މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ އެއްވެސް މުވައްޒަފަކަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭ ކަމަށް އެ ކުންފުނީގެ ބައެއް މުވައްޒަފުން ބުނެފި އެވެ.
ޕޯސްޓު އޮފީހުން އާންމުކޮށް މުސާރަ ދެނީ ކޮންމެ މަހެއް ނިމުމުގެ ކުރިންނެވެ. ނަމަވެސް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭ ކަމަށް އެ ތަނުގެ މުވައްޒަފަކު މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.
މޯލްޑިވްސް ޕޯސްޓުގައި 200 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. ޕޯސްޓު އޮފީހުން 14 އަތޮޅު އޮފީސް ހިންގަ އެވެ. އަދި މުޅި ރާއްޖޭގައި 172 އެޖެންސީ އޮފީސް ހިންގަ އެވެ.
ސަތޭކަ ޕަސެންޓު ސަރުކާރުގެ ހިއްސާ އޮންނަ ޕޯސްޓު ލިމިޓެޑުގެ މުވައްޒަފުންނަށް މުސާރަ ނުލިބި ލަސްވާއިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުން ބެލެވެ އެވެ.
ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަ ކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގޮތުން ކުރަން ވައުދުވި އެންމެ ބޮޑު އެއް ކަމަކީ ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރުމެވެ. ނަމަވެސް މިހާތަނަށް އެކަންކޮށްފައެއް ނުވެ އެވެ.

"ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައި. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ. މީގެ ތެރޭގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ،" ޖޫން 27، ގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
ޕޯސްޓަކީ ރާއްޖޭގައި އެންމެ ދުވަސްވީ އެއް ހިދުމަތެވެ. ޕޯސްޓުގެ ހިދުމަތް ރާއްޖޭގައި ފެށީ 1906 ވަނަ އަހަރެވެ. އެތަން ސަރުކާރުގެ 100 ޕަސެންޓު ހިއްސާވާ ކުންފުންޏަކަށް ބަދަލު ކުރީ 1994 ވަނަ އަހަރެވެ.












