރި ފުލުހުންގެ ވެސް، އެމްއެންޑީއެފްގެ ވެސް އެބަހުރި. ދެން މިހާރު މި ދިޔައީ ސައިބާ ސްޕޭސް އަށް ސައިބާ ކްރައިމްގެ ނަމުގައި މިހާރު ބިލެއް ފޮނުވައިގެން އުޅެނީ އަނެއްކާ ވެސް އިތުރަށް ރައްޔިތުންގެ ޕްރައިވެޓް ރައިޓްސް އިންފްރިންޖު ކުރަން،" ޔާމީން ވިދާޅުވިއެވެ.
ފުލުުހުންނަށް ރައްޔިތުންގެ އިތުބާރު ހޯދަން ވާނީ ފުލުހުންގެ އަމަލުން ކަމަށާއި އިތުބާރު ގެއްލެނީ ބެހެން ނުޖެހޭ ކަންތައްތަކާ ބެހި، ކުރަން ނުޖެހޭ ވަރަށް އެކްސެސިވް ބާރު ބޭނުކުރާތީ ކަމަށް ވިދާޅުވި އެވެ.
ސައިބަ ކްރައިމްއާ ގުޅޭ ބިލްތައް
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް













