ކުރީގެ ގައުމީ ޝިޕިން ކުންފުނި، އެމްއެންއެސްއެލްއިން ކުއްޔަށް ދޭ އެޕާޓްމެންޓު އިމާރާތެއްގެ ކުރިން ބޭނުން ކުރަމުން ދިޔަ އޯކިޑް ޕްލާޒާގައި އަލިފާން ރޯވެއްޖެ އެވެ.
ބުރުޒު މަގުގައި ހުންނަ ހަތަރު ބުރީގެ އެ އިމާރާތުގައި މީހުން ދިރި ނޫޅެ، ފަޅަށް ހުންނަތާ އަހަރުތަކެއް ވަނީ ވެފަ އެވެ. އެތަނުގައި ކަރަންޓުގެ އަލިކަމެއް ވެސް ނުހުރެ އެވެ.

އޯކިޑް ޕްލާޒާގައި ރޯވި އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައި. -- ފޮޓޯ: ހުސައިން ހަސަން
އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި އަލިފާން ރޯވީ ރޭ ފަތިހު 4:00 ހާއިރު އެވެ. އެ ހާދިސާގައި މީހަކަށް ގެއްލުމެއް ލިބުނު ކަމެއް، ކަމާގުޅޭ އިދާރާތަކުން އަދި ނުބުނެ އެވެ.
އޯކިޑް ޕްލާޒާގައި އަލިފާން ރޯވި ރިޕޯޓު ލިބުމާއެކު ވަރަށް އަވަހަށް ސިފައިން ގޮސް، އަލިފާންގަނޑު ކޮންޓްރޯލްކުރި އެވެ. ނަމަވެސް އަދިވެސް ދުން އެބަ އަރަ އެވެ.

މި ހާދިސާ ހިނގި ސަބަބެއް، ފުލުހުންނާއި އެމްއެންޑީއެފުން ވެސް އަދި ހާމައެއް ނުކުރެ އެވެ.












