ބަންގްލަދޭޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިން އިތުރަށް ސަމާލުވާން ދިވެހި ސަރުކާރުން އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ.
ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައިވަނީ ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހިންގެ ހާލު ވަރަށް ގާތުން އެ ގައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ބަލަމުންގެންދާ ކަމެވެ.
ބަންގްލަދޭޝްގައި 91 ދަރިވަރުންނާ އެކު ޖުމުލަ 119 ދިވެހިން ތިބި ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަަޅު ކަމަށް ސަރުކާރުން ބުނެ އެވެ.
ބަންގްލަދޭޝްގައި މިހާރު ބައެއް ވަގުތުތަކުގައި ކާފިއު ހިންގާ ކަމަށާއި އެ ވަގުތުތަކުގައި ބޭރުގައި ނުނިކުތުމަށް ސަރުކާރުން އިލްތިމާސް ކުރެ އެވެ. އަދި ބަންގްލަދޭޝް ސަރުކާރާއި ހައިކޮމިޝަނުން ދޭ އިރުޝާދުތަކަށް ބޯލެނބުމަށް ވެސް ސަރުކާރުން އިލްތިމާސްކުރެ އެވެ.
ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް ފޮރިން މިނިސްޓްރީން އެދެ އެވެ. އެއީ 8801329748885+ ނުވަތަ 8801708120318+ ނަންބަރު ފޯނު އެވެ.

މީގެއިތުރުން، އެހީތެރިކަމެއް ބޭނުންވާ ނަމަ ހާރިޖީ ވުޒާރާގެ ހޮޓްލައިން ނަންބަރު 7983400 އަށް ވެސް ގުޅޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ބަންގްލަދޭޝްގައި ކޮލެޖު ދަރިވަރުން ކުރަމުންދާ މުޒާހަރާތައް ވަރުގަދަވެ، 25 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ. އެ މުޒާހަރާ ކުރަމުންދަނީ 1971 ގެ ހަނގުރާމާގައި ބައިވެރިވި ބަންގްލަދޭޝް ސިފައިންގެ އާއިލާތަކަށް ސަރުކާރުގެ ވަޒީފާތަކުގެ 30 ޕަސެންޓު ދޭން ނިންމުމާ ގުޅިގެންނެވެ.













